ކަނބަލުން މޫނު ނިވާކުރަނީ ވެސް އަދި މޫނު ފެންނަގޮތަށް ތިބެނީ ވެސް ކީރިތި ޤުރުއާނުގައިވާ ދަލީލެއްގެ މައްޗަށް ބިނާކޮށް ކަމަށް އިސްލާމިކް އޮގަނައިޒޭޝަން ފޯ ކަލްޗަރ އެންޑް ސިވިލައިޒޭޝަން( އައިއޯސީސީ)ގެ އެއް ނައިބު ރައީސް، އަދި ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ ކުރީގެ މެންބަރު ޑރ. އަނާރާ ނައީމް ވިދާޅުވެއްޖެއެވެ.

މޫނު ބުރުގާ އާއިގުޅޭ ބަހުސް ވަރަށް ގަދަޔަށް ހިނގަމުންދާ މި ދަނޑިވަޅުގައި ޑރ. އަނާރާ މިހެން ވިދާޅުވީ މީސް މީޑިއާ މެދުވެރިކޮށެވެ.

Ad
rt

ޑރ. އަނާރާ ވިދާޅުވީ، ކަނބަލުން މޫނު ނިވާކުރަނީ ކީރިތި ޤުރުއާނުގައިވާ ދަލީލެއްގެ މައްޗަށް ބިނާކޮށް ކަމަށެވެ. އެއީ سورة الأحزابގެ ވަނަ 59 އާޔަތް ކަމަށް އަނާރާ ވަނީ ވިދާޅުވެފައެވެ. އަދި މޫނު ފެންނަގޮތަށް ތިބެނީވެސް ޤުރުއާނުގައިވާ ދަލީލެއްގެ މައްޗަށް ބިނާކޮށް ކަމަށާއި، އެއީ سورة النور ގެ 31 ވަނަ އާޔަތްކަމަށް ވިދާޅުވިއެވެ.

އެއަށްފަހު މަޝްހޫރު ދީނީ ޢިލްމްވެރިޔާ ޑރ. އަނާރާ ވަނީ، އެއްބަޔަކު އަނެއްބަޔަކު ކުއްވެރިނުކޮށް އުޅުން މުހިއްމު ކަމަށް ވިދާޅުވެފައެވެ.

"ކަނބަލުން މޫނު ނިވާކުރަނީ ކީރިތި ޤުރުއާނުގައިވާ ދަލީލެއްގެ މައްޗަށް ބިނާކޮށެވެ. އެއީ سورة الأحزاب:59 އެކެވެ. އަދި މޫނު ފެންނަގޮތަށް ތިބެނީވެސް ޤުރުއާނުގައިވާ ދަލީލެއްގެ މައްޗަށް ބިނާކޮށެވެ. އެއީ سورة النور 31 އެވެ. ވީމާ، އެއްބަޔަކު އަނެއްބަޔަކު ކުއްވެރިނުކޮށްއުޅުން މުހިއްމެވެ." މިހާރު ބާ ކައުންސިލްގެ މެންބަރެއްގެ ގޮތުގައި ހުންނެވި ޑރ. އަނާރާ ވިދާޅުވެފަވެއެވެ.

ޑރ. އަނާރާއަކީ ގިނަ ބަޔެއްގެ ލޯބި ލިބިފައިވާ ދީނީ ޢިލްމްވެރިއެކެވެ. އަދި އޭނާ ގެންދަވަނީ އިޖުތިމާޢީ މަސައްކަތްތައް ކުރެއްވުމުގެ އިތުރުން ދީނީ ގޮތުން ރައްޔިތުން ހޭލުންތެރިކުރުވާ، ދީނީ މަޢުލޫމާތުތައް ފޯރުކޮށްދެއްވުމަށް ވެސް ގިނަ މަސައްކަތްތަކެއް ކުރަށްވަމުންނެވެ.

