މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އިމްޕޯޓާއި އެކްސްޕޯޓުން ދައުލަތަށް ލިބުނު އާމްދަނީ އިތުރުވެއްޖެއެވެ.
ކަސްޓަމްސް އިން ނެރުނު ތަފާސްހިސާބުތައް ދައްކާ ގޮތުގައި މިދިޔަ މަހު އިމްޕޯޓާއި އެކްސްޕޯޓުން 364 މިލިއަން ރުފިޔާގެ އާމްދަނީއެއް ދައުލަތަށް ލިބުނެވެ. އެއީ 2020 ވަނަ އަހަރުގެ ޑިސެމްބަރު މަހާ އަޅާ ބަލާއިރު 23 އިންސައްތަ އިތުރުވުމެކެވެ.
މިދިޔަ މަހު ރާއްޖެއަށް އެތެރެ ކޮށްފައިވަނީ 4.5 ބިލިއަން ރުފިޔާގެ މުދަލެވެ. މިއީ 2020 ވަނަ އަހަރުގެ މި މުއްދަތުގައި އެތެރެކުރި މުދަލާ އަޅާބަލާއިރު 78 އިންސައްތައިގެ އިތުރުވުމެކެވެ. އެ އަހަރުގެ ޑިސެމްބަރު މަހު އެތެރެކުރީ 2.5 ބިލިއަން ރުފިޔާގެ މުދަލެވެ.
ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައިވަނީ ޔޫއޭއީ (713 މިލިއަން ރުފިޔާގެ މުދާ) އާއި ޗައިނާ (575 މިލިއަން ރުފިޔާގެ މުދާ) އާއި އިންޑިއާ (504 މިލިއަން ރުފިޔާގެ މުދާ) އަދި އޮމާން (487 މިލިއަން ރުފިޔާގެ މުދާ) އެވެ.
އިމްޕޯޓު އިތުރުވި ނަމަވެސް މިދިޔަ މަހު ރާއްޖޭގެ އެކްސްޕޯޓް ވަނީ ދަށްވެފައެވެ. މިދިޔަ މަހު 327 މިލިއަން ރުފިޔާގެ މުދާ ރާއްޖޭން ބޭރަށް ފޮނުވިއިރު 2020 ވަނަ އަހަރުގެ ޑިސެމްބަރު މަހު 457 މިލިއަން ރުފިޔާގެ މުދާ ވަނީ ފޮނުވައިފައެވެ.
ކަސްޓަމްސްގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި މިދިޔަ މަހު ރޯޔަލްޓީގެ ގޮތުގައި 10.8 މިލިއަން ރުފިޔާ ލިބުނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!