ރަށަކީ ދިވެހިރާއްޖޭގެ ހިތްގައިމު ރަށްތަކުގެ ތެރެއިން ހަމަ އެހާމެ ހިތްގައިމު ރަށެކެވެ. ތިލަދުންމަތީ ގައްލަންދުއެވެ. ރަށުގެ ގޮނޑުދޮށާ، މާ ދުރުނޫން ހިސާބެއްގައި ހުރި ބޮޑުގަހެއްގެ ދޮށުގައި ދެ މީދާ ތިއްބެވެ. ހީވާ ގޮތުން އެއީ ދެމައިންނެވެ. އެ ދެމީދާ އެތާ ތިބެގެން ވާހަކައެއްދައްކަނީއެވެ. އެ ތަނުން ކުޑަ މީދާ އޭތީގެ މަންމަ ކުރެން އެއްޗެއް އަހަނީއެވެ.
އެކުރި ސުވާލެއްގެ ސަބަބުން ނުވަތަ އެ އެހި ވާހަކައެއްގެ ސަބަބުން އެތަނުން ބޮޑު މީދަލަށް ވަރަށް ފުން އަސަރެއްކޮއްފިއެވެ. އަދި އެ މީދާ ފެންކަޅިވެއްޖެއެވެ. މިގޮތަށް ކަންތައް ދިމާވުމުން އަނެއް މީދަލުގެ ސުވާލުތައް އިތުރުވެ އެތައް ފަހަރަކު ތަކުރާރުކުރަން ފެށިއެވެ. އެމީދާ އޭގެ މަންމައާ ސުވާލުކުރިއެވެ.
“މަންމާއެވެ! އަހަރެންގެ ބައްޕަ އާއި އަދި އެހެނިހެން ތިމާގެ މީހުންނަށް ވީ ކީއްހެއްޔެވެ؟ ބުނެބަލާށެވެ. މަންމާއެވެ. އަޅެ މަންމާ އެވެ. ބުނެބަލާށެވެ.”
ކުޑަމީދާ އޭތީގެ މަންމަގެ ކޮނޑުގައި ހިފައި ތަޅުވަތަޅުވައިފައި އެސުވާލު އެތައް ފަހަރަކު ތަކުރާރުކުރަމުން ގެންދިޔައެވެ.
އެންމެ ފަހުން އަނެއް މީދަލަށް އުނދަގޫވެގެން ދެލޮލުން ކަރުނަފޮހެލައިފައި ބުންޏެވެ.” ދަރިފުޅާއެވެ. މަންމަކުރެން ތިޔަ ވާހަކަ ނާހާށެވެ. އެއިން އެކަކު ވެސް މިހާރަކު ދުނިޔެއަކު ނެތެވެ. އެހުރިހާ އެންމެން ވަނީ މަންމަ އާއި ދަރިފުޅު ދޫކޮށް މި އަނިޔާވެރި ދުނިޔެއާ ވަކިވެ ގޮސްފައެވެ. ދަރިފުޅާއެވެ. ތިޔަ ވާހަކަ ދެން ހުއްޓައިލާށެވެ. ތިޔަ ކަހަލަ ވާހަކަދެއްކުމުން ހިތަށް އިތުރު ހިތްދަތި ކަމެއް ނޫނީ ނުލިބޭނެއެވެ.”
އަނެއް މީދާ އޭގެ މަންމަގެ މިބަހެއް ގަބޫލެއް ނުކުރިއެވެ. އަދި އިތުރަށް އަނެއްކާވެސް ސުވާލުތަކެއް ކުރަން ފެށިއެވެ. “މަންމާ އެވެ. އެ އެންމެން އެކީގައި ހެއްޔެވެ؟ ކީއްވެގެން ހެއްޔެވެ؟ މަންމާ އެވެ. އަހަންނަށް އެކަންކަން ރަނގަޅަށް ސާފުކޮށްދޭށެވެ. ކޮންމެ މީހަކަށް ވެސް އެމީހެއްގެ އާއިލާގެ މީހުންގެ ޚަބަރުދަބަރު ރަނގަޅަށް އެނގި ސާފުވާން ޖެހޭނެ ނޫން ހެއްޔެވެ؟ އަދި އެ އެންމެން އެއްފަހަރާ މަރުވެގެން ދާނީ ހަމަ ގައިމުވެސް ކޮންމެވެސް ބޮޑު ހާދިސާއެއްގައެވެ.”
ނަމަވެސް މީދަލުގެ މަންމަ އެ ވާހަކަ ކިޔައިނުދޭން ވަރަށް މަސައްކަތްކުރިއެވެ. ނަމަވެސް އެންމެފަހުން މީދާ ސުވާލުކޮށްކޮށް އުނދަގޫވެގެން ނުވަތަ މަޖުބޫރުވެގެން އެވާހަކަ ކިޔައިދޭން ފަށައިފިއެވެ. ” އާނ. ދަރިފުޅާއެވެ. އަޑުއަހާށެވެ. ދަރިފުޅުގެ އާއިލާ ނެތިގެން ދިޔަ ސަބަބެއް ކަމުގައި ވަނީ އިހަވަންދޫ ތުނޑު ހަސަނު….” މިހިސާބަށް މަންމަގެ ވާހަކަ މެދުކަނޑައިލުމަށް ފަހު އަނެއް މީދާ ބުންޏެވެ.
