އެވަގުތުގެ ބޭނުން ހިފާ މީހުންނަށް މާތްﷲ ކީރިތި ޤުރްއާނުގައި ޘަނާގެ ބަސްވަޙީކުރައްވާފައިވާ ވަގުތެކެވެ.
އެވަގުތުގައި ޤިޔާމުވެ ނަމާދު ކުރުމަކީ އެންމެ މަތިވެރި ސުންނަތް އަޅުކަންތަކުގެ ތެރެއިން އަޅުކަމެއް ކަމުގައި ލެއްވިގެންވެއެވެ. އެވަގުތެއްގައި އެއިލާހު ތަބާރަކަ ވަތަޢާލާ ދުނިޔޭގެ އުޑަށް ތަޖައްލީވެ ވޮޑިގަންނަވާ ބަރަކާތްތެރި ވަގުތުކޮޅެކެވެ. އެވަގުތެއްގައި އިސްތިޣުފާރު ކުރުން ގިނަ ކުރުމަށް އެންގެވިގެންވާ ރޭގަނޑުގެ ރަބީޢެވެ. އާދެ ހާރު ދަމެވެ.
ހާރު ދަމަކީ ހާދަހާވާ މާތްވެގެންވާ ވަގުތެކެވެ. އަދި ރަމަޟާން މަހުގައި މިވަގުތުކޮޅު ވަކިން ޚާއްސަވެގެން ދެއެވެ. އާދެ ވަރަށް ބައިވަރު ސަބަބު ތަކަކަށްޓަކައެވެ.
ރަމަޟާން މަހަކީ އެމަހެއްގައި ޤިޔާމުވެ، ރޭގަނޑުގައި ތަހައްޖުދުކޮށް ރޭއަޅުކަމުގައި ގިނަ ވަގުތުތަކެއް ހޭދަކުރުމަށް މި ދީން ވަރަށް ބޮޑަށް ބާރު އަޅާ މަހެކެވެ. އެގޮތުން ހާރު ދަމުގައި ދަމުނަމާދުކޮށް، ޤުރްއާން ތިލާވަތުކޮށް ހެދުމަކީ އުންމަތުގެ ސަލަފުއްޞާލިހުން ދެއްކެވި ރިވެތިވެގެންވާ ނަމޫނާއެވެ.
އޭގެ އިތުރަށް މިވަގުތުކޮޅުގައި ﷲ ސުބުޙާނަހޫ ވަތަޢާލާއަށް ވީހާވެސް ގިނައަކުން ދުޢާކުރުން ވަނީ އެދެވިގެންނެވެ. އަދި ހާރުދަމުގެ ވަގުތުގައި ދުޢާކުރާ އަޅުތަކުންނަށް، ﷲ ތަޢާލާ އިޖާބަދެއްވާނޭކަމުގެ އުފާވެރިކަމުގެ ޚަބަރު ނަބިއްޔާ صلى الله عليه وسلم ވަނީ ދެއްވާފައެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ.
«يَنْزِلُ رَبُّنَا تَبَارَكَ وَتَعَالَى كُلَّ لَيْلَةٍ إِلَى السَّمَاءِ الدُّنْيَا حِينَ يَبْقَى ثُلُثُ اللَّيْلِ الآخِرُ يَقُولُ: مَنْ يَدْعُونِي فَأَسْتَجِيبَ لَهُ، مَنْ يَسْأَلُنِي فَأُعْطِيَهُ، مَنْ يَسْتَغْفِرُنِي فَأَغْفِرَ لَهُ» [صحيح البخاري (1145) وصحيح مسلم (168 –758)
މާނަ: "ކޮންމެ ރެއެއްގެ ތިން ބައިން ފަހު ބަޔަށް ވެފައިވަނިކޮށް، އަޅަމެންގެ ރައްބު تبارك وتعالى ދުނިޔޭގެ އުޑަށް ފައިބައިވޮޑިގަންނަވައި ވަޙީކުރައްވައެވެ. "ތިމަން އިލާހުގެ ޙަޟްރަތަށް ދުޢާ ދަންނަވަނީ ކާކު ހެއްޔެވެ. ފަހެ އެމީހެއްގެ ދުޢާ އިޖާބަކުރައްވާ ހުށީމެވެ. ތިމަން އިލާހުގެ ޙަޟްރަތުން ކަމަކަށް އެދެނީ ކާކު ހެއްޔެވެ. ފަހެ އެމީހެއްގެ ދުޢާ އިޖާބަކުރައްވާ ހުށީމެވެ. ތިމަންއިލާހުގެ ޙަޟްރަތުގައި ފާފަފުއްސެވުމަށް އެދި ދަންނަވަނީ ކާކު ހެއްޔެވެ. ފަހެ އެމީހެއްގެ ފާފަ ފުއްސަވާ ހުށީމެވެ."
އަދި މިވަގުތަކީ އިސްތިޣުފާރު ކުރުން ގިނަ ކުރުން އެދެވިގެންވާ ވަގުތެކެވެ. މާތް ﷲ ވަޙީކުރައްވާފައި ވެއެވެ. إِنَّهُمْ كَانُوا قَبْلَ ذَٰلِكَ مُحْسِنِينَ ﴿١٦﴾ كَانُوا قَلِيلًا مِّنَ اللَّيْلِ مَا يَهْجَعُونَ ﴿١٧﴾ وَبِالْأَسْحَارِ هُمْ يَسْتَغْفِرُونَ ﴿١٨﴾ (سورة الذاريات)
މާނައީ: "އޭގެ ކުރިން ހަމަކަށަވަރުން އެބައިމީހުންވީ އިޙްސާންތެރިން ކަމުގައެވެ. (16) އެބައިމީހުން ނިދާ އުޅުނީ ރޭގަނޑުން ވަރަށް ކުޑަ ވަގުތުކޮޅެއްގައެވެ. (17) އަދި ހާރުދަމުގައި ފާފަފުއްސެވުމަށް އެދި އެބައިމީހުން ދުޢާ ކުރެއެވެ. (18)"
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!