މިދިޔަ ޑިސެމްބަރު މަހު މީރާ މެދުވެރިކޮށް ދައުލަތަށް ލިބޭނެ ކަމަށް އަންދާޒާ ކުރިވަރަށްވުރެ ލިބުނު އާމްދަނީ އެތައް ގުނައެއް އިތުރުވެއްޖެއެވެ.

މީރާއިން ނެރުނު ތަފާސްހިސާބުތައް ދައްކާގޮތުގައި މިދިޔަ ޑިސެމްބަރު މަހު ލިބުނު އާމްދަނީ ވަނީ އަންދާޒާ ކުރިވަރަށްވުރެ 45 އިންސައްތަ އިތުރުވެފައެވެ. އެއީ 2.03 ބިލިއަން ރުފިޔާއެވެ.

Ad
rt

މިއީ މިދިޔަ އަހަރު ދައުލަތަށް އެންމެ ބޮޑު އާމްދަނީއެއް ލިބުނު ވެސް މަހެވެ. އަދި 2020 ވަނަ އަހަރުގެ ޑިސެމްވރާ އަަޅާ ބަލާއިރުވެސް އާމްދަނީ ވަނީ އިތުރުވެފައެވެ.

މީރާ އިން ބުބިގޮތުގައި ޑިސެމްބަރު މަހު ލިބުނު އާމްދަނީ އިތުރުވީ 2020 ވަނަ އަހަރުގެ ޑިސެމްބަރު މަހާ އަޅާބަލާއިރު ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު ހަތަރު ގުނަ އިތުރުވުމުންނެވެ. މިދިޔަ ޑިސެމްބަރު މަހު ލީސް ޕީރިއަޑް އެކްސްޓެންޝަން ފީ ވެސް ލިބިފައިވާ ކަމަށް މީރާއިން ބުންޏެވެ.

މިދިޔަ ޑިސެމްބަރު މަހު އެންމެ ބޮޑު އާމްދަނީއެއް ލިބުނީ ޖީއެސްޓީންނެވެ. ޖީއެސްޓީގެ ގޮތުގައި 952.77 މިލިއަން ރުފިޔާ ލިބުނެވެ.

ދެވަނަ އަށް އެންމެ ގިނަ އާމްދަނީއެއް ޓޫރިޒަމް ބިމު ކުލިން ލިބުނުއިރު ތިންވަނައަށް އެންމެ ބޮޑު އާމްދަނީއެއް ލިބުނީ ލީސް ޕީރިއަޑް އެކްސްޓެންޝްން ފީ އިންނެވެ. އެގޮތުން ޓޫރިޒަމް ބިމު ކުލިން 485.44 މިލިއަން ރުފިޔާ ލިބުނުއިރު، ލީސް ޕީރިއަޑް އެކްސްޓެންޝަން ފީގެ ގޮތުގައި 153.60 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ.

މީގެ އިތުރުން އިންކަމް ޓެކްސްގެ ގޮތުގުައި 95.69 މިލިއަން ރުފިޔާ އާއި ގްރީން ޓެކްސްގެ ގޮތުގައި 94.41 މިލިއަން ރުފިޔާ ވެސް ދައުލަތަށް ވަނީ ލިބިފައެވެ.

މިދިޔަ އަހަރު މީރާ މެދުވެރިކޮށް ދައުލަތަށް 15 ބިލިއަނަށްވުރެ ބޮޑު އާމްދަނީއެއް ވަނީ ލިބިފައެވެ.