“ތުނޑު ހަސަނު! އެއީ ކާކު ހެއްޔެވެ؟ އޭނާއަށް އަހަރުމެން މިރަށުގައި ތިބުމުން ވީ ކޮން އުނދަގުލެއް ހެއްޔެވެ؟”
“ދަރިފުޅާ އެވެ. އިހަށް އަޑުއަހާބަލާށެވެ. އަދި މަންމަ މިވާހަކަ ކިޔައިދެންދެން މަޑުން އިނދެބަލާށެވެ.” މީދަލުގެ މަންމަ ބުންޏެވެ.”ދަރިފުޅާ! މި ރަށަކީ (ގައްލަންދޫ) އިހަވަންދޫ ބޮޑުންނަށް އޮންނަ ރަށެކެވެ. ތުނޑު ހަސަނަކީ ވެސް އިހަވަންދޫގެ އެންމެ ކުރީ ސަފުގެ ބޮޑުންގެ ތެރެއިން އެކެކެވެ. އަދި މުޅި މި އަތޮޅަށް މަޝްހޫރު ބޮޑު ފައިސާވެރިއެކެވެ. އޭނާގެ ވިޔަފާރިކުރާ ފިހާރައެއް މާލޭގައި ވެސް ހުރެއެވެ.” މީދަލުގެ ވާހަކަ ކުރިއަށް ގެންދަމުން ބުންޏެވެ. “އާނ. މިރަށަކީ އިހަވަންދޫ ބޮޑުންނަށް އޮންނަ ރަށެކެވެ. އަދި އެމީހުން މިރަށަށް އައިސް އެކިމީހުން ދަނޑުހައްދާށާ އަދިވެސް އެކިއެކި ބޭނުންކުރަމުން ގެންދެއެވެ. އެގޮތުން މިދިޔައަހަރު ދަނޑުކޮށަން ތުނޑު ހަސަނު އައެވެ. އަދި ދަނޑު އަންދަންވެގެން ރޯކުރި އަލިފާންގަނޑުން މުޅި މިރަށް އަނދައިގެންދިޔައެވެ. އެ އަލިފާނުގައި ދަރިފުޅުގެ އާއިލާގެ އެންމެން އަނދައިގެން ދިޔައީއެވެ. މަންމަ އާއި ދަރިފުޅަށް މި އަލިފާނުން ސަލާމަތް ވެވުނީވެސް ހަމަ އިއްތިފާގަކުންނެވެ. އޭރު ދަރިފުޅު އަދި ދުނިޔެއަކަށް ނާދެއެވެ. އެކަމަކު ދަރިފުޅު ދުނިޔެއަށް އަންނަން ވަނީ ވަރަށް ކައިރިވެފައެވެ. ވުމާއެކު މަންމަ އެއްގޮތަކަށް ވެސް ބޭރަށް ނުކުމެ އުޅޭކަށް ބައްޕަ ގަބޫލެއް ނޫނެވެ. އެހެންވެ މަންމަ އޭރު އިނީ ހޮރުގައެވެ.
އަލިފާންގަނޑު ރޯވެގެން މިހާހިސާބަށް އައިރު މި މަރުވަނިއްޔޭ މަންމަގެ ހިތަށްއެރިއެވެ. ނަމަވެސް މަންމަ މަރެއް ނުވިއެވެ. ދަރިފުޅާއެވެ.
އަލިފާންގަނޑު ނިވުނީމާ މަންމަ ބޭރަށް ނުކުތްއިރު މުޅި ރަށް އޮތީ އަނދާފައެވެ. އެކި މީހުންނަށް މަންމަ ވަކިވަކީން ގޮވީމެވެ. ނަމަވެސް އެކަކުވެސް ޖަވާބެއް ނުދިނެވެ. މީހުން ހޯދަންވެގެން މަންމަ މިޔޮއް ބޮޑު ރަށުގައި ދުވީއެވެ. ނަމަވެސް ފެންނާނީ ކިހިނެއް ހެއްޔެވެ…. އެމީހުން …..އާނއެކެވެ. އެމީހުން އެންމެން…..” މީދަލަށް ގިސްލެވެމުންގޮސް އެންމެ ފަހުން އަޑު ބެދިއްޖެއެވެ. އިރުކޮޅަކު ހަނުހިމޭނުން އިނުމަށް ފަހު އަނެއްކާވެސް ވާހަކަ ކުރިޔަށް ގެންދިޔައެވެ. “ދަރިފުޅާއެވެ. މަންމަ އެމީހުން ހޯދަން ހިނގީމެވެ. ނަމަވެސް މަންމައަށް އެއިން އެކަކުވެސް ނުފެނުނެވެ. ފެންނާނީ ކިހިނެއް ހެއްޔެވެ. އެމީހުން އެންމެންވަނީ އެ އަލިފާނުން އަނދައި އަޅިއަށްވެފައެވެ. މަންމަ މިޔޮއް ބޮޑު ދުނިޔެއަށް ދޫކޮށްފައި އެންމެން ދިޔައީއެވެ.
އެވަގުތު އަމިއްލައަށް މަރުވަން މަންމަ ހިތަށްއެރިއެވެ. ނަމަވެސް މަންމައަށް ދުނިޔޭގައި ހުންނަން މަޖުބޫރުވިއެވެ. ދަރިފުޅަށް ޓަކައެވެ. ދަރިފުޅު ލިބުމުން މަންމަގެ އެކަނިވެރިކަން ފިލައިފިއެވެ.” މީދާ ވާހަކަ ހުއްޓައިލިއެވެ. އެވާހަކަ ކިޔައިދިނުމުން، ކުޑަ މީދަލުގެ ހިތުގައި ބަދަލުހިފުމުގެ ޝުޢޫރުތައް އުފެދިއްޖެއެވެ. އަދި ކޮންމެ ގޮތެއްވީ ނަމަވެސް ތުނޑު ހަސަނުގެ ކިބައިން ބަދަލުނުހިފައި ހުއްޓައިނުލުމަށް އަޒުމެއް ކަނޑައަޅައިފިއެވެ. އަދި އޭތީގެ މަންމަ ގާތުގައި ތުނޑު ހަސަނު ކިބައިން ބަދަލުހިފާނެ ވާހަކަ ބުނެފިއެވެ. އެވާހަކަ ބުނުމުން އަނެއް މީދާ އެކަމުގައި ހުރި ނުރައްކާތެރިކަން ކުޑަ މީދަލަށް ވިސްނައިދިނެވެ.
