ރާއްޖޭގައި ބާއްވަމުން އަންނަ އެންމެ ބޮޑު ފުޓްސަލް މުބާރާތް ކަމަށްވާ ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ޗެމްޕިއަންކަން އިހަވަންދޫ ފުޓްސަލް ޓީމުން ހޯދައިފިއެވެ.

މި މުބާރާތުގެ ޒޯން-1 ގެ ފައިނަލް މެޗު ރޭ ކުޅެފައިވާއިރު، ފައިނަލު މެޗުގައި ބައްދަލު ކޮށްފައި ވަނީ ކަނޑިތީމާއި އިހަވަންދޫއެވެ. ފައިނަލް މެޗު އިހަވަންދޫއިން ކާމިޔާބު ކޮށްފައި ވަނީ 3-1 ގެ ނަތީޖާއަކުންނެވެ.

Ad
rt

ފައިނަލް މެޗުގައި ފުރަތަމަ ލަނޑު އިހަވަންދޫއަށް ކާމިޔާބު ކޮށްދީފައި ވަނީ އެ ޓީމްގެ މުޙައްމަދު ފަޒީލެވެ. ދެވަނަ ލަނޑު އިބްރާހީމް ހާމިދު ކާމިޔާބު ކޮށްދީ ދެ ލަނޑުގެ ލީޑެއް އެ ޓީމަށް ހޯދައިދިން ނަމަވެސް ލިބުނު ޕެނަލްޓީއަކުން ކަނޑިތީމުގެ މުހައްމަދު ޝާން ވަނީ ލަނޑުޖަހައި ފަރަގު ކުޑަކޮށްފައެވެ. މެޗުގެ ފަހު ވަގުތު އިހަވަންދޫއަށް ލިބުނު ހިލޭ ޖެހުމަކުން ތިންވަނަ ލަނޑު ކާމިޔާބު ކޮށްދީފައި ވަނީ އިބްރާހީމް ހާމިދެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ އިހަވަންދޫގެ ޖޯޒީ ނަމްބަރު 5 މުހައްމަދު ފަޒީލެވެ.

ޒޯން-1 ގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަޤާމަށް ތިން ކުޅުންތެރިއަކު ވަނީ ހޮވިފައެވެ. އެ ކުޅުންތެރިނަނަކީ ވައިކަރަދޫގެ ޖޯޒީ ނަމްބަރު 11 އިބްރާހިމް އަގީލް، ކަނޑިތީމުގެ ޖޯޒީ ނަމްބަރު 80 މުހައްމަދު ޝާންގެ އިތުރުން ނާވައިދޫގެ ޖޯޒީ ނަމްބަރު 11 އަބްދުﷲ ވިޝާންއެވެ. މުބާރާތުގެ ޒޯން-1 ގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމް ހޯދާފައި ވަނީ އިހަވަންދޫ ޓީމްގެ ޖޯޒީ ނަމްބަރު 10 އިބްރާހީމް ހާމިދެވެ.

މި މުބާރާތުގައި ޒޯން-1 ގައި ޖުމްލަ ހަ ޓީމަކުން ވަނީ ވާދަ ކޮށްފައެވެ. އެ ޓީމްތަކަކީ ހޯރަފުށި، އިހަވަންދޫ، ނައިވާދޫ، ވައިކަރަދޫ، ކަނޑިތީމްގެ އިތުރުން މިލަންދޫއެވެ. ޒޯން ފައިނަލް ކުޅޭ ހަމައެކަނި ޒޯނަކީ ވެސް މިއެވެ.

މި ޒޯންގެ މެޗުތައް ދެ ގްރޫޕަކަށް ބަހާލައިގެން ކުރިއަށް ގެންދިޔައިރު އިހަވަންދޫ ހިމެނުނު ގްރޫޕުން އެ ޓީމް ފައިނަލަށް ގޮސްފައިވަނީ އެ ގްރޫޕުގައި، އެ ޓީމުން ކުޅުނު ދެ މެޗު ވެސް ކާމިޔާބު ކޮށްގެންނެވެ. ހަމަ މިގޮތުން ކަނޑިތީމް ވެސް ފައިނަލަށް ގޮސްފައި ވަނީ އެ ޓީމް ހިމެނުނު ގްރޫޕުގައި އެ ޓީމުން ކުޅުނު ދެ މެޗުން ވެސް މޮޅުވެގެންނެވެ. ފައިނަލު މެޗުން ބަލިވި ނަމަވެސް ގަދަ 16 ބުރުން ކަނޑިތީމަށް ވެސް ވަނީ ޖާގަ ލިބިފައެވެ.