ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގެ އިންތިޚާބާއި ގުޅިގެން ފެނިގެންދިޔައީ ސަރުކާރުން ޤާނޫނުތަކާއި އުޞޫލުތަކުގެ ބޭރުން އެތައް ކަމެއް ކުރަމުންދިޔަތަން ކަމަށާއި، މި އިންތިޚާބަކީ ޙަޤީޤަތުގައި ޕީޕީއެމް އަށް ލިބުނު ކާމިޔާބެއް ކަމަށް ޕީޕީއެމްގެ ނާއިބުރައީސް އަދި މާލޭ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ޑރ. މުޢިއްޒު މިހެން ވިދާޅުވީ، ކޮމަންޑޫ ދާއިރާގެ އިންތިޚާބާ ގުޅިގެން ޕީޕީއެމް އިން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ދެއްކެވި ވާހަކަފުޅުގައެވެ.
އިއްޔެގެ އިންތިޚާބަކީ ޙަޤީޤަތުގައި ޕީޕީއެމް އަށް ލިބުނު ކާމިޔާބެއް ކަމަށާއި، އޭގެ ސަބަބުތައް ގިނަކަމަށް މުޢިއްޒު ވަނީ ވިދާޅުވެފައެވެ.
ވޭތުވެދިޔަ މަހެއްހާ ދުވަހު ފެނިގެންދިޔައީ ސަރުކާރުގެ ހުރިހާ ބާރަކާއި ނުފޫޒެއް ބޭނުންކޮށްގެން ކޮމަންޑޫ ދާއިރާގެ އިންތިޚާބަށް މަސައްކަތް ކުރަމުންދިޔަ ތަން ކަމަށާއި، އެއްވެސް ޤާނޫނަކަށް ޤަވާއިދަކަށް ބެލުމެއް ނެތި، ފާޅުކަން ބޮޑުގޮތެއްގައި މަސައްކަތްތަކެއް ކުރަމުންދިޔަ ކަމަށް ވިދާޅުވިއެވެ.
ތަރައްޤީއާ ދެކޮޅު ނޫން ކަމަށާއި ރައީސް ޔާމީންގެ ފިކުރަކީ ތަރައްޤީ ކަމަށާއި، އެހެންކަމުން ކޮމަންޑޫ ދާއިރާއަށް ގެންނާން ފަށާފައިވާ ތަރައްޤީއަކީ އެ ދާއިރާގެ ރައްޔިތުންނަށްޓަކައި އުފާކުރައްވާ ކަމެއް ކަމަށް މުޢިއްޒު ވަނީ ވިދާޅުވެފައެވެ. ނަމަވެސް ފެނިގެންދިޔައީ ޤާނޫނުތަކާއި އުޞޫލުތަކުގެ ބޭރުން އެތައް ކަމެއް ކުރަމުންދިޔަ މަންޒަރު ކަމަށް ވިދާޅުވިއެވެ.
ޑރ. މުޢިއްޒު ވިދާޅުވީ ކޮމަންޑޫ ދާއިރާގައި ސަރުކާރުން ގިނަ މަޝްރޫޢުތަކެއް ފެށި ނަމަވެސް އެ މަޝްރޫޢުތަކަށް ވާގޮތް ކުރިއަށް އޮތް ތަނުގައި ފެނިގެންދާނެ ކަމަށެވެ. އަދި އަލަށް އުފެއްދި ވަޒީފާތަކަށް ވެގެންދާ ގޮތް ވެސް ފެނިގެންދާނެ ކަމަށެވެ.
އިންތިޚާބު ކާމިޔާބު ކުރުމަށްޓަކައި ސަރުކާރުން މަސައްކަތް ކުރީ އޭސީސީ ވެސް "ޕެރެލައިޒް" ކޮށްގެން ކަމަށް ވިދާޅުވިއެވެ. އަދި ވިދާޅުވީ އޭސީސީގައި އެއްވެސް މެންބަރަކު ނެތުމުން އިންތިޚާބާ ގުޅިގެން ހުށަހެޅި އެއްވެސް މައްސަލައެއް ބެލޭނެ ގޮތެއް ވެސް ނެތް ކަމަށާއި މިއީ ސަރުކާރުން ގަސްދުގައި ކޮށްފައިވާ ކަމެއް ކަމަށް ވެސް ވިދާޅުވިއެވެ.
މީގެ އިތުރުން މި އިންތިޚާބަށް އިންޑިއާއިން ނުފޫޒު ފޯރުވާފައިވާ ކަމަށް ވެސް ޕީޕީއެމްގެ ނާއިބުރައީސް ޑރ. މުޢިއްޒު ވަނީ ތުހުމަތު ކުރައްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!