“ދަރިފުޅާއެވެ. ތިޔަކަން ކުރަން ދަރިފުޅުހިތަށް ވެސް ނާރުވާށެވެ. ދަރިފުޅު ތިޔަ ކަހަލަ ކަމެއް ކުރަން ހިތަށްއެރުވިކަން އެމީހުންނަށް އެނގުނަސް ދަރިފުޅު މަރާލާނެއެވެ. އޭރުން މިޔޮއް ބޮޑު ދުނިޔޭގައި މަންމަ އެކަނިވާނެއެވެ.”
“ނޫނެކެވެ. މަންމާއެވެ. އަހަރެން މިކަން ހުއްޓައެއްނުލާނަމެވެ. އަދި ތުނޑު ހަސަނު ކިބައިން ބަދަލުހިފުން އަހަންނަށް ވާޖިބެވެ. އަދި އެހެން ނޫނަސް އަހަރެން މިދުނިޔޭގައި ހުއްޓާ އަހަރެންގެ އައުލާދު ނައްތާލި މީހާއަށް މަޑުން ހުރެވިދާނެ ހެއްޔެވެ؟ ހަމަ ހިލާ ހުއްޓަކަ ނުދޭނަމެވެ. އޭނާ ހިތުން މިހާރު އެހެރީ އަހަރުމެން އެންމެން މެރުނީކަމަށް ހިތައެވެ. ނަމަވެސް އަދި އަހަރެން ދުނިޔޭގައި އެބަހުރީމެވެ. މަންމާއެވެ…”
“އަހަންނަށް މަންމަ ނުކިޔާށެވެ.” މީދަލުގެ މަންމަ އެމީދަލުގެ ވާހަކަމެދުކަނޑައިލައިފައި ރޯން ފަށައިފިއެވެ.
“ދާށެވެ. ގޮސް އަމިއްލަޔަށް މަރުވާށެވެ. އަހަރެން ދުނިޔޭގައި މިހުރީ ހަމަ ކަލެއަށް ޓަކައެވެ. އެހެންނޫންނަމަ މީގެ މާކުރިން އަހަރެން މަރުވެއްޖައީމުހެވެ.” މީދަލުގެ ވާހަކަ އިރުކޮޅަކަށް މަޑުކޮށްލައި ދެލޯ ފުހެލިއެވެ. އަދި އަނެއްކާވެސް އަނެއް މީދަލަށް ވިސްނައިދެވޭތޯ މަސައްކަތްކުރިއެވެ. ”ދަރިފުޅާއެވެ… ދަރިފުޅު ނޫން އެއްވެސް މީހަކު މަންމަގެ ނެތްކަން ދަރިފުޅަށްވެސް އެނގޭނެއެވެ. ދެން ތިޔަކަން ހުއްޓާލާށެވެ. ތިޔައީ ކަރުގައި އަމިއްލަޔަށް ވަޅިއެޅުން ކަހަލަ ކަމެކެވެ. މަންމަގެ ބަސްއަހާ ދަރިފުޅާ އެވެ. މަންމައަށް ޓަކައި ތިޔަކަން ހުއްޓާލާށެވެ.”
“ނޫނެކެވެ.” މީދާ ގަދަހަދައިލައިފައި ބުންޏެވެ. “އަހަރެން މިކަންކުރާނަމެވެ. އަދި ތުނޑު ހަސަނުގެ ކިބައިން މިކަމުގެ ބަދަލުނުހިފާ ދެން ހަމަ ނޭވައެއްވެސް ނުލާނަމެވެ. އަހަރެން ވައުދުވަމެވެ. މަންމާއެވެ. އަހަރެން މިވައުދު ފުއްދާނަމެވެ.”
“ކުރާނެ ކަމެއް ނެތެވެ.” މީދަލުގެ މަންމަ ހިތާމައިގެ ނޭވާއެއްލިއެވެ. “އަހަރެންގެ ނަސީބުހުރި ގޮތެވެ. އަހަރެންގެ އެކަކުވެސް މި ދަރިފުޅު ނޫނީ ނެތެވެ. މިހާރު ދަރިފުޅު ވެސް ތިޔައުޅެނީ މަރުގެ އަނދަވަޅަށް އަމިއްލަޔަށް ފުންމާލާށެވެ.”
“މަންމާއެވެ. ދެރަނުވާށެވެ. އެނުލަފާ ތުނޑު ހަސަނުމެންގެ އަތްދަށަކު ނުވާނަމެވެ. މަންމާއެވެ. އެއްގޮތަކަށް ވެސް ފިކުރުނުކުރާށެވެ. އަހަރެން އެމީހުންގެ އަތްދަށަކު ނުވާނަމެވެ. މަންމާއެވެ. އަހަރެން މިކަންކުރާނީ އަހަރެންގެ މިބޮލުގެ ބޭނުންކޮށްގެންނެވެ.”
