އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ޔުނައިޓެޑާއި ލީޑްސް ޔުނައިޓެޑް ބައްދަލުކުރި މެޗު ޔުނައިޓެޑުން ކާމިޔާބު ކޮށްފިއެވެ. އާދީއްތަ ދުވަހުގެ ރޭ ލީޑްސްގެ ދަނޑުގައި ކުޅުނު މި މެޗު ޔުނައިޓެޑުން ކާމިޔާބު ކޮށްފައި ވަނީ 4-2 ގެ ނަތީޖާއަކުންނެވެ.
ދެ ޓީމްގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ފުރަތަމަ ހާފުގައި ޔުނައިޓެޑުން ވަނީ ދެ ލަނޑުގެ ލީޑެއް ނަގާފައެވެ. ފުރަތަމަ ލަނޑު 34 ވަނަ މިނެޓުގައި ލުކާ ސޯ ނަގައިދިން ކޯނަރެއް ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން ކާމިޔާބު ކޮށްދީފައި ވަނީ ހެރީ މެގުއާއެވެ. ޔުނައިޓެޑުން މެޗުގައި ކާމިޔާބުކުރި ދެވަނަ ލަނޑު ފުރަތަމަ ހާފުގެ ފުރިހަމަ ވަގުތު ހަމަވެ ދެއްކި އިތުރު ވަގުތުގައި ސަންޗޯ ހުރަސް ކޮށްދިން ބޯޅައެއް ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން ކާމިޔާބު ކޮށްދީފައި ވަނި ބްރޫނޯ ފެނާންޑޭޒްއެވެ.
ޔުނައިޓެޑުން ދެވަނަ ހާފަށް ދެ ލަނޑުން ކުރީގައި އޮވެ ނުކުތް ނަމަވެސް ލީޑްސްއިން ވަނީ ކައިރި ކައިރީގައި ދެ ލަނޑުޖަހައި މެޗުގެ ނަތީޖާ ހަމަހަމަ ކޮށް ޔުނައިޓެޑް ޕްރެޝަރަށް ވައްޓާލާފައެވެ. މިގޮތުން ލީޑްސްގެ ފުރަތަމަ ލަނޑު 53 ވަނަ މިނެޓުގައި، ޔުނއިޓެޑްގެ އޭރިއާ ބޭރުގައި ހުރެ ދުރުކަނަށް ބޯޅަ އޮހޭގޮތަށް ފޮނުވާލައިގެން ކާމިޔާބު ކޮށްދީފައި ވަނީ ރޮޑްރިގޯ މޮރޭނޯއެވެ. މޮރޭނޯ ކާމިޔާބުކުރި މި ހިތްގައިމު ލަނޑު ޔުނައިޓެޑް ކޮޅަށް ވަދެފައި ވަނީ ދަނޑީގައި ޖެހިފައެވެ. ޖެހިގެން އައި މިނެޓުގައި ޑެނިއަލް ޖޭމްސް ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ރަފިންހާ ކާމިޔާބު ކުރި ލަނޑާއިއެކު ނަތީޖާ ހަމަހަމަވިއެވެ.
މެޗުގައި ދެވަނަ ފަހަރަށް ޔުނައިޓެޑަށް ލީޑު ނަގައިދީފައި ވަނީ 67 ވަނަ މިނެޓުގައި ޕޮގްބާގެ ބަދަލުގައި ކުޅެން ނުކުތް ފުރެޑެވެ. މި ލަނޑު 70 ވަނަ މިނެޓުގައި ސަންޗޯ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ފުރެޑް ކާމިޔާބު ކޮށްދިންއިރު، ހަތަރުވަނަ ލަނޑު 88 ވަނަ މިނެޓުގައި ބްރޫނޯ ފެނާންޑޭޒް ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ އެންތޮނީ އެލަންގާއެވެ.
މި މޮޅާއިއެކު ޕޮއިންޓް ތާވަލުގެ ހަތަރު ވަނާގައި ޔުނައިޓެޑް އޮތީ ކުޅުނު 26 މެޗުން ލިބުނު 46 ޕޮއިންޓާއިއެކުއެވެ. މެޗުން ބަލިވި ލީޑްސް މިވަގުތު އޮތީ ތާވަލުގެ 15 ވަނާގައެވެ. އެ ޓީމަށް 24 މެޗުން ލިބިފައި ވަނީ 23 ޕޮއިންޓެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!