މުޅިރާއްޖެ ތަރައްޤީކުރުމުގައި އައްޑޫ ސިޓީގެ ޙިއްޞާބޮޑުކަމަށާއި، އެ ސަބަބަށްޓަކައި ރާއްޖެ ތަރައްޤީވުމުގައި އައްޑޫ ސިޓީ ތަރައްޤީވާންޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ރައީސް ޞާލިޙްގެ ދެ ކަނބަލުން އައްޑޫ ސިޓީގެ ރައްޔިތުންނަށް މިރޭ ދެއްވި މާހެފުމުގެ ތެރެއިން ރައްޔިތުންނާ މުޚާތަބުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ، އައްޑޫ ސިޓީގެ މަތިން އެމަނިކުފާނު ހަނދުމަފުޅު ނައްތަވައިނުލައްވާކަމުގައި ވިދާޅުވެފައެވެ.
މިރޭ ދެއްކެވި ވާހަކަފުޅުގައި ރިޔާސީ އިންތިޚާބުގެ ކެންޕެއިންގެ ހަނދާންތައް އައު ކުރައްވަމުން ރައީސް ޞާލިޙް ވިދާޅުވީ، އައްޑޫ ސިޓީގައި ބޭއްވި ކެންޕެއިންގެ އެންމެ ފަހު ޖަލްސާގައި ކައުންސިލުން އެމަނިކުފާނަށް އެރުވި އައްޑޫ ސިޓީ ތަރައްޤީކުރާނެ ގޮތުގެ ވައުދު ނާމާއާ އެއްގޮތަށް ސަރުކާރުން މިހާރު އެކަންކަން ފުރިހަމަކުރަމުން އަންނަކަމަށެވެ.
އޭގެ ތެރެއިން މަސައްކަތްތަކެއް މިހާރު ފަށައިގަނެވިފައި ވާކަމަށާއި، މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު ފުރަތަމަ އިސްކަންދޭން ޖެހުނީ އޭރު ގިނަ ރަށްތަކެއްގައި ނުލިބި ހުރި އަސާސީ ޚިދުމަތްތައް ދިނުމަށްކަމަށް ރައީސް ވިދާޅުވިއެވެ.
އައްޑޫ ސިޓީގައި ފެށިފައިވާ އަދި ފެށުމަށް ތައްޔާރުވެފައިވާ ބޮޑެތި މަޝްރޫޢުތަކަށް އަލިއަޅުވާލަށްވަމުން އައްޑޫ ސިޓީގެ މަގުތައް ހެދުމުގެ ބޮޑު މަޝްރޫއެއް މިހާރު ފެށިފައިވާކަމަށާއި، ގަން އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ ފުރިހަމަ ޔަޤީންކަން ލިބިފައިވާކަމަށް ވިދާޅުވިއެވެ. އަދި ލަސްތަކެއްނުވެ އެ މަޝްރޫއު ބިޑުކުރެވި އަމަލީ މަސައްކަތް ފެށޭނެކަމަށް ވެސް ވިދާޅުވިއެވެ.
އައްޑޫ ސިޓީގެ ބިން ހިއްކުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ބަޔަކާ މިއަދު ހަވާލުކުރެވިފައިވާކަން ފާހަގަކުރަށްވައި، އެ މަޝްރޫޢު ކުރިޔަށްގެންދާނީ އީއައިއޭ ހަދައި ތިމާވެށްޓަށް ކުރާ އަސަރު އެންމެ ކުޑަވާގޮތްތަކަށްކަމަށް ވިދާޅުވިއެވެ.
އެ ސިޓީއަށް ބިން އިތުރުކުރެވޭއިރު ސަރުކާރުގެ ވަޢުދާ އެއްގޮތަށް ފަތުރުވެރިކަމަށް 5 ރަށް ތަރައްޤީކުރާނެކަމުގައި ވެސް ރައީސްގެ ވާހަކަފުޅުގައި ވަނީ ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!