ވޯޓު ބޭނުމީ ލޯބިން ކަމަށާއި، އަނެކާއާއި މެދު ނަފުރަތު އުފައްދައިގެން ނޫންކަމަށް މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ އަންހެނުންގެ ރޫޙޫގެ ރައީސްކަމަށް ވާދަކުރައްވަން ނިންމަވާފައިވާ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވެއްޖެ އެވެ.

ރޮޒެއިނާ މިހެން ވިދާޅުވީ، ކުރެއްވި ޓްވީޓެއްގައެވެ. އެ ޓްވީޓްގައި ވަނީ ރޮޒެއިނާ އަށާއި، އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރަށްވަން ނިންމަވާފައިވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލަށް ނިސްބަތްކޮށް މީހަކު ޓްވީޓާގައި ކޮށްފައިވާ ތުހުމަތުތަކެއް ހިމެނޭ ޓްވީޓެއް ހިއްސާ ކުރަށްވާފައެވެ.

Ad
rt

އެ ޓްވީޓަށް އިޝާރާތްކުރަށްވަމުން ރޮޒެއިނާ ވިދާޅުވީ، އޭނާ އަށް ތާއީދުކުރާ އެއްވެސް މީހަކު އެހެން ކެންޑިޑޭޓަކާމެދު އެފަދަ ހުތުރު ދޮގު ވާހަކަ ފަތުރައިގެން އެންޓި ކެމްޕޭން ނުކުރުމަކީ އޭނާގެ ވަރަށް ބޮޑު އެދުމެއް ކަމަށެވެ.

"މިއީ ހުސް އެމްޑީޕީގައި އެކުގައި މަސައްކަތްކުރަން ތިބި މީހުން، އަޅުގަނޑު ވޯޓު ބޭނުމީ ލޯބިން، ނަފުރަތު އުފައްދައިގެންނެއްނޫން" ރޮޒެއިނާ ވިދާޅުވެފަވެއެވެ.

އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ރައީސް ކަމުގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލީ މިމަހުގެ 12 ވަނަ ދުވަހުއެވެ. އަންނަ އޭޕްރީލް މަހުގެ 16 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިހާބުގައި އަންހެނުންގެ ރޫހުގެ ރައީސް ކަމުގެ މަގާމަށް ކުރިމަތިލައްވާނެ ކަމަށް ރޮޒައިނާ ވަނީ އިއުލާނު ކުރައްވާފައެވެ. އަދި ކެމްޕޭން ވެސް ދަނީ ކުރަށްވަމުންނެވެ.

އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ރައީސް ކަމުގެ މަގާމަށް ރޮޒެއިނާގެ އިތުރުން އެމްޑީޕީގެ ހަރަކާތްތެރި މެންބަރެއް ކަމަށްވާ ސަފާތު އަހުމަދު ޒާހިރު ވާދަކުރަށްވާނެކަން ވަނީ ޢިއުލާން ކުރަށްވާފައެވެ.

އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ރައީސް ހޮވުމުގެ އިތުރުން އެމްޑީޕީގެ ޗެއާޕާސަން ހޮވުމާއި ޒުވާނުންގެ ޔޫތު ވިންގު ރައީސް ހޮވުމުގެ އިންތިޚާބު އޮންނާނީ އަންނަ އޭޕްރީލް 16 ވަނަ ދުވަހުއެވެ.

މި މަގާމުތަކަށް ކުރިމަތިލުމުގެ ސުން ގަޑިއަކީ މިމަހުގެ 19 ވަނަ ދުވަހުގެ 4:00 އެވެ. މަގާމުތަކަށް ކުރިމަތިލާ ކެންޑިޑޭޓުންގެ ނަންތައް މިމަހުގެ 22 ވަނަ ދުވަހު އިއުލާނު ކުރާނެ ކަމަށް އެމްޑީޕީގެ އިންތިހާބާ ބެހޭ ކޮމިޓީއިން ވަނީ ބުނެފައެވެ.