ރާއްޖެއަށް ޑިޖިޓަލް ބޭންކިން ތައާރަފުކުރަން އެސްޓީއޯއިން ފަށާ ބޭންކަށް ކިޔާނީ "އިވޯލްވް" ކަމަށް އެ ކުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު ވިދާޅުވެއްޖެއެވެ.

ރޭ ޑިޖިޓަލް ބޭންކުގެ ނަން ހިއްސާކުރައްވަމުން އަމްރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ބޭންކު ހިންގުމުގެ ހުއްދަ އެމްއެމްއޭއިން ވީހާވެސް އަވަހަށް ލިބިގެން ދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ. އެ ކުންފުނިން މި ހުއްދައަށް އެދިފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގައެވެ.

Ad
rt

އެސްޓީއޯއިން މަސައްކަތް ކުރަމުން ދަނީ މި އަހަރުގެ ފުރަތަމަ ކުއާޓަރުގެ ތެރޭގައި މި ބޭންކުން ހިދުމަތް ދޭން ފަށާށެވެ. އެގޮތުން މާޗު މަހު ހިދުމަތް ފަށަން އެ ކުންފުނިން ޕްލޭން ކުރިއެވެ.

އަމްރު ކުރިން ވިދާޅުވި ގޮތުގައި އެމްއެމްއޭއިން ބުނީ ލައިސެންސް ދޫކުރަން ނަގާނީ ތިން މަސް ކަމަށެވެ. ނަމަވެސް ހަތަރު މަސް ނިމުނު އިރުވެސް އެ ލައިސެންސް ނުލިބެއެވެ.

އެސްޓީއޯގެ މި ބޭންކުން ފަސް މިނެޓުތެރޭގައި އަމިއްލަޔަށް އެކައުންޓު ހެދޭނެ ކަމަށާއި 60 ސިކުންތުގެ ތެރޭގައި ލޯނަށް ހުށަހެޅޭން ކަމުގައި އަމްރު ވިދާޅުވިއެވެ. އަދި ބޭންކުގެ ހުރިހާ ހިދުމަތެއްވެސް ކަސްޓަމަރުންނަށް ޑިޖިޓަލްކޮށް ބޭންކަށް ނުގޮސް ހުރިހާ ލިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.