ޔުއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް އެފްގައި މެންޗެސްޓާ ޔުނައިޓެޑާއި ވިޔަރެއާލް ބައްދަލުކުރި މެޗު ޔުނައިޓެޑުން ކާމިޔާބުކޮށް މުބާރާތުގެ ގަދަ 16 ގެ ބުރުން އެ ޓީމް ޖާގަ ހޯދައިފިއެވެ. އަންގާރަ ދުވަހުގެ ރޭ ވިޔަރެއާލްގެ ދަނޑުގައި ކުޅުނު މި މެޗު ޔުނައިޓެޑުން ކާމިޔާބު ކޮށްފައި ވަނީ 2-0 ގެ ނަތީޖާއަކުންނެވެ.
މެޗުގައި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ވިޔަރެއާލުން ކުޅުނު ނަމަވެސް އެ ޓީމަށް ވަނީ މެޗުގައި ލަނޑެއް ކާމިޔާބު ކުރެވޭ ގޮތްނުވެފައެވެ. މެޗުގެ ދެ ހާފުގައި ވެސް ވިޔަރެއާލްގެ މަނޫ ފޮނުވާލި ނުރައްކާތެރި ހަމަލާތައް ދިފާއުކުރުމުގައި ޔުނައިޓެޑްގެ ކީޕަރު ޑޭވިޑް ޑެހެއާ ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ.
މެޗުގެ ފަހު ފަނަރަވަރަކަށް މިނެޓް ޔުނައިޓެޑުން ޑޮމިނޭޓްކުރި އިރު އެ ވަގުތުގެ ތެރޭގައި ޔުނައިޓެޑުން ވަނީ ދެ ލަނޑު ޖަހާފައެވެ. ފުރަތަމަ ލަނޑު 78 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައި ވަނީ ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. ރޮނާލްޑޯ ވަނީ މި ސީޒަންގައި ޗެމްޕިއަންސް ލީގުގައި ކުޅުނު ފަސް މެޗުގައި ވެސް ލަނޑުޖަހާފައެވެ. ޔުނައިޓެޑް ޗެމްޕިއަންސް ލީގުގައި ކުޅުނު ފަސް މެޗުގައި 10 ލަނޑު ޖަހާފައިވާއިރު އޭގެ ތެރެއިން 6 ލަނޑު ޖަހާފައި ވަނީ ރޮނާލްޑޯއެވެ.
މެޗުގައި ޔުނައިޓެޑުން ކާމިޔާބުކުރި ދެވަނަ ލަނޑު 91 ވަނަ މިނެޓުގައި ބްރޫނޯ ފެނާންޑޭޒް ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ ސަންޗޯއެވެ. މިއީ މި ސީޒަނަށް ބްރޫޝިއާ ޑޯޓްމަންޑުން ޔުނައިޓެޑަށް ގެނައި ސަންޗޯ އެ ޓީމަށް ކާމިޔާބު ކޮށްދިން ފުރަތަމަ ލަނޑެވެ.
މި ގްރޫޕްގައި ހިމެނޭ އަނެއް ދެ ޓީމް ކަމަށްވާ އެތުލާންޓާއާއި ޔަންގް ބޯއީސް އަންގާރަ ދުވަހުގެ ރޭ ބައްދަލުކުރި މެޗު ނިމިގެން ގޮސްފައި ވަނީ 3-3 ގެ ނަތީޖާއިން ދެ ޓީމް އެއްވަރު ވެގެންނެވެ.
މި ގްރޫޕްގައި ކޮންމެ ޓީމަކަށް ބާކީ އެއްމެޗު އޮތްއިރު ފަސް މެޗުން 10 ޕޮއިންޓް ހޯދައިގެން ޔުނައިޓެޑް ވަނީ އަނެއް ބުރުން ޖާގަ ހޯދާފައެވެ. މި ގްރޫޕްގެ ދެވަނާގައި ވިޔަރެއާލް އޮތީ ފަސް މެޗުން ލިބުނު 7 ޕޮއިންޓާއިއެކުއެވެ. އެތުލާންޓާއަށް 6 ޕޮއިންޓް ލިބިފައިވާއިރު ތާވަލުގެ ފުލުގައި 4 ޕޮއިންޓާއިއެކު އޮތީ ޔަންގް ބޯއީސްއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!