އިނގިރޭސި ޕްރިމިއާ ލީގުގެ ޕޮއިންޓް ތާވަލުގެ ފުލުގައި އޮތް ބާންލީއާއި މެންޗެސްޓާ ޔުނައިޓެޑް ބައްދަލުކުރި މެޗު އެއްވަރު ވެއްޖެއެވެ. އަންގާރަ ދުވަހުގެ ރޭ ބާންލީގެ ދަނޑުގައި ކުޅުނު މި މެޗު ނިމިގެން ގޮސްފައި ވަނީ 1-1 ގެ ނަތީޖާއިން ދެ ޓީމް އެއްވަރު ވެގެންނެވެ.

މި މެޗުގައި ޔުނައިޓެޑަށް އެދެވޭ ނަތީޖާއެއް ނުނެރެވުނު ނަމަވެސް އެ ޓީމުން ވަނީ ބާންލީގެ ގޯލަށް ނުރައްކާތެރި ގިނަ ހަމަލާތަކެއް ފޮނުވާލާފައެވެ. މެޗުގެ ވަރަށް ކުރީކޮޅު ޔުނައިޓެޑަށް ލިބުނު ހިލޭ ޖެހުމަކުން ބުރޫނޯ ފެނާންޑޭޒް ބާންލީގެ ގޯލު އޭރިއާ ތެރެއަށް ހުރަސްކޮށްދިން ބޯޅަ ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން ޔުނައިޓެޑްގެ ޑިފެންޑަރ ރަފޭލް ވަރާން ވަނީ ލަނޑެއް ކާމިޔާބު ކޮށްފައެވެ. ނަމަވެސް މެޗުގެ ރެފްރީ، ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރު) އިން ބެލުމަށް ފަހު އެ ލަނޑު ވަރާން ޖެހުމުގެ ކުރިން އޮފްސައިޑްގައި ހުރި ޔުނައިޓެޑްގެ ޑިފެންޑަރ މެގުއާ ފައުލް ކޮށްފައިވާ ކަމަށް ބަލައި ރެފްރީ ވަނީ އެ ލަނޑު ބަލައި ނުގެންފައެވެ.

Ad
rt

މި މެޗުގައި ޔުނައިޓެޑުން ކާމިޔާބުކުރި ހަމައެކަނި ލަނޑު 18 ވަނަ މިނެޓުގައި ލޫކާ ޝޯ ބާންލީގެ އޭރިއާ ތެރެއަށް ތިރިތިން ހުރަސްކުރި ބޯޅަ ގޯލުގެ މަތީ ކަނަށް ފޮނުވާލައިގެން ކާމިޔާބު ކޮށްދީފައި ވަނީ ޕައުލް ޕޮގްބާއެވެ. މިއީ ޕޮގްބާ މި ސީޒަންގައި ޔުނައިޓެޑަށް ކާމިޔާބު ކޮށްދިން ފުރަތަމަ ލަނޑެވެ.

މެޗުގެ 22 ވަނަ މިނެޓުގައި ބާންލީގެ ޖޯޝްއަތުން ބައިކޮޅަށް ލަނޑެއް ވަތް ނަމަވެސް އެ ލަނޑު ޖެހުމުގެ ފުރުޞަތު ތަނަވަސް ވުމުގެ ތެރޭގައި ޔުނައިޓެޑްގެ ޕޮގްބާ ބާންލީގެ ކުޅުންތެރިއަކަށް ފައުލް ކުރިކަމަށް ބަލައި ރެފްރީ ވަނީ އެ ލަނޑު ވެސް ބަލައި ނުގަތުމަށް ނިންމާފައެވެ.

މެޗުގައި ބާންލީން ނަތީޖާ ހަމަހަމަ ކޮށްފައި ވަނީ މެޗުގެ 47 ވަނަ މިނެޓުގައު ވުޓް ވެހޮސްޓް ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ޖޭ ރޮޑްރިގޭޒް ކާމިޔާބު ކޮށްދިން ލަނޑުންނެވެ.

މި މެޗުގައި ޔުނައިޓެޑްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ފަށާފައި ވަނީ ބެންޗުންނެވެ. މެޗުގެ 68 ވަނަ މިނެޓުގައި ކަވާނީގެ ބަދަލުގައި ރޮނާލްޑޯ ކުޅެން އެރުވި ނަމަވެސް މެޗުގައި މާ އެދެވޭ ކުޅުމެއް ކުޅެވިފައި ނުވެއެވެ.

މި މެޗުން ލިބުނު އެއް ޕޮއިންޓާއިއެކު ޕޮއިންޓް ތާވަލުގެ 5 ވަނާގައި ޔުނައިޓެޑް މިވަގުތު އޮތީ ކުޅުނު 23 މެޗުން ލިބުނު 39 ޕޮއިންޓާއި އެކުގައެވެ. ބާންލީ ތާވަލުގެ ފުލުގައި އޮތްއިރު އެ ޓީމަށް ލިބިފައި ވަނީ 20 މެޗުން 14 ޕޮއިންޓެވެ.

ޕްރިމިއާ ލީގުގައ ރޭ ކުޅުނު އިތުރު މެޗުތަކަށް ބަލައިލާއިރު އަމިއްލަ ދަނޑުގައި ވެސްޓްހަމް އިން ވަނީ 1-0 ގެ ނަތީޖާއިން ވޮޓްފޯޑް މައްޗަށް ކުރި ހޯދާފައެވެ. އެވަޓަން އަތުން 3-1 ގެ ނަތީޖާއަކުން ނިއުކާސަލް ވަނީ މޮޅު ވެފައެވެ.