މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސާވިސަސްގެ ފަރާތުން ކުރިއަށް ގެންދާ "ގެވެށި ގުޅުން" ކެންޕޭންގެ ދަށުން މަޖައްލާއެއް ނެރެފިއެވެ.
"ސާސްތުރަ" ނަމުގައި ނެރުނު މި މަޖައްލާ ނެރެދެއްވީ، އިއްޔެ ސްޓެލްކޯގެ އޮޑިޓޯރިއަމްގައި ބޭއްވުނު ޚާއްސަ ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދެވެ.
ޖެންޑާ މިނިސްޓްރީއިން "ގެވެށި ގުޅުން" ކެމްޕެއިން ފަށާފައި ވަނީ 2020 ވަނަ އަހަރު އެވެ. މިއީ ގެވެށި އަނިޔާއިން ރައްކާތެރިވެފައިވާ މުޖުތަމަޢުއެއް ބިނާކުރުމަށް މަގުފަހިކުރުމުގެގޮތުން އެ މިނިސްޓްރީން ކުރިއަށް ގެންދާ ކެމްޕޭން އެކެވެ.
"ސާސްތުރަ" މަޖައްލާއަކީ 62 ޞަފްހާގެ އެކުލެވޭ މަޖައްލާއެކެވެ. މި މަޖައްލާގައި ގެވެށި އަނިޔާއަށް ހޭލުންތެރިކުރުމަށް ލިޔެފައިވާ ލިޔުންތަކާއި، ގެވެށި ގުޅުން ބަދަހިކުރުމުގެ މުހިންމުކަން އަންގައިދޭ ލިޔުންތަކާއި، އެ ގުޅުން ބަދަހިކުރުމަށް ކުރެވޭނެ ކަންކަމާ ގުޅޭ މަޢުލޫމާތު އެކުލެވޭ ލިޔުންތައް ހިމެނިފައިވެއެވެ. އަދި ގެވެށި އަނިޔާއާ ގުޅުންހުރި މުހިންމު ބައެއް ސުވާލާއި އަދި އޭގެ ޖަވާބު ގެވެށި އަނިޔާ ލިބޭ ފަރާތްތަކަށް ރާއްޖެއިން ލިބެންހުރި ޚިދުމަތްތަކާ ގުޅޭ މަޢުލޫމާތު ވެސް ހިމަނާފައި ވެއެވެ.
ޖެންޑާ މިނިސްޓްރީގެ ފަރާތުން ކުރިއަށްގެންދިޔަ "ގެލެރީ ގުޅުން ސާސްތުރަ" ޓީވީ ސީރީޒްގައި މެހުމާނުންގެ ގޮތުގައި ބައިވެރިވި ފަރާތްތައް އެ ޕްރޮގްރާމްގައި ދެއްކި ވާހަކައިގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ ބައެއް ވާހަކަތައް ވެސް އެ މަޖައްލާގައި ހިމަނާފައި ވެއެވެ. އަދި އެ ކެމްޕޭންގެ ދަށުން މިހާތަނަށް ކުރިއަށްގެންގޮސްފައިވާ ބައެއް ޙަރަކާތްތަކުގެ ފޮޓޯއާއި ކެމްޕެއިންގެ ދަށުން ފޯރުކޮށްދެވޭ މައިގަނޑު ބައެއް މެސެޖުތައް ވެސް، އެއާ ގުޅުންހުރި އިލަސްޓްރޭޝަންއާއެކު މި މަޖައްލާގައި ހިމަނާފައި ވެއެވެ.
މި މަޖައްލާގައި ގެވެށި އަނިޔާއަށް ހޭލުންތެރިކޮށްދޭނެ ކުރު ވާހަކަ އާއި ކޮމިކް އަދި ޅެންވެސް ހިމަނާފައިވާއިރު، މި މަޖައްލާގައި ހިމަނާފައިވާ ލިޔުންތައް ލިޔެފައިވާ ފަރާތްތަކުގެ ތެރޭގައި އިޖުތިމާޢީ މައްސަލަތަކާއި ގުޅޭ ޢިލްމު ހާޞިލްކުރައްވައިގެން ތިއްބެވި ބޭފުޅުންނާއި، ރާއްޖޭގެ ބައެއް މަޝްހޫރު ލިޔުންތެރިން ހިމެނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!