އަންނަ މަހު 5 ވަނަ ދުވަހު އޮންނަ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީީޕީ) ގެ ޓިކެޓްގައި އެ ދާއިރާއަށް ކުރިމަތިލާފައިވާ ކެންޑިޑޭޓް މުޙައްމަދު ރާޝިދު (ރާޑޯ) އިންތިޚާބުކޮށް، އެމްޑީޕީއަށް އެ ގޮނޑި ލިބިގެން ދިޔުމަކީ ބޭރު ދުނިޔޭން ރާއްޖެއަށް ލިބޭ އެހީތެރިކަން އިތުރުވެ، ބޭރުދުނިޔޭގެ އިތުބާރު ސަރުކާރާމެދު ބޮޑުވެގެންދާނެ ކަމެއްކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާޙީމް ވިދާޅުވެއްޖެއެވެ.

ސަރުކާރު ހިންގާ އިއްތިހާދުގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް މިހެން ވިދާޅުވީ މިއަދު ހަވީރު ކޮމަންޑޫގައި އެމްޑީޕީން އިންތިޒާމްކުރި ކެމްޕޭން ހަރަކާތެއްގައި ވާހަކަ ދައްކަވަމުންނެވެ.

Ad
rt

ޤާސިމް ވިދާޅުވީ، ކޮމަންޑޫ ދާއިރާއަށާއި، ކޮމަންޑޫއަށް ލިބިފައި ވަނީ ވަރަށް ބޮޑު ފުރުޞަޠެއްކަމަށެވެ. ދެކޮމަންޑޫ ގުޅާލުމުގެ ވާހަކައަކީ ތޯތޯ ވާހަކައެއްނޫން ކަމަށާއި، އިރުއަރާ އޮއްސޭކަމަށް ވަންޏާ އެކަން ފުރިހަމަވެގެންދާތަން ފެންނާނެކަމަށް ޤާސިމް ވިދާޅުވިއެވެ. އަދި ގިނަވެގެން ދެތިން މަސް ތެރޭ އެކަން ނިމިގެން ގޮސްފައިވާ މަންޒަރު ފެންނާނެކަމަށް ވެސް ވިދާޅުވިއެވެ.

ދެކޮމަންޑޫ ގުޅުވާލުމުގެ އިތުރުން، ކޮމަންޑޫ މަސްވެރިން ބޭނުންވާ އައިސް ލިބޭނެ އިންތިޒާމުވެސް ހަމަޖައްސަވަން ސަރުކާރުން ނިންމައި، ދެތިން ދުވަހުގެ ތެރޭގައި ފެނަކައިން އެމަސައްކަތް ފައްޓަވާނެކަމުގެ މައުލޫމާތު ލިބިފައިވާކަމަށް ޤާސިމް ވަނީ ވިދާޅުވެފައެވެ.

"މުސްކުޅިންބުނޭ ލަދަކާހުރެ ތަދެއްނުފިލާނޭ، މިއަދު ތިބޭފުޅުންނަށް މިއޮތީ ފުރުޞަޠު، ކޮމަންޑޫ ތަރައްގީކޮށް، ކޮމަންޑޫ ދާއިރާ ތަރައްގީ ކުރުމުގެ ފުރުޞަޠު، މިއަށްވުރެ ފުރިހަމައަށް އަންނާނެ ވަގުތެއްނެތްކަމަށް ދެންނެވިދާނެ" ޤާސިމް ވިދާޅުވިއެވެ.

ޤާސިމް ވިދާޅުވީ ކުރިއަށް ދަނީ ވަރަށް ވާދަވެރި އިންތިޚާބެއްގެ ކެމްޕެއިން ކަމަށެވެ. ނަމަވެސް އެއީ އެމްޑީޕީއަށް މެންބަރުން މަދުވެގެން ކުރާ މަސައްކަތެއް ނޫންކަމަށް ވިދާޅުވިއެވެ.

