ދަނޑުވެރިކަމަށް ޝައުގުވެރިލައްވާ ފަރާތްތަކަށް 40 ދަނޑުބިން ދޫކުރުމަށް ހއ. އުތީމު ކައުންސިލުން ނިންމައިފިއެވެ.

އެރަށު ކައުންސިލުން ބުނެފައިވާ ގޮތުގައި ދަނޑުބިން ތަކަށް އެދިލައްވަން ބޭނުންވާ ފަރާތްތަކުން ފުރަންޖެހޭ ފޯމް މިމަހުގެ 27 ވަނަ ދުވަހުން ފެށިގެން އެއިދާރާއިން ލިބެން ހުންނާނެއެވެ. އަދި އެފަރާތްތަކުން ފޯމު ހުށައެޅުމަށް ހަމަޖެހިފައިވަނީ އަންނަ ފެބުރުއަރީ މަހުގެ 10 ވަނަ ދުވަހުގެ މެންދުރުފަހު 14:00 ގެ ކުރިންނެވެ.

Ad
rt

އެކައުންސިލުން ބިން ދޫކުރުމަށް ހަމަޖެހިފައިވަނީ 2000 އަކަފޫޓަށްވުރެ ބޮޑުނުވާ ގޮތަށް އަކަފޫޓަކަށް 05/- ލާރި (ފަސްލާރި) ގެ ރޭޓުންނެވެ.

އުތީމު ކައުންސިލުން 2020 ވަނަ އަހަރުވެސް ވަނީ އެރަށުން ދަނޑުބިމަށް އެދުނު 44 ގޭބިސީއަކަށް ބިން ހަވާލުކޮށްފައެވެ. އަދި ނެގުނު ގުރުއަތަކުން ހޮވުނު 6 ގޭ ބިސީއަކަށް އެކައުންސިލުން ވަނީ 20 ކިލޯގެ ގަސްކާނާ ބަސްތާއެއްވެސް ހަދިޔާ ކޮށްފައެވެ.

އުތީމު ކައުންސިލްގެ ރައީސް ޢަބުދު ﷲ ރަޝީދު "ތިލަދުން"އަށް ވިދާޅުވީ ކޯވިޑްގެ ހާލަތާއި ގުޅިގެން ކުރިން ދޫކުރެވުނު ބިންތަކުން އެއްވެސް ކުއްޔެއް ނަގާފައި ނުވިނަމަވެސް، އަލަށް ދޫކުރެވޭ ބިންތަކުން ކުއްޔެއް ނަގަން ނިންމީ ކައުންސިލަށް އާމްދަނީ އެއް ހޯދުމުގެ ގޮތުންނާއި، ދަނޑުބިންތައް ނަގާފަރާތްތައް ޒިންމާދާރު ކުރުވުމަށް ވެސް އެއީ އެންމެ ރަނގަޅު ގޮތްކަމަށް ކައުންސިލަށް ގަބޫލު ކުރެވިގެންކަމަށެވެ.

ކޯވިޑާއި ގުޅިގެން ދޫކުރި 44 ދަނޑު ބިން ދޫކުރީ 2 އަހަރުގެ މުއްދަތަކަށް ހިލެއެވެ. މިހާރު އެ ބިންތަކުގެ މުއްދަތު ވަނީ ހަމަވެފައެވެ.