ދިވހެި ރާއްޖޭގެ ޓޫރިޒަމްއަށް 50 އަހަރު ފާހަގަ ކުރުމުގެ ގޮތުން މިނިސްޓްރީ އޮފް ޓޫރިޒަމް އާއި ޓޫރިޒަމް އިންޑަސްޓްރީ އާއި ގުޅިގެން ކުރިއަށް ގެންދާ "އަޕްބީޓް ޓޯކް ޝޯ" މިމަހުގެ 17 ވަނަ ދުވަހު ފެށުމަށް ހަމަޖެހިއްޖެއެވެ.

ޓޫރިޒަމް މިނިސްޓްރީއިން މައުލޫމާތު ދީފައިވާ ގޮތުގައި ސިލްސިލާކޮށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ޝޯގެ ފެށުމުގެ ގޮތުން ބާއްވާ ސެޝަންގައި ފަތުރުވެރިކަމުގެ ޕައަރނިއަރުންގެ ގޮތުގައި ފާހަގަ ކޮށްލެވޭ މަޓީގެ ޗައަރމަން އަލްފާޟިލް މުޙައްމަދު އުމަރު މަނިކު، މިނިސްޓަރ އޮފް ހެލްތު އަލްފާޟިލް އަޙްމަދު ނަސީމް، މަޓީގެ ވައިސް ޗެއަރމަން އަލްފާޟިލް ހުސެއިން އަފީފް، އަދި އިޓަލީ ވިލާތުގެ ޖޯޖް ކޯބިން ބައިވެރިވެލައްވާނެ އެވެ.

Ad
rt

ދިވެހި ރާއްޖެއަށް ފުރަތަމަ ޓުއަރ ގްރޫޕެއް ޖޯޖް ކޯބިން ގެނައީ 16 ފެބްރުއަރީ 1972 ގައެވެ.

ފެބުރުއަރީ 17 ގައި މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީގެ އޮޑިޓޯރިއަމް ގައި ފެށިގެންދާ މި ޓޯކް ޝޯ އަކީ ސްކޫލް އަދި އުނިވަރސިޓީ ކުދިންއަށް ހާއްސަ ކުރެވިފައިވާ ޝޯއެކެވެ. ނަމަވެސް ޓޫރިޒަމް މިނިސްޓްރީއިން ވަނީ މި ޝޯގައި އާއްމުންގެ ފަރާތްތަކަށް ވެސް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފަ އެވެ. މި ޝޯގައި ޕްރެސެންޓް ކުރާނީ މިނިސްޓަރ އޮފް ޓޫރިޒަމް ޑރ. ޢަބްދުالله މަޢުޞޫމް އެވެ.

އެގޮތުން އޮޑިޓޯރިއަމް އަށް ވަޑައިގަތުމަށް ބޭނުންވާ ފަރާތްތަކުން https://forms.gle/DR83cfGWcr5ttkb18 މިލިންކް މެދުވެރިކޮށް ޝޯގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުމަށް ވަނީ އެދިފަ އެވެ. އަދި އޮޑިޓޯރިއަމްގައި ޖާގަ އޮތް މިންވަރަކުން ރަޖިސްޓްރީވާ ތަރުތީބުން އާއްމުންނަށް ފުރުސަތު ދެވިގެންދާނެ ކަމަށް އެމިނިސްޓްރީއިން ވަނީ ބުނެފައެވެ.

މީގެ އިތުރުން ޝޯގެ ޕެނެލިސްޓުންނާއި ސުވާލު ކުރަން ބޭނުންވާ ފަރާތްތަކުން މިމަހުގެ 15 ވަނަ ދުވަހުގެ ކުރިން Goleden50@tourism.gov.mv އަށް އީމެއިލްކޮށްގެން ސުވާލު ކުރުމުގެ ފުރުސަތުވެސް ވަނީ ހުޅުވާލާފައެވެ.

މި އަޕްބީޓް ޝޯގެ އިތުރުންވެސް ޓޫރިޒަމްގެ 50 އަހަރު ފާހަގަ ކުރުމުގެ ގޮތުން ޓޫރިޒަމް މިނިސްޓްރީއާއި ޓޫރިޒަމް އިންޑަސްޓްރީ ގުޅިގެން ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.