އިންޑިއާގެ މަލާބާރު ކަރައިގެ ރަސްގެފާނު އިސްލާމްވެވަޑައިގަތީ ދިވެހިރާއްޖޭގެ ރަސްގެފާނު ދީނަށް ގޮވާލައްވައިގެން ކަމަށް ބުނާ ފޯކުލޯރެއް މަލާބާރު ކަރައިގެ މީހުން ކިޔާއުޅެއެވެ.
އެ ފޯކުލޯރުގައި ކިޔާއުޅެނީ މަލާބާރު ކަރައިގެ ރަސްގެފާނު ޗާރމަން ޕެރޫމާލް (Cheraman Perumal)އިސްލާމްވެ ވަޑައިގަތީ ދިވެހިރާއްޖޭގެ ރަސްގެފާނު ދީނަށް ގޮވާލެއްވީމާ ކަމަށެވެ. އިންޑިއާގެ މަލާބާރުކަރައިގެ ރަސްގެފާނު އިސްލާމްވެވަޑައިގަތުމަށްފަހު އިސް ވަޒީރު ކްރިޝްނާ ކިޔާ ބޭފުޅަކާއެކު ރާއްޖެއަށް ދަތުރުކުރެއްވި ކަމަށާއި އެއަށްފަހު ތިން ބޭފުޅުން އެކުގައި ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރެއްވުމަށް މައްކާއަށް ވަޑައިގަތީ ކަމަށް މި ފޯކުލޯރުގައި ކިޔައެވެ.
މި ފޯކުލޯރުގައި ކިޔަނީ އިންޑިއާގެ މަލާބާރު ކަރައިގެ ރަސްގެފާނު ހިންދޫ ދީން ދޫކުރައްވައި އިސްލާމްވެވަޑައިގަތުމަށްފަހު ދިވެހިރާއްޖެއިން ފުރައިގެން ތިން ބޭފުޅުން ޙައްޖަށް ވަޑައިގަތުމަށްފަހު އެބުރި ވަޑައިގެންނެވި މަގުމަތީގައި މަލާބާރު ކަރައިގެ ރަސްގެފާނު އޮމާނުގެ "ސަހަރު މުކައްލާ" އޭކިޔާ ސަރަޙައްދުގައި އަވަހާރަވީ ކަމަށެވެ. މިހާރު ވެސް އެ ސަހަރުގައި އިންޑިއާގެ މަލާބާރުކަރައިގެ ރަސްގެފާނުގެ މަޤްބަރާ ހުންނަކަމަށް އެ ފޯކުލޯރުގައި ކިޔާ އުޅެއެވެ.
ފޯކުލޯރަކީ ކޮންމެ ވެސް ވަރެއްގެ ޙަޤީޤަތެއް އޮތް ނަމަވެސް ތުންތުންމަތިން ވާރިދުވަމުން އަންނަ ވާހަކަތަކަކަށް ވާތީ މި ވާހަކައިގެ ސައްހަކަމުގެ މިންވަރެއް ނޭނގެއެވެ. އެނގޭ ކަމަކީ މި ވާހަކައަށް ބާރު ލިބޭ އެހެން މަސްދަރެއް އޮތްކަމާއި މި ވާހަކަ ނޫނަސް މަލާބާރު ކަރައަށް އިސްލާމް ދީން ތަޢާރަފުވި ގޮތްކަމަށް ބުނާ ތަފާތު ގޮތްތަކުގެ މައްޗަށް ފޯކުލޯރުތައް ކިޔެމުން އައިސްފައިވާ ކަމެވެ.
ދިވެހިރާއްޖޭގެ ރަސްގެފާނުގެ ގޮވާލެއްވުމަށް މަލާބާރުކަރައިގެ ރަސްގެފާނު އިސްލާމްވެ ވަޑައި ގެންނެވި ކަމަށްބުނާ ފޯކުލޯރަށް ބާރު ލިބޭ ލިޔުމަކީ ސުހަރުވަރުދީގެ ލިޔުއްވުމެކެވެ.