ކޮންމެއަކަސް މީދާ ކުރި ވައުދު ފުއްދުމަށް ޓަކައި އެވައުދާ އެއްގޮތަށް އަޒުމު ކަނޑައަޅައިގެން ބަދަލުހިފުމަށް ތައްޔާރުވެއްޖެއެވެ. މިހާރު މީދަލުގެ ޖިހާދު ނުފެށިގެން އުޅެނީ ހަމައެކަނި އެންމެ ސަބަބަކާ ހުރެއެވެ. އެއީ މިހާރު މީދާ ވިސްނަމުންދަނީ އިހަވަންދުއަށް ދާނެ ގޮތަކާ މެދުއެވެ. އަދި މީދާ އިންތިޒާރުކުރަމުން މިހާރު ގެންދަނީ އިހަވަންދޫ ދޯންޏެއް އެރަށަށް އަންނާނެ ދުވަހަކަށެވެ. އެހެން ހުންނަތާ ދެތިން ދުވަހެއްގެ ފަހުން މީދާ އިންތިޒާރުކުރަމުން ގެންދާ ފަދަ ދުވަހަކަށް އިރުއަރައްޖެއެވެ. އެދުވަހުގެ އިރު ގާތްގަނޑަކަށް މެދެއްހާ ހިސާބުގައި ހުއްޓާ އިހަވަންދޫ ދޯންޏެއް ގައްލަންދޫ ފަޅަށް ވަދެއްޖެއެވެ. އެދޯނި އައީ ދަރުކޮށަންވެގެންނެވެ. އެދޯނީގެ މީހުން ދަރުކޮށައި ނިމިގެން ދަރުތައް ބަނދެ އަތިރިމައްޗަށް ގެނެއްސިއެވެ. އަދި މީދާ އެތަން ބަލަން ހުރެފައި އެމީހުން ހޮވައި އެއްކޮށް ބަނދެފައި އޮތް ފުޅަފިބޮނޑިއެއްގެ ތެރެއަށް ވަދެ ބޮނދައި އޮވެއްޖެއެވެ. ދެން އެދޯނީގެ މީހުން ދަރުތައް ދޯންޏަށް އެރުވިއިރު އެފުޅަފިބޮނޑި ވެސް ދޯންޏަށް އަރުވައިފިއެވެ. ދެން މީދާ އިހަވަންދުވަށް ދެވެންދެން އެފުޅަފިބޮނޑިތެރޭގައި އޮވެއްޖެއެވެ. އިހަވަންދޫއަށް ގޮސް އެމީހުން ދަރުތައް ބޭލުމުން އެފުޅަފިބޮނޑިން މީދާ ނިކުމެގެން ރަށުގެ އެއްގަމަށް އަރައިފިއެވެ.
ދުވަހަކީ ހުޅަނގުމޫސުމުގެ ދުވަސްތަކުގެ ތެރެއިން ދުވަހަކަށްވުމާ އެކު އެރަށު މީހުންގެ އާދަމަތިން ދޯނިލެފީ ރަށުގެ އިރުމަތީ ފަރާތަށެވެ. އާދެ! މިސްކިތްމަގަށެވެ. މީދާ އެއްކަލަ ފުޅަފިބޮނޑިން ނުކުމެގެން މިހާރު އެދަނީ އެއްގަމާ ދިމާއަށް ދާށެވެ. ކުރިމަތިން ފެންނަން އޮތް ރާސްތާއިން މިސްކިތްމަގުންނެވެ. މި މީދަލަކީ ދުވަހަކު ވެސް މިރަށަށް އައި މީދަލަކަށް ނުވުމާއެކު މިސްކިތްމަގުން އައިސް ރަށްވެހިމަގަށް ނުކުމެ ރަށުގެ އޭރުގެ ހުކުރު މިސްކިތުގެ ކުރިމަތީގައި ދާނެ ވަކި ދިމާއެއް ނޭނގިގެން ހުއްޓިއްޖެއެވެ. އިރުކޮޅަކު މީދާ އެތާ މަޑުކޮށްލައިގެން އިންދާ ތަންތަން ހާވަމުން އަންނަ މީދަލެއް ފެނިއްޖެއެވެ. އެމީދާ ފެނުމުން ގައްލަންދޫ މީދާ ހިތުގައި ޖެހުނެވެ.
“މީނާއާ ގުޅާލައިފިނަމަ މިރަށުގައި އުޅޭކަށް މާކަ އުނދަގުލެއް ނުވާނެއެވެ.” މިހެން ހިތައި އަނެއް މީދަލަށް ގޮވާލިއެވެ.
“އޭ. ރަހުމަތްތެރި މިތުރާއެވެ! ތިޔަ ދަނީ ކޮންތާކަށް ހެއްޔެވެ؟” މިހެން ގޮވާލުމުން އަނެއް މީދާ ތެދުވެ ބަލައިލައިފައި ހައިރާންވެގެން އަހައިފިއެވެ.
“ތިޔައީ ކާކުކަމެއް އަހަންނަކަށް ނޭނގުނެވެ. ނިކަން ބުނެބަލާށެވެ. ތިޔައީ އަޅެ ކާކު ހެއްޔެވެ؟”
އެވަގުތު އަނެއް މީދާ އެއީ ކާކުކަން އޮޅުންފިލުވައިދެމުން ބުންޏެވެ.
“އަހަރެން މީ ގައްލަންދޫ މީދަލެކެވެ. މިރަށަށް އައީ މިރަށް ބަލައިލަންވެގެންނެވެ. ނަމަވެސް އަހަންނަކަށް މިރަށުގައި އުޅޭކަށް ނޭނގެއެވެ. ވީމާ ތިޔަފަދަ ރައްޓެއްސެއް އަހަރެން ވަރަށް ބޭނުމެވެ. ބުނެބަލާށެވެ. އަޅެ ކަލޭ އަހަރެންގެ ރައްޓެއްސަކަށް ވެދާނަން ހެއްޔެވެ؟”
“އާނއެކެވެ. ނުވާންވީ ކީއްވެގެން ހެއްޔެވެ؟ ތިޔައީ ވެސް މީދަލެކެވެ. އަހަންނަކީ ވެސް މީދަލެކެވެ. ތަފާތީ ރަށެވެ. ބުނެބަލާށެވެ. މިރަށަށް އައީ ކިހިނަކުން ހެއްޔެވެ؟”
ގައްލަންދޫ މީދާ ބުންޏެވެ. މިރަށުން ދިޔަ ދޯންޏަކުން ގެނައި ފުޅަފިބޮނޑިއެއްގެ ތެރޭގައި އޮވެގެންނެވެ.
