ށ. ފޭދޫ ކައުންސިލުން އެރަށުގައި ތަރައްޤީ ކުރަމުންދާ ޕްރީސްކޫލް ބޭރު ފާރަށް ކަޅުތެޔޮ ޖަހައި، ގެއްލުން ދީފިއެވެ.

ފޭދޫން "ތިލަދުން"އަށް ވާހަކަ ދެއްކި މީހަކު ބުނީ އެކަން ހިންގާފައި ވަނީ ރޭގެ ވަގުތެއްގައި ކަމަށް ބެލެވޭ ކަމަށެވެ. އަދި އެއީ ސިޔާސީ ވާދަވެރިކަމުގެ ތެރެއިން، އެ ސްކޫލްގެ ފާރުގައި ލާފައިހުރި ކުލައާއި މެދު ހިތްހަމަނުޖޭ ބަޔަކު ކޮށްފައިވާ ކަމެއްކަމަށް އޭނާ ތުހުމަތު ކުރިއެވެ.

Ad
rt

ފޭދޫ ކައުންސިލުން އެރަށުގައި ތަރައްޤީ ކުރަމުންދާ ޕްރީސްކޫލްގެ ފާރުގައި ލާފައި ވަނީ ރީނދޫ ކުލައެވެ. އެއީ ވެރިކަންކުރާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީގެ ރަސްމީ ކުލައެވެ.

ފޭދޫ ކައުންސިލުން ތަރައްގީކުރާ ޕްރީސްކޫލް ބޭރު ފާރަށް ކަޅުތެޔޮ ޖެހުމުން އެ އަމަލު ކުށްވެރިކޮށް ފޭދޫ ކައުންސިލުން މިއަދު ވަނީ ނޫސް ބަޔާނެއް ނެރެފައެވެ. އެ ބަޔާނުގައި ބުނެފައިވަނީ މިކަން ކޮށްފައިވަނީ ރޭގެ ވަގުތެއްގައި ކަމަށާއި، ކުޑަކުދިންގެ ތަޢުލީމަށް ކުރިއަށް ގެންދާ މިފަދަ މަސައްކަތްތަކަކީ ރަށުގެ ރައްޔިތުންގެ ލާބައަށް ކުރިއަށް ގެންދާ މަސައްކަތްތަކެއްކަމުން، މިކަމަށް ހުރަސްއެޅޭ ފަދަ އަމަލުތައް ބައެއް ފަރާތްތަކުން ކުރަމުން ދިއުމަކީ އެކަމުގެ ސަބަބުން މުޅި މުޖުތަމަޢުއަށާއި އަންނަން އޮތް ޖީލުތަކަށް އެކަމުގެ ނޭދެވޭ އަސަރު ކުރާނެ ކަމެއްކަމަށެވެ.

ފޭދޫ ކައުންސިލުން އެރަށުަގައި ތަރައްގީކުރާ ޕްރީސްކޫލް ބޭރު ފާރަށް ކަޅުތެޔޮ ޖަހާފައި

އެމަސައްކަތްތައް ކުރަމުންދާ ސަރަހައްދަށާއި ތަކެއްޗަށް ކަޅުތެޔޮ ޖަހާ އެކި ކަހަލަ ގެއްލުން ދިނުމަކީ މަސައްކަތް ކުރިއަށް ގެންދިއުން ލަސްވެ ބޮޑު ހޭދައެއް ކުރަން ޖެހޭނެ ކަމެއް ކަމަށް ކައުންސިލުން ވަނީ ފާހަގަ ކޮށްފައެވެ. އަދި މިއީ ހިތާމަކުރާ ކަމެއް ކަމަށާއި މިފަދަ އަމަލުތައް ކުރާ ބަޔަކު އެކަންތައް ހުއްޓައި ކައުންސިލުން ރަށުގެ ތަރައްޤީއަށް ކުރާ މިފަދަ މަސައްކަތްތަކުގައި އެއްބާރުލުން ދެއްވުމަށް އެކައުންސިލުން ވަނީ އެދިލައްވާފައެވެ.

ފޭދޫގައި މިވަގުތު ނާސަރީ އަދި ބޭބީ ނާސަރީ ތައުލީމް ދެވެމުން ނުދާއިރު، އެ އުމުރުފުރާތަކުގެ 50 ހަކަށް ކުދިން އެ ރަށުގައި އެބަތިއްބެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ކައުންސިލުން ކުރަމުން ދިޔަ މަސައްކަތަކީ އެ ކުދިންނަށް ކިޔަވައިދޭން ޕްރީ ސްކޫލެއް އެޅުމެވެ. އެ މަސައްކަތުގެ ބޮޑުބައި ވެސް މިހާރު ވަނީ ނިމިފައެވެ.