ބަޣުދާދުގެ ސޫފީ ޢިލްމުވެރިއެއް ކަމަށްވާ ސުހަރުވަރުދީ ލިޔުއްވާފައިވާ "ރިހުލަތުލްމުލޫކު" ނުވަތަ "ރަސްރަސްކަލުންގެ ދަތުރުފަތުރުތައް" އިނގިރޭސިވިލާތުގެ ލަންޑަންގެ ލައިބްރަރީގައި އޮތް މި ފޮތުގައި އިންޑިއާގެ މަލަބާރުގެ ރަސްގެފާނުގެ އިސްލާމްވެވަޑައިގަތީ ދިވެހިރާއްޖޭގެ ރަސްގެފާނުގެ ގޮވާލެއްވުމަށްކަން ވަރަށް ސާފުކޮށް ބަޔާންކުރައްވާފައިވެއެވެ. އަދި އެ ދެބޭފުޅުން އެކުގައި ޚިޖާޒުކަރައަށް ޙައްޖަށް ވަޑައިގެންނެވި ކަމަށް ވެސް ލިޔުއްވާފައިވެއެވެ.
މި ފޮތުގައި އާ ވާހަކައެއް ވެސް އޮވެއެވެ. އެއީ ބަޣުދާދުގައި ހުންނެވި މާލިކު ބުނު ދީނާރު ކިޔުނު ބޭފުޅަކާ ދިވެހިރާއްޖޭގެ ރަސްގެފާނާ އޮތް އެކުވެރި ރަޙުމަތްތެރިކަމުގެ ވާހަކައެވެ. މަލާބާރުކަރައަށް އިސްލާމްދީން ފުރަތަމަ ތަޢާރަފު ކުރެއްވި ބޭފުޅަކީ މިއީ ކަމަށް ބުނާ ވާހަކައަކީ ވެސް މަލާބާރު ކަރައިގައި ވަރަށް މަޝްހޫރު ވާހަކައެކެވެ.
ދިވެހިރާއްޖޭގެ ރަދުންގެ ގޮވާލުމަކަށް މަލާބާރު ކަރައިގެ ރަސްގެފާނު އިސްލާމްވެވަޑައިގަތް ކަމަށް ބުނާ ފޯކުލޯރާއި ދިވެހިރާއްޖެ ހިޖުރައިން 548 (މީލާދީން 1153) ގައި އިސްލާމްވީ އިރު އިންނެވި ރަދުން އައްސުލްޠާން މުޙައްމަދު ބުނު ޢަބްދުﷲ (ދަރުމަވަންތަ ރަސްގެފާނު) އާ ބެހޭގޮތުން ދިވެހިތާރީޚުގައި ލިޔެވިފައިވާ ގޮތާ ގުޅުމެއް ވާކަމަށް ދެންނެވިދާނެއެވެ. އެއީ ދަރުމަވަންތަ ރަސްގެފާނު ވެސް އިސްލާމްވެވަޑައިގަތުމަށްފަހު ޙައްޖަށް ވަޑައިގެންނެވި ކަމަށް ބުނާ ބުނުމެވެ. އެ ރަދުން ހައްޖަށް ވަޑައިގަތީ ބޭރުން އައި ނަވެއްގައި ކަމަށް އޮންނަ އޮތުމެވެ.
ބުނެވޭގޮތުގައި ހުކުރު ދުވަހަކު ހުކުރުން ފައިބައި ވަޑައިގަންނަވައިގެން، ދަރުމަވަންތަ ރަސްގެފާނު ޙައްޖަށް ވަޑައިގަތުމަށްޓަކައި ބޭރުން އައިސްއޮތް ނަވަކަށް އަރާވަޑައިގަތުމުން، އުދުހިދިޔަ ދޫންޏެއް ފަދައިން ނައު ދުވެފައިގޮސް މީސްތަކުންގެ ލޯމަތިން ޣައިބުވީއެވެ. އާދެ! ބާރަށްދުވާ ނަވެއްގައި ފުރާވަޑައިގަތުމުން ކުޑަހިނދުކޮޅެއްގެ ތެރޭގައި މީސްތަކުންގެ ލޯމަތިން އޮބާލީއެވެ. އެ ޙައްޖު ދަތުރުފުޅަށްފަހު ދިވެހީންނަށް ދަރުމަވަންތަ ރަސްގެފާނުގެ ޚަބަރެއް ލިބިފައެއް ނުވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!