މިގޮތަށް މި ދެމީދާ އެތައް ވާހަކައެއް ދައްކާ ދެފަރާތުގެ ޚަބަރުދަބަރު އޮޅުންފިލުވައި ހެދުމަށް ފަހު އިހަވަންދޫ މީދާ ބުނެފިއެވެ.
މިގޮތަށް ހުސް އަނގަތަޅަން ކިތަންމެ އިރަކުވެސް ތިބެވިދާނެއެވެ. ހިނގާށެވެ. އަހަރެންގެ ގެއަށް ގޮސް ކޮންމެވެސް އެއްޗެއް ކާލައިގެން ދެވެރިން ރަށް ބަލައިލަންދާނީއެވެ.”
“ދެން ކޮންމެހެން ތިޔަ ގެއަށް ގޮސް އެއްޗެއް ކާން ހަދާނެކަމެއް ނެތެވެ. އަހަރެން ކާނީ އަހަރެން އާންމުކޮށް ކައިއުޅޭ އާންމު ގޮތަށެވެ. ރަށުތެރެއަށް ގޮސް އުޅެން ފަށާއިރަށް ކާއެއްޗެހި ހުންނަނީ ލިބިފައި ނޫން ހެއްޔެވެ. ހިނގާށެވެ. ރަށް ބަލައިލަން ހިނގާށެވެ. ދެން އޭގެ ފަހުން ތިޔަގެއަށް ވެސް ދެވިދާނެ ނޫން ހެއްޔެވެ؟” ގައްލަންދޫ މީދާ ޚިޔާލުފާޅުކުރިއެވެ. އަދި އަނެއް މީދާ ވެސް ގަބޫލުވެގެން ދެވެރިން އެކުގައި ރަށްބަލައިލުމަށް ނުކުމެއްޖެއެވެ.
ކޮންމެއަކަސް މިހާރު އިހަވަންދޫގެ ވަރަށް ގިނަ ގޭގެ ގައްލަންދޫ މީދާ ބަލައިފިއެވެ. ނަމަވެސް އަދިވެސް މި އިހަވަންދޫ މީދާ ތުނޑު ހަސަނުގެ ގެއަށް ދާކަށް ނޫޅެއެވެ. އެކަން އެގޮތަށް ދިމާވީ މި ގައްލަންދޫ މީދާ އިހަވަންދޫ މީދަލަށް އެކަން ސިއްރުކުރުމުގެ ސަބަބުންނެވެ. އެސިއްރު އެއްވެސް މީހަކަށް އަންގާކަށް އެމީދާ ގަސްދުކޮށްފައެއް ނެތެވެ. ދެން މިގޮތުގައި އެތައް ގެއެއް ބެލުމަށްފަހު އެގެއާ ނުޖެހިގެން ފޫހިވެގެން ބުނެފިއެވެ.
“އޭ ރަހުމަތްތެރިޔާއެވެ. މިހާރު ކިހާ ގިނަ ގެއެއް ބެލިއްޖެ ނޫން ހެއްޔެވެ. އެކަމަކު މިއިން އެއްވެސް ގެއެއްގައި ކަމުދާ ކަހަލަ އެއްޗެއްވެސް ނެތެއް ނޫން ހެއްޔެވެ؟ މިރަށުގައި އުޅޭ ވަރަށް މުއްސަނދި ތުނޑުހަސަނެއްގެ ވާހަކަ އަހަރެން އެހީމެވެ. ނިކަން އެގެއަށް ހިނގާބަލާށެވެ. އެގޭގައި ރަނގަޅު އެއްޗެހި ހުންނާނެ ނޫން ހެއްޔެވެ؟؟
މިހެން އެ މީދާ ބުނުމުން އަނެއް މީދާ އެމީދާ ގޮވައިގެން ގޮސް ތުނޑު ހަސަނު ގެ ރަނގަޅަށް ދައްކައިފިއެވެ. އަދި އެގޭގައި މުދާ ހުންނަ ތަންތަނާއި ކާއެއްޗެހި ހުންނަ ތަންތަނާއި މިހެންގޮސް އެގޭގެ ހުރިހާ މުދަލެއް ހުންނަ ތަންތަން ރަނގަޅަށް ގައްލަންދޫ މީދަލަށް ދައްކައިފިއެވެ.
ދެން ގައްލަންދޫ މީދާ ގޮސް އޭގެ މަސައްކަތް ފައްޓައިފިއެވެ. އަދި އެގޮތުން ތުނޑު ހަސަނާ އެކި ގޮތްގޮތުން ޖެއްސުންކުރަން ފަށައިފިއެވެ. މީދާ އެކި ގޮތްގޮތް ހަދަމުން ދިޔައީ ވަރަށް ހައިރާންވާ ފަދަ ގޮތަކަށެވެ. އެއްޗެއްގެ އެތެރެ ނުވަތަ އެއްޗެއް ހަލާކުކޮށްލައިފައި އޮންނައިރު މަތިން ބަލައިލާއިރު އޮންނަނީ ބޭނުންނުކުރެވޭ ވަރަށް ހަލާކުކޮށް ސުންނާފަތިކޮށްފައެވެ. އަދި ހަސަނުގެ ބޮޑު ރުއްގަނޑުން އެންމެ ރުކެއްގައިވެސް އެއްޗެއް ފެންޖެހޭ ވަރަށް ވުރެ ހަރުވިޔަކަ ނުދެއެވެ. އަދި އެންދަމާ ދާ ވެސް، އެހެން ބައެއް ތަކެތި ވެސް ތަންތަނުން ކައި ފުނޑުފުނޑުކުރިއެވެ.
