ރާއްޖޭގައި މަރާލި ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ މަރާލިއިރު އޭނާގެ ކުޑަ ދަރިފުޅަށް އެއްވެސް މަންޒަރެއް ފެނުނުތޯ ބަލަން އެ ކުއްޖާގެ ސައިކޮލޮޖިކަލް އެސެސްމަންޓް ހަދަން ދައުލަތުން ނިންމައިފި އެވެ.

މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު އައިޖީއެމްއެޗްގައި މަސައްކަތްކުރި މޭރީ މަރާލި ކަމަށް ބުނެ އޭނާގެ ފިރިމީހާ މާވިން އާއި މާވިންގެ ލޯބިވެރިޔާ ކަމަށްވާ ޅ. ހިންނަވަރު މާފިނި، ހަލީމަތު ލަމްހާގެ މައްޗަށް ދައުލަތުން ދައުވާ ކުރަނީ އެ ދެ މީހުން ރާވައިގެން މޭރީ މަރާލި ކަމަށް ބުނެ އެވެ.

Ad
rt

ލަމްހާގެ މައްސަލާގައި ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ދައުލަތުން ބުނީ މޭރީ މަރާލިއިރު އޭނާގެ ދަރިފުޅު އެ ގޭގެ ކޮޓަރިއެއްގައި ބަހައްޓާފައިހުރި ކަން މާވިން ބުނެފައިވާ ކަމަށެވެ. އެ ކުއްޖާއަށް އޭގެ އެއްވެސް މަންޒަރެއް ފެނުނުތޯ ބެލުމަށް ސައިކޮލޮޖިކަލް އެސެސްމަންޓެއް ފިލިޕީންސްގައި ހެދުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި އޭގެ ރިޕޯޓް ލިބޭނެ އިރެއް ނޭނގޭ ކަމަށް ދައުލަތުން ބުންޏެވެ.

ރާއްޖޭގައި އެފަދަ އެސެސްމަންޓް ހެދުމުގެ ގާބިލްކަން ހުރި މީހުން ތިބިއިރު އެ ކުއްޖާގެ އެސެސްމަންޓް ރާއްޖޭގައި ނެހެދުމުން ލަމްހާގެ ވަކީލުން ކަންބޮޑުވުން ފާޅުކުރި އެވެ. އަދި އެ ރިޕޯޓް ނުލިބި މައްސަލަ ދިގުލައިގެންދާނެ ކަމަށް ވަކީލުން ވިދާޅުވި އެވެ. ގާޒީ ނިންމެވީ އެ ރިޕޯޓް ފަހުން ހުށަހެޅުމުގެ ފުރުސަތު ދިނުމާ މެދު ފަހުން ގޮތެއް ނިންމަވާނެ ކަމަށެވެ.

މާވިންގެ ފޯނުން ބަރަހަނާ މަންޒަރުތަކެއް ފެނިފައިވާތީ އެ ފޯނުގެ ތަހުލީލު ރިޕޯޓުގެ އެ ބައިތައް ސިއްރުކުރަން ދައުލަތުން އެދުނެވެ.

ދިފާއީ ވަކީލުން ވެސް ވިދާޅުވީ ފޯނުގައި ހުރި މެސެޖްތައް ނޫން އެހެން މައުލޫމާތެއް ބޭނުންނުވާ ކަމަށެވެ. އެހެންވުމުން ގާޒީ ވަނީ ރިޕޯޓުގެ އެ ބައި ސިއްރުކުރަން ނިންމައިފަ އެވެ.

މާވިންގެ މައްޗަށް ކުރާ ދައުވާގެ ބައި މިއަދު ކުރިއަކަށް ނުގެންދެ އެވެ.