"މިއަދު މިއޮތް ދަތިހާލާއި، ދުނިޔެ 2019 ވަނަ އަހަރުން ފެށިގެން ފެށިގެންދާ ކޯވިޑްގެ ނުރައްކާތެރިކަމާއި، މިހުރިހާކަމަކާހެދި މުޅި ދުނިޔެ ވަނީ އިގްތިޞާދީ، އިޖްތިމާއީ، ދަތުރުފަތުރުގެ ގޮތުން، ހުރިހާ ގޮތަކުން ވެސް ވަރަށް ބޮޑަށް ދަތިވެފައި، އެކަންއެހެން އޮއްވާ މާތްﷲގެ ވާގިފުޅާއެކު އަޅުގަނޑުމެންގެ ރައްޔިތުން އަޅުގަނޑުމެންގެ ސަރުކާރުން، އަޅުގަނޑުމެންގެ ރައީސުލްޖުމްޙޫރިއްޔާ ކުރެއްވި މިންނެތް މަސައްކަތުން އަޅުގަނޑުމެން ބަނޑަށްޖެހޭކަށް ނުޖެހޭ،" ޤާސިމް ވިދާޅުވިއެވެ.

ދިވެހިންނަށް ވެކްސިނާއި އެނޫންވެސް ކަންކަން ފުރިހަމަވެގެން ދިޔައީ ބައެއް ބޮޑެތި ބޭރުގައުމުތަކުގައި އެކަން ނުކުރެވެނީސް މާކުރިން، މާ އަވަހަށް ކަމަށް ގާސިމް ވަނީ ވިދާޅުވެފައެވެ. އަދި މިހާރުވެސް ވެކްސިންގެ ތިންވަނަ ޑޯޒެއް ޖެހުމުގެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށް ވިދާޅުވިއެވެ.

ސަރުކާރުން، އެމްޑީޕީން އަދި ރައީސުލްޖުމްހޫރިއްޔާ ކޮމަންޑޫ ދާއިރާގެ ގޮނޑި ހޯއްދެވުމަށް މަސައްކަތް ކުރައްވަނީ ކީއްވެގެންތޯ ބަޔަކު ސުވާލު އުފައްދާފާނެ ކަމަށާއި، އެއީ އެއްގޮތަކަށް ވެސް އެމްޑީޕީ މެންބަރުން މަދުވެގެން ކުރާ މަސައްކަތެއް ނޫންކަމަށް ތަކުރާރުކޮށް ޤާސިމް ވަނީ ވިދާޅުވެފައެވެ. މިއަދު ގާނޫނީއަސާސީ ބަދަލުކުރުމުގެ ބާރު ވެސް ސަރުކާރު ހިންގަ ކޯލިޝަަންގެ އެހީތެރިކަމާއެކު އެމްޑީޕީއަށް އެބައޮތް ވެސް ވިދާޅުވިއެވެ.

"އެހެނެއްނޫން، މި ގޮނޑި ކާމިޔާބުވެގެން ދިޔުމަކީ ބޭރުގައުމުތަކުން އެހީތަކާއި، މަދަދު ލިބުމުގައި ވަރަށް ވެސް ކުލަ ގަދަކޮށް، ދިވެހިސަރުކާރާއި އަދި ރައީސުލްޖުމްހޫރިއްޔާ ދެމެދުގައި އޮންނަންވީ ގާތްކަން އިތުރުވެގެންދާނެ ކަމެއް، އެ ރަނގަޅު ލިބިގެން މިދަނީ ކޮންބަޔަކަށްތޯ؟ ދިވެހިރައްޔިތުންނަށް،" ޤާސިމް ވިދާޅުވިއެވެ.

ގައުމެއްގެ ރައީސުލްޖުމްހޫރިއްޔާއާއި ދޭތެރޭގައި ރައްޔިތުންގެ އިތުބާރު ނެތްކަމާއި، ވެރިކަންކުރާ ޕާޓީއަކީ އެއްވެސް ޕާޓީއެއް ނޫންކަމަށް ރައްޔިތުން ދައްކައިފިނަމަ ބޭރުގެ އެހީހޯދަން ދަތިވާނެ ކަމަށް ޤާސިމް ވިދާޅުވިއެވެ. އެހެންކަމުން އިސްލާމްދީނާއި، ގާނޫނުއަސާސީއާއި ޚިލާފް ނުވާގޮތެއްގެ މަތިން، ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގަންނަވާގޮތަށް ކަންފެހިކޮށް ދިނުމަކީ ރައްޔިތުންގެ މައްޗަށް ވާޖިބެއް އަދި ލާޒިމްކަމެއްކަމަށް ވެސް ޤާސިމް ވަނީ ވިދާޅުވެފައެވެ.