ދިވެހި ދައުލަތުން އަރުވާ ޝަރަފެއް ކަމަށްވާ ނިޝާން ކަލާފާނުގެ ޝަރަފުގެ ޢިއްޒަތް، ރާބިޠަތުލް ޢާލަމިލް އިސްލާމީގެ ސެކްރެޓަރީ ޖެނެރަލް ހިޒް އެކްސަލަންސީ ޝައިޚް ޑޮކްޓަރ މުޙައްމަދު ބިން ޢަބްދުލްކަރީމް އަލް ޢީސާއަށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އަރުވައިފިއެވެ.
ރާބިޠަތުލް ޢާލަމިލް އިސްލާމީގެ ސެކްރެޓަރީ ޖެނެރަލަށް މި ޢިއްޒަތް އަރުވާފައި މިވަނީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިކަމަށްޓަކައި ބޭއްވެވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ.
މިއީ ދިވެހިރާއްޖެއާއި ރާބިޠަތުލް ޢާލަމިލް އިސްލާމީއާ ދެމެދު އުފެދިފައިވާ އިސްލާމީ އުޚުއްވަތްތެރިކަމުގެ ގުޅުން ބަދަހިކުރެއްވުމަށާއި، އިސްލާމީ ވަޙުދަތު ދެމެހެއްޓެވުމަށާއި، ދުނިޔޭގައި އަމާންކަމާއި ޞުލްޙަމަސަލަސްކަން ޤާއިމުކުރެއްވުމަށް، ރާބިޠަތުލް ޢާލަމިލް އިސްލާމީގެ ސެކްރެޓަރީ ޖެނެރަލް ހިޒް އެކްސަލަންސީ ޝައިޚް ޑޮކްޓަރ މުޙައްމަދު ބިން ޢަބްދުލްކަރީމް އަލް ޢީސާ ދެއްވާ ޚާއްޞަ އަހަންމިއްޔަތުކަމުގެ އަގު ވަޒަންކުރުމުގެ ގޮތުން، އޭނާއަށް އެރުވި ޝަރަފެއް ކަމަށް ރައީސް އޮފީހުން ވިދާޅުވެއެވެ.
ނިޝާން ކަލާފާނުގެ ޝަރަފުގެ ޢިއްޒަތް، ނިސްބަތް ވަނީ ރާއްޖޭގައި ރަސްކަންކުރެއްވި އައްސުލްޠާން އިބްރާހީމް ކަލާފާނަށެވެ. ކަލާފާނު ވަނީ 1585ން ފެށިގެން 1609 އަށް ރާއްޖޭގައި ރަސްކަންކުރައްވާފައެވެ.
މީގެއިތުރުން ރާބިޠަތުލް ޢާލަމިލް އިސްލާމީގެ ސެކްރެޓަރީ ޖެނެރަލް، ހިޒް އެކްސަލަންސީ ޝައިޚް ޑޮކްޓަރ މުޙައްމަދު ބިން ޢަބްދުލްކަރީމް އަލް ޢީސާ، ވަނީ ރައީސް ޞާލިޙްގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން ކުރިއަށް ގެންގޮސްފައިވަނީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.
މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުންވެސް ވަނީ ދިވެހިރާއްޖެއާއި ރާބިޠާއާ ދެމެދު އުފެދިފައިވާ ގާތް ގުޅުން ފާހަގަކުރައްވާ، އިސްލާމް ދީން ކުރިއެރުވުމަށާއި އިސްލާމް ދީނާމެދު ޣައިރު މުސްލިމުންގެ މެދުގައި އުފެދިފައިވާ ކުށްހީތައް ނައްތާލައި އިސްލާމް ދީނުގެ ސައްޙަ އަޤީދާ ހާމަކޮށްދިނުމުގައި ގުޅިގެން މަސައްކަތްކުރުމާ ބެހޭގޮތުން މަޝްވަރާކުރައްވައިފައިކަމަށް ރައީސް އޮފީހުން ހާމަކުރަށްވާފަވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!