ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ގުރުއަތުލުމުގައި ދިމާވި ޓެކްނިކަލް މައްސަލަތަކާއި ގުޅިގެން އަލުން ގުރުއަތުލުން ބޭއްވުމުން މުބާރާތުގެ އެންމެ ކާމިޔާބު ޓީމްކަމަށްވާ ރެއާލް މެޑްރިޑާއި ފްރާންސްގެ ޕީއެސްޖީ ވާދަކުރަން ޖެހިއްޖެއެވެ.
ޗެމްޕިއަންސް ލީގުގެ ގަދަ 16 ބުރުގެ ޤުރުއަތުލުން ބާއްވާފައި ވަނީ ހޯމަ ދުވަހު ސްވިޓްޒަލެންޑުގެ ނިޔޯނުގައި ހުންނަ ޔުއެފާ ހެޑްކުއާޓަރުގައެވެ. ފުރަތަމަ ގުރުނެގުމުގައި މެންޗެސްޓާ ޔުނައިޓެޑާއި ވިޔަރެއާލް ބައްދަލުކުރާ ގޮތަށް ގުރުދިމާވުމުގެ އިތުރުން ލިވަޕޫލްގެ ބޯޅަ އެތުލެޓިކޯއާ ކުޅެން ޖެހޭ ގުރުއަތުލުމުގައި ހިމެނުން ފާހަގަ ކުރެވެއެވެ.
މެންޗެސްޓާ ޔުނައިޓެޑާއި ވިޔަރެއާލްއަކީ ގްރޫޕް ސްޓޭޖްގެ ގްރޫޕް އެފްގައި ހިމެނުނު ދެ ޓީމެވެ. އުސޫލް އޮންނަ ގޮތުން ދެވަނަ ބުރުގައި އެއް ގުރޫޕެއްގެ ދެ ޓީމެއް ވާދަކުރާގޮތަށް ގުރުދިމާވެގެންނުވާނެއެވެ. މީގެ އިތުރުން ލިވަޕޫލާއި އެތުލެޓިކޯއަކީ ވެސް ގްރޫޕް ސްޓޭޖުގައި އެއް ގްރޫޕެއްގައި ހިމެނުނު ދެ ޓީމެވެ. ނަމަވެސް އެތުލެޓިކޯ ބައްދަލުކުރަން ޖެހޭ ޓީމްތަކުގެ ތެރޭގައި ލިވަޕޫލްގެ ބޯޅަ އޮތުމުން އެ މައްސަލަ ވެސް ވަނީ ފެންމަތިވެފައެވެ.
މި މައްސަލަތަކާއި ގުޅިގެން އުފެދުނު ނުތަނަވަސް ކަމާއިއެކު ޓީމްތަކުން އަލުން ގުރުއަތުލުން ބާއްވަން ރިކުއެސްޓް ކުރުމާއި ގުޅިގެން ޔުއެފާއިން ވަނީ އެ ގޮތަށް ނިންމައި އަލުން ގުރުއަތުލުން ބާއްވާފައެވެ.
ފުރަތަމަ ފަހަރު ގުރުއަތުލީ އިރު ޔުނައިޓެޑާއި ޕީއެސްޖީ ވާދަކުރަން ޖެހުނު ނަމަވެސް، ދެވަނަ ފަހަރު ގުރުއަތުލުމުން ޔުނައިޓެޑް ވާދަކުރަން ޖެހިފައި ވަނީ އެތުލެޓިކޯ މެޑްރިޑާއެވެ. ޕީއެސްޖީ ވާދަކުރަން ޖެހިފައިވަނީ ރެއާލް މެޑްރިޑާއެވެ.
އިންޓަމިލާނާއި ލިވަޕޫލް ވާދަކުރަން ޖެހުނުއިރު، ވިޔަރެއާލް ބައްދަލުކުރަން ޖެހިފައިވަނީ ޔުވެންޓަސްއާއެވެ. ދެފަހަރު ގުރުއަތު ލުމުން ވެސް ޗެލްސީއަށް ލައްވާލާފައި ވަނީ ފްރާންސްގެ ލިލްއެވެ. ބެންފީކާއާއި އަޔެކްސް ބައްދަލުކުރާއިރު މެންޗެސްޓާ ސިޓީ ބައްދަލުކުރާނީ ސްޕޯޓިންއާއެވެ. މުޅިން އަލަށް ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުން ޖާގައެއް ހޯދި ސާލްޒްބާގް ބައްދަލުކުރަން ޖެހޭނީ ޖަރުމަނުގެ ޗެމްޕިއަން ބަޔާން މިޔުނިކާއެވެ.
ދެ ވަނަ ބުރުގެ މެޗުތައް ކުޅޭނީ އަންނަ އަހަރުގެ ފެބްރުއަރީ 15-16 އާއި 22-23 ގަ އެވެ. ޗެމްޕިއަންސް ލީގުގެ މި ފަހަރުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ އަންނަ އަހަރު މެއި މަހު ރަޝިއާގެ ސެއިންޓް ޕީޓާސްބާގް ސްޓޭޑިއަމްގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!