ޓެކާސްއިން މުޅި ރާއްޖެއަށް އަމާޒުކޮށް ބާއްވާ ޓެކާސް މައިލޯ ޗެމްޕިއަންޝިޕް މޯލްޑިވްސް ކަޕްގެ ށ އަތޮޅުގެ މެޗްތައް މިއަދު ހަވީރު ށ ނަރުދޫގައި ފަށާނެއެވެ.
ޓެކާސް އިން ބުނެފައިވާ ގޮތުގައި ކޯވިޑްގެ ހާލަތާއި ގުޅިގެން ހދ އަތޮޅުގެ މެޗްތައް ލަސްވެފައިވީނަމަވެސް ކުރިން ތާވާލު ކުރެވިފައިވާ ގޮތަށް ށ އަތޮޅުގެ މެޗްތައް މިއަދު ފަށާނެ ކަމަށެވެ. އެގޮތުން މިއަދު ހަވީރު 16:00 ޖަހާއިރު ފެށުމަށް ހަމަޖެހިފައިވާ ށ އަތޮޅުގެ ފުރަތަމަ މެޗްގައި ބައްދަލު ކުރާނީ ނަރުދޫ އަދި ފޯކައިދޫއެވެ.
2 ގްރޫޕް އަކަށް ބަހާލައިގެން ކުރިއަށް ގެންދާ މިމެޗްތަކުގެ ފުރަތަމަ ގުރޫޕްގައި ހިމެނެނީ ފޯކައިދޫ، ނަރުދޫ އަދި ފީވަކެވެ. 2 ވަނަ ގުރޫޕް ގައި ހިމެނެނީ މިލަންދޫ، ފުނަދޫގެ އިތުރުން ނޫމަރާއެވެ.
ހއ އަތޮޅުން ފަށައިގެން އަތޮޅު ތަރުތީބުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މިމުބާރާތުގައި ޒޯންތައް ބެހިފައިވާ ގޮތަކީ:
- ޒޯން 1: ހއ، ހދ، ށ، ނ
- ޒޯން 2: ރ، ބ، ޅ، މާލެ (އުތުރު)
- ޒޯން 3: މާލެ (ދެކުނު)، ވ، އއ، އދ، މ
- ޒޯން 4: ތ، ލ، ގއ، ގދ، ޏ، ސ/އައްޑޫ
މިމުބާރާތުގެ ޗެމްޕިއަން ޓީމަށް 50000 ރުފިޔާގެ ފައިސާގެ އިނާމެއް ކަނޑައަޅާފައިވެއެވެ. އަދި ރަނަރަޕް ޓީމަށް 25000 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން މި މުބާރާތުގެ ޒޯން ޗެމްޕިއަނުންނާއި އަތޮޅު ޗެމްޕިއަނުންނަށް ވެސް އެވޯޑާ މެޑަލް ލިބޭއިރު އެންމެ މޮޅު ފަސް ކުޅުންތެރިންނާ އެންމެ މޮޅު މެނޭޖަރުގެ އިތުރުން އެންމެ އުއްމީދީ ކުޅުންތެރިޔާ ފަދަ މަގާމުތައް ހޮވާނެކަމަށް ޓެކާސްއިން ވަނީ ބުނެފައެވެ.
ޓެކާސްއިން ދަނީ މިމެޗްތަކަށް ގިނަގުނަ ތައްޔާރީތައް ވަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!