ށ. މިލަންދޫ ކައުންސިލްއިން ރެކްރިއޭޝަން ކުލަބްއެއް އުފައްދަން ނިންމައިފިއެވެ.

އެކައުންސިލުން މިގޮތަށް ނިންމާފައިވަނީ 09 މާރޗް 2022 ގައި ބޭއްވުނު އެކައުންސިލުގެ 04 ވަނަ ދައުރުގެ 40 ވަނަ ޢާއްމު ޖަލްސާގައެވެ. މި ގޮތަށް ހުށައަޅާފައިވަނީ ކައުންސިލްގެ ރައީސް ޢަބްދުﷲ ޢާޠިފް އެވެ.

Ad
rt

އާޠިފްގެ މި ހުށަހެޅުން ފާސްކޮށްފައިވަނީ ކައުންސިލް ބައްދަލުވުމުގައި ބައިވެރިވި ތިން މެންބަރުންގެ ވޯޓުންނެވެ.

އާތިފްގެ ހުށަހެޅުމުގައި ކައުންސިލުން އެފަދަ ކްލަބެއް އުފައްދަން ހުށަހަޅާ ބޭނުމެއްކަމަށް ވިދާޅުވެފައި ވަނީ، މިލަންދޫގައި ހިންގޭ އެކިއެކި އިޖުތިމާޢީ، ކުޅިވަރު ޙަރަކާތްތަކުގައި މިލަންދޫ ކައުންސިލް ތަމްސީލް ކުރުމަށާއި، ކައުންސިލްގެ ފަރާތުން ހިންގާ މިފަދަ ހަރަކާތްތައް ރާވާ ހިންގުމަށެވެ.

"ތިލަދުން" އަށް މައުލޫމާތު ދެއްވަމުން މިލަންދޫ ކައުންސިލްގެ ރައީސް ޢަބްދުﷲ ޢާޠިފް ވިދާޅުވީ މިފަދަ ކްލަބެއް އެކުލަވާލުމުގެ މައިގަނޑު މަގުސަދަކީ ކައުންސިލްއިން ރާވާ ހިންގާ އެކި ކަހަލަ ކުޅިވަރު މުބާރާތްތައް އިންތިޒާމްކޮށް ހިންގުން ކަމަށެވެ. އަދި ކައުންސިލްގެ މުވައްޒަފުންނަށް ޓްރެއިނިންގ ޕްރޮގްރާމްތައް ހިންގުމަށް ބަޖެޓެއް އެކުލަވާލުމަކީވެސް މިކްލަބް އުފެއްދުމުގެ މަގުސަދެއްގެ ގޮތުގައި އެކައުންސިލުން ވަނީ ފާހަގަ ކޮށްފައެވެ.

މީގެ އިތުރުން އެކައުންސިލްގެ ބައްދަލުވުންތަކުގައި ނިންމާފައިވާ ނިންމުންތަކުގެ ތެރޭގައި މިއަހަރު ރަމަޟާން މަހު ދީނީ ނަސޭހަތް ދިނުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންދިއުމުގެ އިތުރުން އެރަށުގެ ލޭންޑްޔޫޒް ޕްލޭން އެކުލަވާލުމަށް ބަޖެޓް އެކުލަވާލުންވެސް ހިމެނެއެވެ.