ނޭޝަނަލް ޖެންޑަރ އީކުއަލިޓީ އެކްޝަން ޕްލޭން 2022-2026 އިފްތިތާޙް ކޮށްފިއެވެ.
މި އެކްޝަން ޕްލޭން އިފްތިތާޙް ކޮށްދެއްވީ، ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަސް ފާހަގަކުރުމަށް މިރޭ ބޭއްވި ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމެވެ.
މުޖްތަމަޢުގައި އަންހެނުންނަށް ހަމަހަމަ ފުރުޞަތުތަކެއް ލިބިދިނުމަށް މި ޕްލޭން ގައި ވަނީ ޓާގެޓްތަކެއް ކަނޑައަޅާފައެވެ.
މިގޮތުން ހިމަނާފައިވާ ބައެއް ކަންތައްތަކަށް ބަލާއިރު ރައްޔިތުންގެ މަޖިލީހުގައި އަންހެނުން ތަމްސީލް ކުރަމުންދާ ގޮނޑިތަކުގެ އަދަދުގެ ނިސްބަތް 4.6 އިންސައްތާގައި މިހާރު ހުރިއިރު 2026 ވަނަ އަހަރުގެ ނިޔަލަށް އެ އިންސައްތަ 33 އިންސައްތައަށް މަތިކުރުމަށް ޓާގެޓް ކޮށްފަވެއެވެ.
ފަނޑިޔާރުންނާއި، މެޖިސްޓްރޭޓުންގެ ގޮތުގައި ޝަރުޢީ ދާއިރާއިން މިހާރު އަންހެނުނަށް ލިބިފައިވާ 11 އިންސައްތަ ފުރުޞަޠު 2026ގެ ނިޔަލަށް 15 އިންސައްތައަށް އިތުރުކުރުމަށް އަމާޒު ހިފާފައިވާއިރު، މެނޭޖިރިއަލް ޕޮޒިޝަންތަކުން 2019 ވަނަ އަހަރާއި ހަމައަށް 22.3 އިންސައްތަ އަންހެނުންނަށް ލިބިދީފައިވާ ފުރުޞަތު، 2026ގެ ނިޔަލަށް 35 އިންސައްތައަށް މައްޗަށް ޖެއްސުމަށް މި ޕްލޭންގައި ވަނީ އަމާޒު ހިފާފައެވެ.
ރޭގެ ޖަލްސާގައި ރެހެންދި އެވޯޑް 2022 ހާސިލުކުރި ފަރާތްތަކަށް އެވޯޑް ހަވާލުކޮށްދެއްވުންވެސް ކުރިޔަށްދިޔައެވެ. އެގޮތުން މިއަހަރު ރެހެންދި އެވޯޑް ހާސިލުކުރި 9 ފަރާތާ އެވޯޑް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ. އަދި މި އެވޯޑް ހާސިލުކުރެއްވި ފަރާތްތަކަށް ބްރޫޗް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދެވެ.
ރެހެންދި އެވޯޑަކީ ޤައުމީ ޚިދުމަތުގައި އެކިއެކި ދާއިރާއިން އަންހެނުން ކުރާ މަސައްކަތްތަކާއި ރާއްޖޭގެ ޤައުމީ ތަރައްޤީއާ ލާބަޔާ މަންފާއަށް އަދި ދިވެހި މުޖުތަމަޢު ބިނާކުރުމަށް އަންހެނުން އަދާކުރާ ދައުރު ފާހަގަކޮށް އަގުވަޒަންކުރުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ދެއްވާ އެވޯޑެކެވެ. 2014 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ދެމުން އަންނަ މި އެވޯޑް، ފާއިތުވި 9 އަހަރުގެ ތެރޭގައި 55 ފަރާތަކުން ހާސިލުކޮށްފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!