މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކަޮޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ދައުވަތަކަށް ޖަޕާންގެ ނޫސްވެރިންތަކެއް ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެ އަތުވެއްޖެއެވެ.
މިއީ މިއަހަރުގެ ފުރަތަމަ ފެމިލިއަރައިޒޭޝަން ދަތުރެވެ. މިދިޔަ އަހަރުވެސް ގިނަ ގައުމުތަކެއްގެ ނޫސްވެރިން ރާއްޖެ ގެނައެވެ.
ޖަޕާނުގެ ނޫސްވެރިންގެ މި ދަތުރު ކުރިއަށް ދާނީ ޖެނުއަރީ މި މަހުގެ 17 ވަނަ ދުވަހާ ހަމައަށެވެ. މި ދަތުރުގައި ރާއްޖެ އައިސްފައިވަނީ ޖަޕާންގެ އާންމުންގެ މެދުގައި މަގުބޫލު އޮންލައިން އަދި ޕްރިންޓް މަޖައްލާތަކާއި، ނޫސްތަކުގެ ލިއުންތެރިންނެވެ.
މި ދަތުރުގައި ބައިވެރިވާ މީޑިއާ ޓީމް ތިބޭނީ ޕުލްމަން މޯލްޑިވްސް މާމުޓާ އަދި މާކިއޯ މޯލްޑިވްސް ކޫއްޑޫގައެވެ. މި ޓީމުން މި ރިޒޯޓުތަކުގައި ލިބެން ހުންނަ ހިދުމަތްތައް ތަޖުރިބާކުރާނެއެވެ. އެއަށްފަހު އެ ނޫސްވެރިއެއް ނިސްބަތް މީޑިއާ މެދުވެރިކޮށް ރާއްޖެ އިޝްތިހާރު ކުރާނެއެވެ.
މި އާޓިކަލްތައް ޖަޕާނުގެ މަތީ ފަންތީގެ ފަތުރުވެރިންނާއި, ބަޖެޓް ފަތުރުވެރިންނާ ހަމައަށް ފޯރާނެކަމަށް ބެލެވެއެވެ. މީގެ ސަބަބުން އެ މާކެޓުގައި ދަތުރުފަތުރުކުރުމަށް ޝައުގުވެރިވާ ފަރާތްތަކުގެ މެދުގައި ރާއްޖެއަކީ ޗުއްޓީ ހޭދަކުރުމަށް އެންމެ ރައްކާތެރި މަންޒިލްގެ ގޮތުގައި އިޝްތިހާރުކޮށް، ރާއްޖެއިން ލިބެން ހުންނަ ތަފާތު ތަޖުރިބާތައް ޕްރޮމޯޓުކުރެވޭނެ ކަމަށް އެމްއެމްޕީއާރުސީން ދެކެއެވެ.
މި ހަރަކާތް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފާވަނީ ވިޒިޓް މޯލްޑިވްސްއިން ޖަޕާނުގެ މާކެޓަށް ގެންގުޅޭ މާކެޓިން ސްޓްރެޓަޖީގެ ދަށުންނެވެ. މި ސްޓްރެޓަޖީއަކީ ރާއްޖެގެ ބްރޭންޑުގެ މައުލޫމަތު ޖަޕާންގެ ފަތުރުވެރިންނަށް ފޯރުކޮށްދީ، ފަތުރުވެރިކަމުގެ ތަފާތު ސެގްމެންޓުތައް ޖަޕާން މާކެޓަށް އިޝްތިހާރުކުރުމަށް ބައްޓަންކޮށްފައިވާ ސްޓްރެޓަޖީއެކެވެ.
ކޯވިޑް-19 ގެ ކުރިން 2019 ވަނަ އަހަރު ޖުމްލަ 44,251 ފަތުރުވެރިން ޖަޕާނުން ދިވެހިރާއްޖެއަށް ޒިޔާރަތްކުރިއެވެ. ޖާޕާން މާކެޓަކީ އެ އަހަރު ނުވަ ވަނަ އަށް އެންމެ ގިނައިން ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރި މާކެޓެވެ.
ކޮވިޑް-19 އާއި ގުޅިގެން ޖަޕާންގެ ބޯޑަރު ބަންދުކޮށްފައި އޮތުމަށް ފަހު މިހާރު ހުޅުވާފައި ވީނަމަވެސް ޑޮމެސްޓިކް އަދި އިންޓަރނޭޝަނަލް ދަތުރުފަތުރު ކުރުމުގައި ގިނަ ރައްކާތެރިކަމުގެ ފިޔަވަޅުތަކެއް ވަނީ އަޅާފައެވެ. އޮމިކްރޯންގެ ސަބަބުން ކުރިން ދެވުނު ލުއިތައްވެސް އަލުން ވަނީ އަނބުރާ އިއާދަކޮށްފައެވެ. މިފިޔަވަޅުތަކުގެ ސަބަބުން ޖަޕާނުގައި ކޮވިޑް ކޭސްތައް މަދުކަން ވަނީ ފާހަގަކުރެވިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!