ސްޕެނިޝް ލަލީގާގައި އާދީއްތަ ދުވަހުގެ ރޭ ބާސެލޯނާއާއި އޮސަސޫނާ ބައްދަލުކުރި މެޗު ކާމިޔާބުކޮށް ޕޮއިންޓް ތާވަލުގެ ތިންވަނައަށް ބާސާ ޖެހިލައިފިއެވެ. އޮސަސޫނާގެ ދަނޑުގައި ކުޅުނު މި މެޗު ބާސާއިން ކާމިޔާބު ކޮށްފައި ވަނީ 4-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.
މެޗުގެ ފުރަތަމަ ހާފުގައި ބާސާއިން ތިން ލަނޑު ޖަހާފައިވާއިރު، ފުރަތަމަ ލަނޑު 14 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައި ވަނީ ފެރާން ޓޯރޭސްއެވެ. މި ލަނޑު އޭނާ ކާމިޔާބު ކޮށްފައިވަނީ ބާސާގެ ޒުވާން މިޑްފީލްޑަރ ގަވީއަށް އޮސަސޫނާގެ އޭރިއާ ތެރެއިން ކުރި ފައުލަކާއި ގުޅިގެން ލިބުނު ޕެނަލްޓީއަކުންނެވެ.
ބާސާއިން ކާމިޔާބުކުރި ދެވަނަ ލަނޑު 21 ވަނަ މިނެޓުގައި ޑެމްބެލޭ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ ވެސް ފެރާން ޓޯރޭސްއެވެ. ބާސާގެ ތިންވަނަ ލަނޑު 27 ވަނަ މިނެޓުގައި ޑެމްބެލޭ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި އޮބާމެޔަން ކާމިޔާބު ކޮށްދީފައިވާއިރު، މިއީ ލީގުގައި އޮބާމެޔަން ކުޅުނު ހަ މެޗުގައި ކާމިޔާބުކުރި ފަސްވަނަ ލަނޑެވެ. ބާސާގެ ހަތަރު ވަނ ލަނޑު 75 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައި ވަނީ ރިކީ ޕުއިގެވެ.
މި މެޗުން ލިބުނު ތިން ޕޮއިންޓާއިއެކު ބާސާ ވަނީ ޕޮއިންޓް ތާވަލުގެ ތިންވަނައަށް ކުރިއަށް ޖެހިލާފައެވެ. ބާސާއަށް ލިބިފައި ވަނީ ކުޅުނު 27 މެޗުން 51 ޕޮއިންޓެވެ. ބާސާގެ ފަހަތުން ހަތަރު ވަނާގައި 28 މެޗުން 51 ޕޮއިންޓް ހޯދައިގެން އޮތީ އެތުލެޓިކޯ މެޑްރިޑެވެ. ދެވަނާގައި އޮތް ސެވިއްޔާއަށް ލިބިފައި ވަނީ 28 މެޗުން 56 ޕޮއިންޓެވެ. މިވަގުތު އެއްވަނާގައި އޮތް ރެއާލް މެޑްރިޑަށް ލިބިފައި ވަނީ 27 މެޗުން 63 ޕޮއިންޓެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!