ގަތަރު އެއާވޭސް އިން ރާއްޖެއަށް ދަތުރު ކުރާތާ 20 އަހަރު ފުރުން ކުލަގަދަކޮށް ފާގަ ކޮށްފިއެވެ.
މިއަދު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ބޭއްވި ރަސްމިއްޔާތެއްގައި ގަތަރުގެ ބޯޓަށް އެމްއޭސީއެލުން ވަނީ ފެނުގެ ސެލިއުޓާއެކު މަރުހަބާ ކިޔައިފައެވެ. އަދި މެހެމާނުންނަށް ބޮޑުބެރާއެކު މަރުހަބާ ކިޔައިފައިވާއިރު އަހަރީ ދުވަސް ފާހަގަ ކުރަން ކޭކެއް ވަނީ ފަޅައިފައެވެ.
މިއަދުގެ ރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓަރު އަބްދު މައުސޫމް އާއި އެއާޕޯޓާ ވަގުތީ ގޮތުން ހަވާލުވެ ހުންނެވި އިބްރާހިން ތޯހާ ބައިވެރިވެވަޑައިގެންނެވިއެވެ.
މިނިސްޓަރު މައުސޫމް ވިދާޅުވީ ގަތަރު އެއާވޭސްއަކީ ރާއްޖެ، ގައުމުތަކާ ގުޅުވާލުމުގައި މުހިންމު ދައުރެއް އަދާ ކުރާ އެއާލައިނެއް ކަމަށެވެ. އަދި ފުރަތަމަ ދަތުރުން ފެށިގެން މިހާތަނަށްވެސް އެ އެއާލައިނާ ރާއްޖެއާ ދެމެދު އޮންނަ ގުޅުމަށް ބަދަލު ނުގެނެސް ދަތުރު ކުރާތީ ވަނީ ޝުކުރު އަދާ ކުރައްވައިފައެވެ.
ކޯވިޑްގެ ސަބަބުން ރާއްޖޭގެ ބޯޑަރު ބަންދު ކޮށްފައި އޮތުމަށްފަހު އަލުން ހުޅުވާލި އިރު ފުރަތަމަ ދަތުރުތައް ވެސް ފެށީ ގަތަރު އެއާވޭސް އިންނެވެ. އެއާލައިންގެ ދަތުރުތަށް އެންމެ ފުރަތަމަ ފެށީ 2001 ވަނަ އަހަރުއެވެ.
މިހާރުވެސް ގަތަރު އެއާވޭސް އިން ރާއްޖެއަށް ހަފުތާއަކު 28 ދަތުރު ކުރެއެވެ. އެއާލައިނަކީ މިހާލަތުގައިވެސް ރާއްޖެއަށް އެންމެ ގިނަ ފަސިންޖަރުން ގެންނަ އެއާލައިނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!