އެގޮތުން އެކައްޗަކަށް ހަސަނު މާލެ ދަތުރުކުރާ ބައްތެލީގެ ރިޔާ ހިމެނެއެވެ. އެދުވަސްވަރު ރިޔާ ހުންނަނީ ފަނުން ވިޔެފައެވެ. އަދި ރިޔާ އޮންނަނީ އޮޅައިލައި ބާއްވާފައެވެ. އެހެން ހަސަނުގެ ނާލުބައްތެލީގެ ރިޔާވެސް އޮޅައިފައި އޮއްވާ އޭގެ އެތެރެއަށް ވަދެ އެތެރެ އެކީ ހަފައި ކުދިކުދިކޮށްލައިފިއެވެ. އަދި ހަމަ އެގޮތަށް ހަސަނުގެ އަންނައުނު އަޅާ ފޮށި ވެސް ފޫ ހަލާކުކޮށްލައިގެން އޭގެ އެތެރެއަށް ވަދެ މަތީގައި ހުރި އެއްޗެއްސަށް ގޮތެއް ނުވާނެހެން ހަފާ ކުދިކުދިކުރިއެވެ. މިހެން ގޮސް ހަސަނުގެ އެރަށުގައި ހުރި ހުރިހާ އެއްޗަކަށް މިހެން ހަދައިފިއެވެ. އެމީހުންނަށް މިކަންކަން އެނގެނީ އެއްޗެއް ބޭނުންވެގެން ފޮއްޓެއް އެއްޗެއް ހުޅުވައި ރަނގަޅަށް ބަލައިލީމައެވެ.
މީދާ ހަމައެކަނި މިކަހަލަ ގޮތެއް ހެދީ ހަސަނުގެ މުދަލަކަށް ނޫނެވެ. ހަސަނުގެ ހުރިހާ އެއްޗަކަށެވެ. މުދާތައް ހަލާކުކުރުމަށްމަށް ފަހު ކާށިކޮށާރުގެ ވެސް ދުވަސްދުއްވާލިއެވެ. ދެން މެދުފަޅެއްހާ ހިސާބުގައި ކާށިގެއެއް އެޅީމާ އެތަނަށް ގޮސް އެތާ ހުރި ހުރިހާ ކާށިތައް ވެސް ކައި ހަލާކުކޮށްފިއެވެ. އެތަނަށް އެސޮރު ދިޔައީ ދެތިންގަނޑު ބޮނބި އޮޔަށް ދޫކޮށްލުމަށް ފަހު ދާ މިސްރާބެއް ބަލައިގެން އެއިން ބޮނބިގަނޑެއްގައި ގޮހެވެ. އެއަށް ފަހު، މީދާ އަނެއްކާ އިހަވަންދުވަށް އައީއެވެ.
ދެން ދިމާކުރީ ހަސަނުގެ އަނބިދަރީންނާއެވެ. އެގޮތުން ހަސަނުގެ އަންހެނުން އެއްރޭ ނިދައިފައި އޮއްވާ ފައިގެ ބޮޑުވާއިނގިލީގައި ދަތްއަޅައި އިނގިލި ބުރިކޮށްލިއެވެ. އަނެއް ކުއްޖެއްގެ ފައި ކާލިއެވެ. އެންމެ ކުޑަކުއްޖާގެ ފުންނާބު ކާލިއެވެ. އަދި މިނޫންވެސް އެތަކެއް އަނިޔާ ހަސަނުގެ އަނބިދަރީންނަށް ކުރިއެވެ.
މިހާރު ހަސަނަށް މީދަލުގެ އުނދަގުލާ ހެދި އުޅެން ދަތިވެއްޖެއެވެ. ހުރިހާ މުދާކޮޅު ހަލާކުކޮށްފިއެވެ. އަދި ހަނޑޫފަލުގައި ވަޅުއަޅައިފައި ހުރި ހަނޑޫތައް ވެސް ވަނީ ބުރިބުރިކޮށްފައެވެ.
އެކިގޮތްގޮތުން ހަސަނު އެމީދާ ހިފޭތޯ މަސައްކަތްކުރިއެވެ. އަދި އެތައް މީދަލެއް މަރާވެސް ހެދިއެވެ. ނަމަވެސް އެމީދާ ވަކިކުރަން އެނގޭނީ ކިހިނެއް ހެއްޔެވެ. ދެން ކޮންމެއަކަސް މިހާރު މާލޭން އިތުރަށް އެއްޗެހި ނުގެނެސް އުޅެވެންނެތުމުގެ ސަބަބުން މާލެއަށް އެއްޗެހި ބަލާ ފުރަން ބައްތެލި ތައްޔާރުކުރިއެވެ. މިހުރިހާ ކަމެއް ކުރާއިރު މީދާ ބަލަން އެގޭގެ ކޮންމެވެސް ތަނެއްގައި އޮވެއެވެ.
