މީގެ އަށް އަހަރު ކުރިން ގެއްލުނު މެލޭޝިއާގެ އެއާލައިން އެމްއެޗް370 ބޯޓު އޮތީ ތ. ވޭމަންޑޫ ކައިރި ކަނޑުގެ ސަރަހައްދެއްގައި ކަމަށް ލަފާ ކޮށްފިއެވެ.

މެލޭޝިއާގެ އެއާލައިންގެ ފްލައިޓް އެމްއެޗް370 ގެއްލުނީ 2014ވަނަ އަހަރުއެވެ. އެ އެއާލައިނުން 239 މީހުން ދަތުރު ކުރި އިރު މިހާތަނަށް އެ ފްލައިޓަށް ވީ ނުވީއެއް ނޭނގެއެވެ.

Ad
rt

އެ ފްލައިޓު ކުއަލަލަމްޕޫރުން ނައްޓާލީ މާޗް 8، 2014 ގައެވެ. ނައްޓާލިތާ 38 މިނެޓް ފަހުން އެއާ ޓްރެފިކް ކޮންޓްރޯލާ ގުޅުން މެދުކެނޑުނެވެ. އެއަށްފަހު ފްލައިޓް ވަނީ ގެއްލިފައެވެ.

ދުނިޔޭގެ އެންމެ ބޮޑު އެއް އަޖައިބަށް މި ހާދިސާ ވެފައިވާއިރު އެ ފްލައިޓަށް ވީނުވީއެއް ހޯދަން ގިނަ އަދަދެއްގެ ސައިންސްވެރިންނާއި އިންވެސްޓިގޭޓަރުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

އެގޮތުން، އިނގިރޭސިވިލާތުގެ އެއިރޯސްޕޭސް އިންޖިނިއަރެއް ކަމަށްވާ ރިޗާޑް ގޮޑްފްރީ ގަބޫލު ކުރާ ގޮތުގައި އެ ފްލައިޓް ވެއްޓުނީ ޕާތާ ދެކުނަށް 1933 ކިލޯމީޓަރު ދުރު ކަނޑަށެވެ. އަދި ފްލައިޓް އޮތީ އެ ސަރަހައްދުގެ 4000 މީޓަރު އަޑީގައި ކަމަށްވެސް އޭނާ ގަބޫލު ކުރެއެވެ.

ނަމަވެސް އާ ހޯދުންތަކުންނާއި ކުރިން ނަގާފައިވާ ބަޔާންތަކުން އެ ފްލައިޓް ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި އޮތް ކަމަށް ވަނީ ލަފާ ކޮށްފައެވެ.

އޮސްޓްރޭލިއާގެ ސިސްޓަމް އިންޖިނިއަރެއް ކަމަށްވާ ސާޖިއޯ ނެރުނު ދިރާސާއެއްގައި ބުނީ ހަމައެކަނި ސައިންސަށް ބަރޯސާވެގެން އެ ބޯޓަށް ވީގޮތް ނޭނގޭނެ ކަމަށެވެ. ގިނަ ބަޔަކަށް އެ ދުވަހު އެ ފްލައިޓް ފެނުނު ކަމަށާއި އެއީ ވަރަށް ބޮޑު ހެއްކެއް ކަމަށް އޭނާ ބުންޏެވެ.

ރާއްޖޭން އެ ފްލައިޓް ފެނުނު ބައެއް މީހުންވެސް ވަނީ އެ ވާހަކަތައް ދައްކާފައެވެ. އެއް ބަޔަކަށް ހެނދުނު 6:15 ހާއިރު ދ. ކުޑަހުވަދޫ ކައިރިން އެބޯޓު ފެނުނުއިރު އަނެއް ބަޔަކަށް ފެނިފައިވަނީ ތ. ގާދިއްފުށީގެ ބަޔަކަށެވެ. ގާދިއްފުށީގެ މީހުންނަށް ފެނުނީ ރޮކެޓެއް ކަހަލަ އެއްޗެެއް ވޭމަންޑުއާ ދިމާލަށް ދަނިކޮށެވެ. ނަމަވެސް ކުޑަހުވަދޫ އިން ފެނުނު މީހާއަށް އެ ފްލައިޓުގައި ނޫކުލަ ހުރިކަމާއި އެއީ މެލޭޝިއާ އެއާލައިންގެ ފްލައިޓެއް ކަން ފާހަގަވާ ވަރުވިއެވެ.

ދިވެހިންގެ ތެރެއިން އެ ފްލައިޓް ފެނުނު މީހުން އެވާހަކަ ދެއްކި ނަމަވެސް އެ ވާހަކަތައް ވަނީ ހަނދާން ނައްތާލާފައެވެ. ނަމަވެސް ސާޖިއޯ ބުނީ އޭނާ ބެލި ބެލުމުން ދިވެހިން އެ ބުނާ ވަގުތާ ސެޓްލައިޓުން ބޯޓު ދެއްކި ވަގުތާ ދިމާވާ ކަމަށެވެ. އަދި އެ ވަގުތު އެ ބޯޓު ދިޔައީ ރާއްޖެ ކައިރިން ކަން ސެޓްލައިޓުން އެނގެން އެބަހުރި ކަމަށްވެސް އޭނާ ބުންޏެވެ.

އޭނާ ލަފާ ކުރާ ގޮތުގައި ގާދިއްފުށި ކައިރިން ގޮސް ބޯޓު ވެއްޓުނީ ވޭމަންޑޫ ކައިރި ކަނޑަށެވެ.

މެލޭޝިއާ ބޯޓު ގެއްލުނުތާ އަހަރެއް ފަހުން ރާއްޖޭގެ ކަނޑުން އެ ބޯޓުގެ ބައިތައް ކަމަށް ބެލެވޭ ބައެއް ތަކެތިވެސް ވަނީ ފެނިފައެވެ.