سورة الأحزاب: 59 ވަނަ އާޔަތުގެ މާނަ: "އޭ ނަބިއްޔާއެވެ! ކަލޭފާނުގެ އަނބިއަނބިކަނބަލުންނާއި، ކަލޭފާނުގެ ދަރިދަރިކަނބަލުންނާއި، މޫމިނުންގެ އަންހެނުން، އެކަނބަލުންގެ ފޭރާންތަކުން ނިވައިވެ ތިބުމަށް ކަލޭފާނު އެ ކަނބަލުންނަށް ވިދާޅުވާށެވެ. އެކަނބަލުން އެނގިގެން ވުމަށާއި، އެކަނބަލުންނަށް އުނދގޫ ނުލިބުމަށް އެގޮތް މާ ގާތްކަން ބޮޑެވެ. ﷲ އީ ގިނަގިނައިން ފާފަ ފުއްސަވާ، ރަޙީމްވަންތަ ރަސްކަލާނގެ ކަމުގައި ވޮޑިގެންވެއެވެ."

سورة النور ގެ 31 ވަނަ އާޔަތުގެ މާނަ: "އަދި މުއުމިނު އަންހެނުންނަށް އެ ކަނބަލުންގެ ބެލުންތައް ތިރިކުރުމަށާއި، އެކަނބަލުންގެ ފަރުޖުތައް ރައްކާތެރިކުރުމަށް ކަލޭފާނު ވިދާޅުވާށެވެ! އަދި އެކަނބަލުންގެ ޒީނަތުގެ ތެރެއިން ފާޅުވެގެންވާ ތަން ފިޔަވައި (އެބަހީ: މޫނާއި، ދެ އަތް ތިލަ ފިޔަވައި) އެކަނބަލުންގެ ޒީނަތް ފާޅުނުކުރާ ހުށިކަމެވެ. އަދި އެ ކަނބަލުންގެ ބުރުގާތައް އެ ކަނބަލުންގެ ކަރުވަޅުތަކުގައި އަޅައި ނިވާ ކުރާހުށިކަމެވެ! އަދި އެކަނބަލުންގެ ފިރިންނަށް، ނުވަތަ އެކަނބަލުންގެ ބަފައިންނަށް، ނުވަތަ އެކަނބަލުންގެ ފިރިންގެ ބަފައިންނަށް، ނުވަތަ އެކަނބަލުންގެ ފިރިންގެ ދަރިންނަށް ނުވަތަ އެކަނބަލުންގެ ފިރިންގެ ފިރިހެން ދަރިންނަށް، ނުވަތަ އެކަނބަލުންގެ އަޚުންނަށް، ނުވަތަ އެކަނބަލުންގެ އަޚުންގެ ފިރިހެން ދަރިންނަށް، ނުވަތަ އެކަނބަލުންގެ އުޚްތުގެ ފިރިހެން ދަރިންނަށް، ނުވަތަ އެކަނބަލުންގެ ތެރެއިންވާ އަންހެނުންނަށް، ނުވަތަ އެކަނބަލުންނަށް މިލްކުވެގެންވާ އަޅުންނަށް، ނުވަތަ ފިރިހެނުންގެ ތެރެއިން އެދުންވެރިކަމެއް ނުހިނގާ ގެންގުޅޭ މީހުންނަށް، ނުވަތަ އަންހެނުންގެ އަވުރަތައް ނޭނގޭވަރުގެ ކުޑަކުއްޖާއަށް މެނުވީ، އެކަނބަލުންގެ ޒީނަތް ފާޅުނުކުރާ ހުށިކަމެވެ! އަދި އެކަނބަލުންގެ (ގަހަނާއާއ)ި ޒީނަތުގެ ތެރެއިން، ވަންހަނާވެފައިވާ ތަކެތި އެންގުމަށްޓަކައި، ފައިތިލަ ތަކުން (ބިމުގައި) އެ ކަނބަލުން ނުތަޅާ ހުށިކަމެވެ. އޭ މުއުމިނުންނޭވެ! ތިޔަބައި މީހުން އެންމެން ﷲއަށް ތައުބާވާށެވެ! (އެއީ) ތިޔަބައި މީހުން ދިންނަވައ،ި ނަޞީބު ލިބިގަތުމަށްޓަކައެވެ."