ބައްތެލި ފުރަން ހުރިހާ ކަމެއް ކޮށް ނިމިއްޖެއެވެ. ދެން ފުރަންވެގެން ރިޔާ ބަލާ އައިސް ނިއުޅާލިއިރު އަސްތާ! ކަމަކުދާކަށް ނެތެވެ. ރިޔާ އޮތީ ކުނޑިކުނޑިވެފައެވެ. ދެން ކުރާނީ ކީއްހެއްޔެވެ. އާނއެކެވެ! ދެން އަނެއްކާވެސް ދިއްދޫން ރިޔާ ގަނެގެން އެފަހައިގެން ފުރޭތޯ މަސައްކަތްކުރިއެވެ. އެދުވަސްވަރު މުޅި އެހިސާބުގަނޑު އެންމެންވެސް ފަންރިޔާ ގަންނަނީ ދިއްދޫންނެވެ. ފުރަންވެގެން އެ ބައްތެލީގެ މީހުން ރިޔާތައް ގެންދިޔައިރު އެއިން ރިޔަލެއްގެ ތެރެއަށް މީދާ ވަދެއްޖެއެވެ. އަދ އެމީހުން ރިޔާތައް ބައްތެއްޔަށްލުމުން އެއިން ސިއްރުސިއްރުން ނުކުމެ މާލެދެވެންދެން ބައްތެލީގައި ބޮނދައިގެން އޮތެވެ.
ތުނޑު ހަސަނުގެ ބައްތެލި އެއޮތީ ނުލާހިކު ނިޔާމައިގައި ދަތުރުކޮށް އައިސް މާލޭ ބަނދަރަށް ވަދެއެވެ. މިއީ ރޭގަނޑެކެވެ. ބައްތެލީގައި ތިބި މީހުން ވެސް ނިދައިފިއެވެ. އަދި މާލޭގައި ވެސް މީހުން ނިދާ ފައިހިލަވަޅު އޮބިއްޖެއެވެ. ދެން އެއްކަލަ މީދާ ބޮނދައި އޮތް ދޭތެރެއަކުން ނުކުމެ ބައްތެލީގެ ކޮޅުކޮޅަށް ދުވަން ފަށައިފިއެވެ. އަދި އެންމެ ފަހުން ބައްތެލީގެ މީހުން ކައިފައި ހުރި ކުރުނބާ ބޮނބިތަކެއްގެ ކައިރީގައި މީދާ ހުއްޓިއްޖެއެވެ. ބައްތެލި އޮތީ ބައްތެލިން އެއްގަމަށް ފުންމައިލެވޭ ވަރަށް ވުރެ ތަންކޮޅެއް ބޭރުގައެވެ. މިހެންވުމާއެކު މީދާ އެ ވިސްނަނީ އެއްގަމަށް ފައިބާނެ ގޮތަކާ ދޭތެރޭގައެވެ. ދެން ކޮންމެއަކަސް އެބޮނބިތަކުގެ ތެރެއިން ބޮނބިގަނޑެއް މޫދަށް ވައްޓައިލައިފިއެވެ. އަދި އެބޮނބިގަނޑު ދާ ދިމާއެއް ބަލަން އޮވެއްޖެއެވެ. ބޮނބިގަނޑު ގޮސް ލައްވީ އެއްގަމަށް އަރަން ހުރި ސިޑިއެއް ކަހަލަ ތަނެއް ކައިރިއަށެވެ. (އޭރުވެސް މާލޭގައި އޮންނަނީ ތޮށިލައިފައެވެ.) ދެން އަނެއްކާވެސް ބޮނބިގަނޑެއް މޫދަށް ވައްޓައިލައި އޭގެ މައްޗަށް މީދާ ފުންމާލިއެވެ. ދެން އެބޮނބިގަނޑު ގޮސް ސިޑީގެ ކައިރިއަށް ލައްވުމުން ސިޑިން އަރައިގެން އެއްގަމަށް ފައިބައިފިއެވެ.
ތުނޑު ހަސަނުގެ ފިހާރައެއް މާލޭގައި ހުންނަ ވާހަކަ ވަނީ ކުރިން މީދަލުގެ މަންމަ ބުނެދީފައެވެ. އަދި އެފިހާރައަކީ ފައްޗެ ފިހާރަކަމާއި، އެފިހާރަ ހުންނަތަން ވެސް މީދާ ވަނީ އެކިގޮތްގޮތުން ހޯދައިފައެވެ. އެފިހާރަ ހުންނަނީ މާލޭގެ އުތުރުފަރާތު އަތިރިމަތީގައެވެ. އޭރު ހުންނަ ބޮޑުފިހާރަ އާއި ޖެހިގެން ދެވަނައަށެވެ. އަދި ހަސަނުގެ ހުރިހާ މުދަލެއް ހުންނަނީ އެފިހާރަޔަށް ޖަމާކޮށްފައެވެ.
އެދުވަސްވަރު ވަރަށް މަދު ފިހާރައެއް ނޫނީ ހަދާފައި ހުންނަނީ ފަނުން ކުޑަކުޑަ ޖިފުޓިގަނޑެއް ގޮތަށެވެ. އަދި މި ފައްޗޭ ފިހާރަވެސް ހުންނަނީ ފަނުންނެވެ. ދެން ކޮންމެއަކަސް އެއްކަލަ މީދާ އެފިހާރައާ ހަމަޔަށް ގޮސް އެތާނގައި މަޑުކޮށްލައިފިއެވެ. އެފިހާރަ ހުރީ ލައްޕައިފައި ކަމުން އެތެރެއަށް ވަދެލާނެ ގޮތެއް ފެންނާކަށް ނެތެވެ. އެތައް އިރަކު އެފިހާރަކުރިމަތިން ކުރުކާލިކެނޑުމަށް ފަހު އެންމެ ފަހުން އެތާ ހުރި ވަރަށް ކުޑަކުޑަ ބާގަނޑަކުން އެތެރެއަށް މީދާ ދެމިގެންފިއެވެ. އެތެރެއަށް ވަދެ ރަނގަޅަށް ބަލައިލިއިރު ވަރަށް ގިނަ މުދާ އެފިހާރައިގައި ހުއްޓެވެ. އަދި ފިހާރައަށް އަލިކުރުމަށް ދިއްލައިފައި ވަނީ ވޮށެކެވެ. ކުޑައިރުކޮޅަކު މަޑުކޮށްލައިގެން އޮތުމަށް ފަހު ކުއްލިއަކަށް ފިހާރައިގެ ބިތަށް އަރައިގެން ދިއްލައިފައި ހުރި އެއްކަލަ ވޮށުގެ ކައިރިއަށް ގޮސް މަޑުމަޑުން އެވޮށުގެ ފުއް ތުނބުލައިގެން ނަގައި އެފުކުން ފިހާރައިގެ ބިތުގައި ރޯކޮށްލައިފިއެވެ. މިހުރިހާ ކަމެއް ކުރުމަށް ފަހު މީދާ ކުރީގައި ވަން ބާގަނޑުން ބޭރަށް ނުކުމެއްޖެއެވެ. އަދި ފިހާރައާ ތަންކޮޅެއް ދުރުގައި ތޮށިގަނޑުމަތީގައި ކުޅިބަލަން ހީނލަހީނލާ އޮވެއްޖެއެވެ.
