ހުސްވެފައިވާ ރައްޔިތުންގެ މަޖިލީހުގެ ށ. ކޮމަންޑޫ ދާއިރާގެ ގޮނޑިއަށް ވާދަކުރައްވާ ކެންޑިޑޭޓުންގެ މެދުގައި ބަހުސް ބޭއްވުމަށް ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)އިން ނިންމައިފިއެވެ.
މި ބަހުސް ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 25 ވަނަ ދުވަހަގެރޭ 9:00 ގަ އެވެ. މި ބަހުސް ޓީވީއެމްއިން ލައިވްކުރުމަށް ވަނީ ހަމަޖެހިފަ އެވެ.
ދައުލަތުގެ މީޑިޔާ ޕީއެސްއެމްއިން މީގެ ކުރިންވެސް އަންނަނީ މަޖިލިސް އިންތިހާބު ތަކުގައި ބަހުސް ބާއްވަމުންނެވެ. މި ބަހުސްއިން ރައްޔިތުންނަށް ކެންޑިޑޭޓުން ތައާރަފް ވުމަށް ފުރުސަތު ލިބޭއިރު ދާއިރާގެ ތަރައްގީގެ ކަންކަމުގައި ކެންޑިޑޭޓުންގެ ވިސްނުމާއި ތަސައްވަރު ހިއްސާ ކުރެއެވެ.
މި އިންތިހާބުގައި ކޮމަންޑޫ ދާއިރާގެ ހުސްވެފައިވާ ގޮނޑިއަށް ވާދަކުރަނީ 3 ޕާޓީ އަކުންނެވެ. އެއީ އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ރާޝިދު (1)، އިދިކޮޅު ޕީޕީއެމްގެ ކެންޑިޑޭޓް އަލްއުސްތާޛު މޫސާ ފަތުހީ އާދަމްގެ އިތުރުން އެމްއެންޕީން އަބްދުލް ހައްނާނު އިދުރީސް އެވެ.
އަންނަ މަހުގެ 5 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މިއިންތިހާބުގެ ކެންޕެއިން ފެނިގެންދަނީ ވަރަށް ފޯރި ގަދަކޮންނެވެ.
އެދައިރާ ގޮނޑި ހުސްވެފައިމިވަނީ އެ ދާއިރާގެ މެމްބަރުކަމުގައި ހުންނެވި ހުސައިން ވަހީދު މި ދިޔަ ޑިސެމްބަރ މަހުގެ 14 ވަނަ ދުވަހު އަވަހާރަވުމާ ގުޅިގެންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!