ސިނަމާލެ ބްރިޖު މަތީގައި ހިންގި އެކްސިޑެންޓެއްގައި އަނިޔާވި ދެމަފިރިންނަށް އެހީވުމުގައި ނަމޫނާ ދެއްކި، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ މުވައްޒަފުންގެ އަގުވަޒަން ކޮށްފިއެވެ.
ބްރިޖުމަތީގައި ހިނގި އެކްސިޓެއްގައި އަނިޔާވި މީހުންނަށް ފަރުވާ ދިނުމުގައި އެމްޓީސީސީގެ މުވައްޒަފުން ދެއްކި ނަމޫނާއާ ގުޅިގެން ގިނަ ބައެއްގެ ތައުރީފުވަނީ އެކުންފުންޏަށް ލިބިފަ އެވެ.
އެ ކުންފުނީގެ ލޭންޑް ޓްރާންސްޕޯޓް ޑިވިޝަންގެ މުވައްޒަފުންގެ އަގު ވަޒަންކޮށް، އެ ކުންފުނިން އިއްޔެ ވަނީ އެ މުވައްޒަފުންނަށް ސެޓިފިކެޓު ހަވާލުކޮށްފައެވެ. އެ މުވައްޒަފުންނަށް ސެޓިފިކެޓު ހަވާލުކޮށްދެއްވީ އެމްޓީސީސީގެ ސީއޯއޯ ޝާހިދު ހުސެއިންއެވެ.
މި އެކްސިޑެންޓުގައި އަނިޔާވި މީހާ ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނީ އެކްސިޑެންޓު ހިނގަން މެދުވެރިވީ ވާރޭވެހިފައި އޮއްވާ އޭނާ ސައިކަލުގެ ކުރީ ބުރެކި ޖެއްސުމުން ކަމަށެވެ. އަދި އެ ވަގުތު އެކްސިޑެންޓް ހިނގިތާ ކައިރީގައި އެމްޓީސީސީ ބަހެއް އޮތް ކަމަށާއި އެ ކުންފުނީގެ މުވައްޒަފުން ދެއްކީ އޯގާތެރިކަމުގެ ނަމޫނާ މިސާލެއް ކަމަށް އޭނާ ބުންޏެވެ.
“ބަހުގެ ޑްރައިވަރާއި، ކޮންޑަކްޓަރު އަދި އެވަގުތު ބަހުގައިތިބި ހުރިހާ މުވައްޒަފުން ބަހުގެ ފަސްޓްއެއިޑް ބޮކްސްއާއެކު ވަގުތުން އަޅުގަނޑުމެންނަށް އެހީތެރިވި. ހުޅުމާލޭ ހޮސްޕިޓަލަށް ގެންދިޔައީވެސް ހަމަ އެކުންފުނީގެ ވޭނެއްގައި . އަދި ހޮސްޕިޓަލުން ދޫކުރުމާއިހަމަޔަށް އިތުރު މުވައްޒަފުންވެސް އައިސް އަޅުގަނޑުމެންގެ ހާލު ބަލައި، އެހީތެރިކަމެއް ބޭނުންތޯ ބެއްލެވި. ކުންފުނީގެ ޖެނެރަލް މެނޭޖަރ އާއި އެޗްއޯޑީއަކާއި ސުޕަރވައިޒަރ ލެވެލްގެ ބޭފުޅަކުވެސް ހޮސްޕިޓަލުގައި މަޑުކުރެއްވި . ފެނިގެންދިޔައީ އެމްޓީސީސީގެ މުވައްޒަފުންގެ އޯގާތެރިކަމާއި ކުލުނު،”
އަނިޔާ ލިބުނު މީހާ ކުރި ޕޯސްޓުގައި ބުނެފައިވެއެވެ.
އޭނާ ވަނީ އެމްޓީސީސީ މުވައްޒަފުން ވެދެއްވި އެހީއަށާއި ދެއްކެވި ކުލުނަށް ޝުކުރު އަދާކޮށްފައެވެ. އަދި އެކްސިޑެންޓުގައި އަނިޔާވި ދެމީހުންގެ ހާލުވެސް މިހާރު ރަނގަޅު ކަމަށް އޭނާ ބުންޏެވެ.
އޭގެ އިތުރުން، ހޮސްޕިޓަލުން ދޫކޮށްލަންދެން އެމްޓީސީސީގެ ޖެނެރަލް މެނޭޖަރަކާއި، އެޗްއޯޑީއަކާއި ސުޕަވައިޒާ ލެވެލްގެ ބޭފުޅަކު ހޮސްޕިޓަލުގައި މަޑުކުރެއްވި ކަމަށް ބުންޏެވެ.
މިކަމާ ގުޅިގެން އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވެސް ވަނީ އެ ކުންފުނީގެ މުވައްޒަފުންނަށް ޝުކުރު އަދާކުރަައްވައިފައެވެ. އަދި އެގޮތުގައި އަބަދުވެސް ދެމިތިބުމަށް އޭނާ އެދިވަޑައިގަތެވެ.
އެމްޓީސީސީއަކީ ވަރަށް ފުޅާދާއިރާއެއްގައި ބަހުގެ ޚިދުމަތާއި، ފެރީގެ ޚިދުމަތް ފަދަ އެތައް ޚިދުމަތްތަކެއް ރައްޔިތުންނަށް ފޯރުކޮށްދޭ ކުންފުންޏެކެވެ. އެ ކުންފުނިން ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށް ދިނުމުގައި އެންމެ ޒަމާނީ އުޅަނދުތައް ބޭނުންކުރަމުންދާއިރު، އުޅަނދުތަކުގެ ސާފުތާހިރުކަމަށާއި، އުޅަނދުތައް ބޭނުންކުރާ މީހުންނާއި، މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަމަށް ވަނީ ވަރަށް ބޮޑު އިސްކަމެއް ދީފައެވެ. އަދި އެ ކުންފުނީގެ ޚިދުމަތްތަކުގައި ތިބޭ މުވައްޒަފުންނަކީ އެ ޚިދުމަތްތަކަށް އަހުލުވެރިކުރުވައި، ތަމްރީނުކޮށްފައިވާ މުވައްޒަފުންކަން ފާހަގަކޮށްލެވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!