ފިހާރައަކީ ފަނުން ހަދާފައި ހުރި ތަނަކަށްވުމާއެކު ނުލާހިކު އަވަހަށް ރޯވެގެން އަނދަން ފަށައިފިއެވެ. ރޭގަނޑު ދަންވަރު ކަމުން މީހުންނަށް އެކަން އެނގިގެން އާދެވުނުއިރު އެފިހާރަ ހުރީ އަނދައި ހުލިވެފައެވެ. ދެން އެންމެންވެގެން ފެންޖެހުމުން އަލިފާންގަނޑު ނިވިއްޖެއެވެ. ނަމަވެސް އެފިހާރައިގައި ހުރި އެއްޗެހި ވަނީ ބޭނުންނުކުރެވޭ ވަރަށް އަނދައި ހުލިވެފައެވެ.
މިހާރު ތުނޑު ހަސަނުގެ އަތުގައި އެއްވެސް އެއްޗެއް ނެތެވެ. މާލޭގައި ހުރިހާ މުދާކޮޅު އަނދައިގެން ދިޔައީއެވެ. އަދި ރަށުގައި ވެސް މިހާރު ބޭނުންކުރެވޭ ގޮތަށް ހުރި އެކައްޗެއް ވެސް ނެތެވެ. ކުޑަކުޑަ މީދަލެއް ނުލާހިކު ބޮޑުފައިސާވެރިއެއް ނިކަމެތި ފަގީރަކަށް ހަދާލިއެވެ. އާނއެކެވެ! މީދާ ތުނޑު ހަސަނަށް ކެހިދިނެވެ.
އަދު ހިނގާ މަރަމުން ހުސްކޮށްލަމާ
ތުނޑު ހަސަނަށް ކެހިދިނެ މީދާ
ނޯޓް: މިއީ ޢަބްދުﷲ ޞާދިޤް މީގެ ފަންސާހަކަށް އަހަރު ކުރިން ލިޔެފައި އޮތް ވާހަކައެކެވެ. މިވާހަކަ މިގޮތަށް ކިޔައިދިނީ މިވާހަކަ ނިސްބަތްވާ ތުނޑު ހަސަނެވެ. މީގެ ކުރިން މިވާހަކަ ޝާޢިއުކުރެވިފައިވަނީ ލިއުންތެރިންގެ ގުޅުމުގަ އެވެ.
ހއ. ގައްލަންދޫ ސަރަހައްދަކީ މިހާރު ބައިނަލްއަގްވާމީ މިންގަނޑުތަކަށް ފެތޭ ހިމާޔަތް ކުރުމުގެ ޕްރޮގްރާމެއްގެ ދަށުން ޙިމާޔަތްކޮށްފައިވާ ސަރަހައްދެއްކަމަށް ވަނީ ކަނޑައަޅާފައެވެ.
ގައްލަންދޫ އަކީ އިހަވަންދިއްޕޮޅު އަތޮޅުގެ ދެކުނު ބިތުގައި އޮންނަ 12 ހެކްޓަރުގެ ގާމަތީ ރަށެކެވެ. މިރަށަކީ ޤުދުރަތީ ގޮތުންނާއި ތިމާވެށީގެ ގޮތުން ޚާއްސަ ސިފަތަކެއް ލިބިގެންވާ، ދިރޭތަކެތީގެ ނަސްލުތަކުން މުއްސަނދި ރަށެކެވެ. މިގޮތުން މިރަށުގެ ޤުދުރަތީ މުއްސަނދިކަން އެންމެ ބޮޑަށް ދައްކުވައިދެނީ މިރަށުގެ ގަސްކަރައާއި ފެހިކަމެވެ. މިރަށަކީ ބިންގަނޑުގެ މުއްސަނދިކަން ރަނގަޅު، ގިނަ އަދަދަކަށް ގަސްހެދިފައި އޮންނަ ރަށެކެވެ. މިރަށުގެ ކަނޑޫފަލާއި ކުޅިއަކީ ވެސް ރަށުގެ ޤުދުރަތީ މުއްސަނދިކަމާއި ތިމާވެށީގެ ޚާއްސަކަން ރަމްޒުކޮށްދޭ ތަނެކެވެ. މީގެ އިތުރުން މިރަށަކީ ގިނައަދަދަކަށް ދޫނި ނިދަންއަރާ، ޅޮސް ގަސް ގިނަ، ވަށައިގެން ފަރުގެ ދިރުންތައް މުއްސަނދި، އަދި ވެލާ ބިސްއަޅާ ރަށެކެވެ.
ގައްލަންދޫއާއި އިހަވަންދޫ އޮންނަނީ އިހަވަންދިއްޕޮޅުގަ އެވެ. މިދެރަށުގެ ދުރުމިނުގައި ހުންނަނީ 3.74 މޭލެވެ.
(ނިމުނީ)
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!