ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަ ކުރުމަށް އަދި ވަކިގޮތެއް ނިންމާފައި ނުވާކަމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން ބުނެފިއެވެ.

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހުޅުވާލީ، އެ ދާއިރާގެ މެންބަރު ހުސައިން ވަހީދު މި މަހުގެ 13 ވީ ހޯމަދުވަހުގެ ރޭ އަވަހާރަވުމާ ގުޅިގެންނެވެ.

Ad
rt

ބައި އިލެކްޝަންގައި ވާދަކުރުމަށް އީސީން ފުރުސަތު ހުޅުވާލާފައި ވަނީ މިމަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށެވެ.

މި އިންތިޚާބުގައި ޖޭޕީން ވާދަކުރޭތޯ އޮޅުން ފިލުވާލަން ދެންނެވުމުން އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް، ކެލާ ދާއިރާގެ ކުރީގެ މެންބަރު ޢަލީ ޢާރިފް "ތިލަދުން"އަށް ވިދާޅުވީ، އެކަމާމެދު އެ ޕާޓީން އަދި ވަކިގޮތެއް ނިއްމާފައި ނުވާކަމަށެވެ.

"ތިކަމާ ދަނީ މަޝްވަރާކުރެވެމުން، ނަމަވެސް އަދި މިހާތަނަށް ކެންޑިޑޭޓެއް ނެރުމަށް ވަކިގޮތެއް ނިންމާފައެއް ނެތް"

ޢަލީ އާރިފް ވިދާޅުވިއެވެ.

އީސީއިން އެންމެ ފަހުން ހާމަކޮށްފައިވާ މައުލޫމާތަށް ބަލާއިރު ރާއްޖޭގައި ތިންވަނަ އަށް އެންމެ މެންބަރުންގިނަ ސިޔާސީ ޕާޓީ ޖޭޕީއެވެ. އަދި އެންމެ ފަހުން ޖޭޕީގެ ލީޑަރު ޤާސިމް އިބްރާޙީމް ވާދަކުރެއްވި 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ކޮމަންޑޫ ދާއިރާ ހިމެނޭ ށ. އަތޮޅަކީ ޖޭޕީއަށް ބޮޑު ތާއީދެއްވެސް ލިބުނު އަތޮޅެކެވެ.

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރާ ތިން ޕާޓީއެއްގެ ކެންޑިޑޭޓުން މިހާރު ވަނީ ކަށަވަރު ވެފައެވެ.

މިގޮތުން ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީއިން ވަނީ ފޯކައިދޫ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް އަދި ފޯކައިދޫ ކައުންސިލްގެ ކުރީގެ ނައިބު ރައީސް މުހައްމަދު ރާޝިދަށް ޓިކެޓް ދީފައެވެ. ރާޝިދަކީ ފޯކައިދޫއަށް ނިސްބަތްވާ ބޭފުޅެކެވެ.

ޕީޕީއެމުން ޓިކެޓް ދީފައި ވަނީ ރައީސް ޔާމީން ސަރުކާރުގައި ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރެއްގެ މަގާމް ފުރުއްވި، ގާނޫނީ ވަކީލު މޫސާ ފަތުހީ އާދަމަށެވެ. ފަތުހީ އަކީ ކޮމަންޑޫއަށް ނިސްބަތްވާ ބޭފުޅެކެވެ.

އެމްއެންޕީއިން އެ ޕާޓީގެ ޓިކެޓް ދީފައިވަނީ ތައުލީމީ ދާއިރާގެ ޚިދުމަތްތެރިއެއްކަމަށްވާ އަބުދުލް ޙަންނާން އިދުރީސްއަށްވެ. ހަންނާނުވެސް ނިސްބަތްވަނީ ކޮމަންޑޫ އަށެވެ.

މީގެއިތުރުން ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބު އިސްކޮށް ހުންނަވާ އުފެއްދެވި އެމްޓީޑީއިންވެސް ކެންޑިޑޭޓަކު ނެރެން ނިންމިކަން މިއަދު ވަނީ ޢިއުލާންކޮށްފައެވެ.

ކޮމަންޑޫ ދާއިރާގެ ގޮނޑިއަށް މެންބަރަކު އިންތިޚާބުކުރުމަށް ބާއްވާ ރައްޔިތުންގެ ބައި-އިލެކްޝަން ބާއްވަން އީސީއިން ނިންމާފައި ވަނީ، 2022 ފެބުރުވަރީ 05 ވާ ހޮނިހިރު ދުވަހު އެވެ.