މިފެށޭ 2022 ވަނަ އަހަރުގެ ސަރުކާރުގެ ރަސްމީ ބަންދު ދުވަސްތަކުގެ ގޮތުގައި އިތުރު ދުވަސްތަކެއް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ކަނޑައަޅުއްވައިފިއެވެ.

ރައީސް އޮފީހުން މިއަދު ނެރުއްވި ދެންނެވުމެއްގައި ވާގޮތުން މިއަންނަ އަހަރަށް ބަންދު ދުވަސްތަކުގެ ގޮތުގައި ރައީސުލްޖުމްޙޫރިއްޔާ ވަނީ އިތުރު 4 ދުވަހެއް ކަނޑައަޅުއްވާފައެވެ.

Ad
rt

މިގޮތުން ފުރަތަމަ ދުވަހަކަށް ކަނޑައަޅުއްވާފައި ވަނީ އަންނަ އަހަރުގެ މޭ 5 ވަނަ ދުވަހެވެ. މޭ 1 ވަނަ ދުވަހަކީ ބައިނަލްއަޤްވާމީ މަސައްކަތް ތެރިންގެ ދުވަސްކަމަށްވާތީ އެ ދުވަހަކީ ވެސް ރަސްމީ ބަންދު ދުވަހެކެވެ. އަދި އަންނަ އަހަރުގެ ފިޠުރު ޢީދު ބަންދަކީ މޭ 2 އިން 4 އަށް ކަމަށް ވުމުން މޭ 5 ބަންދު ދުވަހެއް ކަމަށް ހަމަޖެއްސެވުމުން އެ ހަފްތާ އެއްކޮށް ބަންދުވެގެން ދާނެއެވެ. މި ދުވަސްތަކުގެ ކުރިއަށާއި ފަހަތަށް ހަފްތާ ބަންދު ގުޅިގެންދާތީ 9 ދުވަސް މި ބަންދުގައި ލިބޭނެއެވެ.

ދެވަނައަށް އަދި ތިން ވަނައަށް އިތުރު ބަންދު ދުވަސްތަކެއް ކަމަށް ކަނޑައަޅުއްވާފައި ވަނީ ޖުލައި 13 އަދި 14 ވަނަ ދުވަހެވެ. ޖުލައި 10 އިން 12 އަށް ހިނގާ ދުވަސްތަކަކީ އަޟްޙާ ޢީދާއި ގުޅުވައިގެން ބަންދުކޮށްފައިވާ 3 ދުވަސް ކަމަށް ވުމުން ޖުލައި 13 އަދި 14 ބަންދު ކުރުމުން އެ ހަފުތާވެސް އެއްކޮށް ބަނދުވެގެން ދާނެއެވެ. އަންނަ އަހަރުގެ އަޟްހާ ޢީދު ދުވަހަކީ ޖުލައި 9 އެވެ. އެއީ ހޮނި ހިރު ދުވަހެކެވެ. ހައްޖު ދުވަސް ދިމާވަނީ ޖުލައި 8 އާއެވެ. އެއީ ހުކުރު ދުވަހެކެވެ. މިދުވަސްތަކުގެ ކުރިއަށާއި، ފަހަތަށް ހަފްތާ ބަންދު ގުޅިފައި ވުމުން ބަންދު 9 ދުވަސް ލިބޭނެއެވެ.

ހަތަރު ވަނަ ދުވަހަކަށް ބަންދު ދުވަހެއް ކަމަށް ކަނޑައަޅުއްވާފައި ވަނީ ޖުލައި މަހުގެ 28 ވަނަ ދުވަހެވެ. ޖުލައި 26 ވަނަ ދުވަހަކީ މިނިވަން ދުވަސްކަމަށް ވުމުން، 26 ވަނަ ދުވަހާއި، އެދުވަހާއި ގުޅުވައިގެން 27 ވަަނަ ދުވަސް ވެސް ބަންދު ދުވަހެއްކަމަށް ވާތީ، މި ބަދަލާއެކު އެ ހަފްތާގެ ވެސް 3 ދުވަސް ބަންދުވެގެން ދާނެއެވެ. ކުރިއަށް އޮންނާނީ ހަތްފާ ބަންދެވެ. އެހެންކަމުން މި ބަންދުގައި ބަންދު 5 ދުވަސް ލިބޭނެއެވެ.