ކުޅުދުއްފުށީ ދެކުނު ދާއިރާގެ ކުރީގެ މެމްބަރު އަލްއުސްތާޒް މުހައްމަދު ނަޝީދުގެ، ލޯ ފާރމް "ނަޝީދު އެންޑް ކޯ" އުތުރު ގޮފި ކުޅުދުއްފުށީގައި ހުޅުވައިފި އެވެ.

މި އޮފީސް ހުޅުވައިދެއްވީ މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަބުދުލް ލަތީފް ހަސަނެވެ.

Ad
rt

މާލޭގައި ހުންނަވައިގެން ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ނަޝީދު ވިދާޅުވީ، މިއަދު ހުޅުވިގެން މިދިޔައީ އެ އޮފީހުގެ އުތުރު ގޮފި ކަމަށާއި ދެކުނު ގޮފި ހުޅުވުމުގެ މަސައްކަތްވެސް ކުރަމުންދާ ކަމަށެވެ. މި އޮފީސް ހުޅުވުމުގެ ރަސްމިއްޔާތުގައި ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް މާލޭގައި ތިއްބަވާ ނަޝީދުގެ ލޯ ފާރމްގެ މުވައްޒަފުން ވަނީ ބައިވެރިވެފަ އެވެ. އަދި ދެކުނު ގޮފި ހުޅުވުމަށް ހަމަޖެހިފައިވަނީ ގދ ތިނަދޫގައި ކަމަށް ނަޝީދު ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ އަމާޒަކީ ހއ، ހދ އަދި ށ އަތޮޅުގެ 44 ރަށަށް ހިދުމަތް ދެވޭގޮތް ހެދުން. މީހުންނަށް މާލެ އަންނަ ނުޖެހި މި އޮފީހަށް އައުމުން، ވަކީލުން މެދުވެރިކޮށް ގާނޫނީ އެހީތެރިކަން ފޯރުކޮށްދިނުން."

ނަޝީދު ވިދާޅުވި އެވެ.

ކުޅުދުއްފުށީގައި ހުޅުވި އުތުރު ގޮފީގެ އޮފީސް ގައި ކުވަގުތު މަސައްކަތަ ކުރަމުންދާނީ ދެ ގާނޫނީ ވަކީލުންނާއެކުއެވެ. ނަމަވެސް ބޮޑުތިލަދުންމަތީގައި ތިބި ގާނޫނީ ވަކީލުންނަށް އެ ބޭފުޅުންނާ ގުޅިގެން ވަކާލާތު ކުރެވޭނެ ފުރުސަތު ހޯދައިދިނުމަށް މަސައްކަތްކުރަމުންދާ ކަމަށް އެފަރާތުން ހާމަކުރިއެވެ.

މިއޮފީސް ހުންނާނީ މާލިހާމަގު، މުސްތަރީގޭގަ އެވެ.

މި އޮފީހުން ދޭ ބައެއް ހިދުމަތްތައް

1- ވިޔަފާރީގެ ކަންކަން

  • ޤާނޫނީ ފޯމު ފުރައިދިނުން.
  • ޤާނޫނީ ލަފާދިނުން.
  • ވިޔަފާރި ފެށުމަށް ބޭނުންވާ އޮނިގަޑު (ފަރުދުންގެ ވިޔަފާރި، ޕާޓްނަރޝިޕް، ކުންފުނި) އިޚްތިޔާރުކުރުމުގައި ލަފާދިނުން.
  • ފަރުދުންގެ ވިޔަފާރި، ޕާޓްނަރޝިޕް، ކުންފުނި، އުފެއްދުމުގައި އެހީތެރިވެދީ. ލިޔެކިޔުންތައް ތައްޔާރުކޮށްދިނުން.
  • ވިޔަފާރި ނަން ރަޖިސްޓްރީ ކުރުމުގައި އެހީތެރިވެދިނުން.
  • ވިޔަފާރީގެ އެއްބަސްވުންތައް އެކުލަވާލަދިނުން.
  • ބިމާއި އިމާރާތް ކުއްޔަށްހިފުމުގެ އެއްބަސްވުންތައް އެކުލަވާލަދިނުން.
  • ލޯނަށް އެދޭ ލިޔުންތައް ތައްޔާރުކޮށްދިނުން.
  • ބިޑުހުށަހެޅުމުގެ ލިޔުންތައް ތައްޔާރުކޮށްދިނުން.
  • ޓެކްސް މައްސަލަތަކުގައި އެހީތެރިވެދިނުން.

2- މަދަނީ ކަންކަން

  • ފަރުދީ ކަންކަމުގައި ލޯނަށް ހުށަހެޅުމަށް އެހީތެރިވެދިނުން؛
  • ލޯނުގެ ލިޔުންތައް ފުރިހަމަކޮށްދިނުމުގައި އެހީތެރިވެދިނުން؛
  • ލިޔުންތަކުގައި ވަކީލުންގެ ތައްގަޑު ޖަހަންޖެހޭ ހާލަތުގައި ތައްގަނޑު ޖަހައިދިނުން؛
  • ޕަވަރ އޮފް އެޓަރނީ ހަދައިދީ ރަޖިސްޓްރީކުރުމުގައި އެހީތެރިވެދިނުން؛
  • އާއިލީ މައްސަލަތަކުގައި މީހުން ތަމްސީލުކޮށްދީ، އެހީތެރިވެދިނުން؛
  • ވާރުތަ މައްސަލަތަކާއި ގޯތިގެދޮރާއި ބިމުގެ މައްސަލަތަކުގައި މީހުން ތަމްސީލުކޮށްދީ، އެހީތެރިވެދިނުން؛
  • މަދަނީ މައްސަލަތަކުގައި މީހުން ތަމްސީލުކުރުމާއި، ކޯޓަށް ހާޒިރުވުމާއި ވަކާލާތު ކޮށްދިނުން؛
  • ވަޒީފާގެ ކަންކަމުގައި ޓްރައިބިޔުނަލުގައި ތަމްސީލުކޮށްދީ، ހާޒިރުވެ ވަކާލާތު ކޮށްދިނުން.

3- ޖިނާއީ ކަންކަން

  • ކުށުގެ ތުހުމަތު ކުރެވި ހިންގޭ ތަޙްޤީޤުގައި ވަކީލެއްގެ އެހީތެރިކަންފޯރުކޮށްދިނުން.
  • ބަންދު ގެ ހާލަތުގައި ވަކީލެއްގެ އެހީތެރިކަން ފޯރުކޮށްދިނުން.
  • ޝަރީޢަތްހިންގޭ މަރުހަލާތަކުގައި ވަކީލެއްގެ އެހީތެރިކަން ފޯރުކޮށްދިނުން.