ހދ. ވައިކަރަދޫގައި ގާއިމްކުރާ ތުއްކޮއިބޭގެ ހަނދާނީ ބިނާގެ ބިންގާ އަޅައިފި އެވެ.

"ތިލަދުން" އަށް މައުލޫމާތު ދެއްވަމުން ވައިކަރަދޫ ކައުންސިލްގެ ރައީސް އަބްދުﷲ ޒާމިރު ވިދާޅުވީ މިއަދު މި ބިންގާ އަޅާފައި މިވަނީ "ކޭލަކުނު ތަޅާލި ވިއްސާރަ" އަށް 200 އަހަރު ވުމާއި ގުޅިގެން ކަމަށެވެ.

Ad
rt

އެގޮތުން ތުއްކޮއިބޭގެ އާއިލާއަކީ އެ ހާދިސާއަށް ފަހު އެރަށުގެ ދަރިފަސްކޮޅު ވައިކަރަދޫގައި އާބާދު ވެގެންދިޔުމުގެ އަސްލު ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

ވައިކަރަދޫ އަށް އުފަން ދަރިއެއް ކަމަށްވާ އަދި މިހާރު ހެލްތް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ މުޙައްމަދު ޒުހައިރުގެ އިރުޝާދުގެ ދަށުން ގާއިމް ކުރުމަށް ހަމަޖެހިފައިވާ މި ބިނާ އެޅުމަށް ހަމަޖެހިފައިވަނީ އެރަށުގެ "ރަށްމެދު" ސަރަހައްދުގައެވެ. އެއީ މިހާރު އައުޓްޑޯޖިމް ހުރިތަނެވެ.

އެރަށު ކައުންސިލުން މައުލޫމާތު ދީފައިވާ ގޮތުގައި މި ޕްރޮޖެކްޓް ކުރިއަށް ގެންދިއުމުގެ އެންމެ ބޮޑު މަގްސަދަކީ ތުއްކޮއިބޭގެ ދަރިފަސްކޮޅު އުފެދިގެން އައިގޮތް އަންނަން އޮތް ޖީލް ތަކަށް ވެސް ފެންނަން ހުންނާނެ ގޮތެއް ހެދުމެވެ.

އެގޮތުން މި ކޮންސެޕްޓް ރާވާފައި ވާނީ ކުރިއަށް އޮތް ދަރިފަސްކޮޅުތަކާއި ހަމައަށް މި މަސައްކަތް ހުއްޓާ ނުލައި ކުރިއަށް ގެންދާނެ ގޮތަކަށް ކަމަށް އެކައުންސިލުން ވިދާޅުވިއެވެ.

މީގެ އިތުރުން މިފަދަ ޕްރޮޖެކްޓްއެއްގެ ސަބަބުން ފަތުރުވެރިންގެ މަގުބޫލުކަން ލިބި ކިޔަވާ ދަރިވަރުންނަށްވެސް ފަސޭހަ ވެގެންދާނެ ކަމަށް ކައުންސިލުން ފާހަގަ ކުރެއްވިއެވެ. އަދި މި ޕްރޮޖެކްޓް ފެށުމަށް ތާރީހް ދިރާސާ ކުރާ ފަރާތްތަކުން ވެދެއްވާފައިވާ އެހީތެރިކަން ފާޅުކޮށް އެފަރާތްތަކަށް ވަނީ ވަރަށް ހާއްސަ ޝުކުރެއް އަދާ ކުރައްވާފައެވެ.

ތާރީޚީ ގަލަކުން އެޅިގެންދިޔަ މި ބިންގާ އެޅުމުގައި ރަށުގެ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެމްބަރުންގެ އިތުރުން ރަށުގެ ދުވަސްވީ ފަރާތްތަކެއް ވަނީ ބައިވެރިވެފައެވެ. އަދި މި ރަސްމިއްޔާތުގައި ހެރިޓޭޖް މިނިސްޓްރީގެ ސީނިއަރ ޕޮލިސީ ޑައިރެކްްޓަރ އަޙްމަދު ހާޝިމް (ޓިންޓިން) ވެސް ވަނީ ބައިވެރިވެފައެވެ.