ތޭރަ ފުލުހެއްގެ މައްޗަށް ދައުވާ ކުރަން ނިންމުމުން ފުލުހުންގެ ޚިދުމަތުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
މި ކަންބޮޑުވުން ފާޅުކުރެއްވީ ކުޑަކުދިންގެ ހިޔާގެ ކުދިންތަކަކަށް އަނިޔާކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި 13 ފުލުހެއްގެ މައްޗަށް ދައުވާކުރުމަށް ނިންމާފައިވާ ނިންމުމާ ގުޅޭގޮތުން ފުލުހުންގެ ޚިދުމަތުން އާންމުކުރެއްވި ނޫސްބަޔާނެއްގައެވެ.
އެ ނޫސްބަޔާނުގައި ފުލުހުން ވިދާޅުވެފައި ވަނީ، ކުޑަކުދިންގެ ހިޔާގައި ދިރިއުޅޭ 12 އަހަރުން މަތީގެ ކުދިންނަށް އަމާޒުކޮށްގެން 2017 ވަނަ އަހަރު ފުލުހުންނާއި، ޖެންޑާ މިނިސްޓްރީ ގުޅިގެން ކ. ތުލުސްދޫގައި ހިންގި ކޭމްޕަކަށް، އެކުދިން ގޮވައިގެން އެ ރަށަށް ދަތުރު ކުރި ފެރީގަ އާއި ކޭމްޕުގައި ފުލުހުންގެ ފަރާތުން އެކުދިންނަށް އަނިޔާވިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް، އެންޓި ޓޯޗަރ ޤާނޫނުގެ ދަށުން ތަހުގީގުކޮށް 8 ފުލުހެއްގެ މައްޗަށް ޖިނާއީ ދައުވާ ކުރުމަށް ފޮނުވާފައި ވާނެކަމުގެ މައުލޫމާތު 2021 އޮކްޓޯބަރ 05 ވަނަ ދުވަހު ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ ފަރާތުން ދިވެހި ފުލުހުންގެ ހިދުމަތް ހިއްސާކުރެއްވި ކަަމަށެވެ.
އަދި ފުލުހުން، އެދަތުރުގައި ބައިވެރިވި ކުދިން ކޮންޓްރޯލްކުރުމުގެ ގޮތުން ބިޑިއަޅުވާފައިވުމާއި، ބާރަށް ހަޅޭއްލަވާފައިވާ ކަމަށް ތުހުމަތުކުރެވޭތީ، ރަހުމުކުޑަ ލާއިންސާނީ އަމަލެއް ހިންގުމުގެ ކުށުގެ ދައުވާ 13 ފުލުހެއްގެ މައްޗަށް ކޮށްފައިވާނެ ކަމުގެ މައުލޫމާތު 2021 ނޮވެމްބަރ 10 ވަނަ ދުވަހު ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ދިވެހި ފުލުހުންގެ ހިދުމަތް ވަނީ ހިއްސާކޮށްފައިވާ ކަމަށެވެ.
އޭގެ އިތުރުން، 03 ފުލުހެއްގެ މައްޗަށް ދައުވާ ނުކުރަން ނިންމާފައިވާކަމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން އަންގާފައިވާ ކަމަށް ވެސް ފުލުހުން ވިދާޅުވެއެވެ.
"މި ކޭމްޕަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ދައުލަތުގެ ކަމާ ގުޅުންހުރި މުއައްސަސާތަކުން ބޭއްވި ބައްދަލުވުމެއްގައި ނިންމައި، ހިޔާގައި ތިބި ކުދިންގެ މަސްލަހަތުގައި ފުލުހުންގެ އެހީތެރިކަމާއެކު ކުރިއަށް ގެންދިޔަ ކޭމްޕެކެވެ. އެގޮތުން، ތުލުސްދޫގައި އެކުދިންނަށް ހިންގާފައިވާ ކޭމްޕަކީ، މި ޚިދުމަތުގެ ފަރާތުން ރާއްޖޭގެ އެކިރަށްރަށުގައި އެ އުމުރުފުރައިގެ ކުދިންނަށް ހިންގަމުންދާ ރެޑީ ކޭމްޕާއި ބްލޫޒް ފޮރ ޔޫތު ކޭމްޕްގައި ހިމެނޭ ހަރަކާތްތައް ހިމަނައިގެން، އެކުދިންނަށް ހާއްސަކޮށް ފަރުމާކޮށްގެން ކަމާބެހޭ މުއައްސަސާތަކުގެ މެދުގައި މަޝްވަރާކޮށް އެއްބަސްވެވުނު ގޮތަށް ހިންގާފައިވާ ކެމްޕެކެވެ." ފުލުހުންގެ ޚިދުމަތުން ވިދާޅުވެފަވެއެވެ.
2017 ވަނަ އަހަރު ހިންގުނު މި ކޭމްޕްގައި ކުޑަކުދިންގެ ހައްގަށާއި ކަރާމާތަށް އުނިކަން އަތުވެދާނެފަދަ އެއްވެސް ކަމެއް ހިނގާފައިވާކަމުގެ ރިޕޯޓެއް، ދައުލަތުގެ އެއްވެސް މުއައްސަސާއަކުން މީގެ ކުރިން ދިވެހި ފުލުހުންގެ ޚިދުމަތަށް ހުށަހަޅާފައި ނުވާކަމަށް އެ އިދާރާއިން ފާގަކުރަށްވާފަ ވެއެވެ. އަދި މި އެކޭމްޕަކީ އެކުދިންނަށް ބޭނުންތެރި، ކޭމްޕްގެ ފައިދާ މިހާރުވެސް އެކުދިންނަށް ކުރަމުންދާ ކޭމްޕެއްކަންވެސް ފުލުހުންގެ ޚިދުމަތުން ފާހަގަ ކުރަށްވައެވެ.
"އެދަތުރުގައި ބައިވެރިވި ބައެއް ކުދިން ނުކިޔަމަންތެރިކަން ދެއްކުމުން އެކުދިން ކޮންޓްރޯލްކުރުމަށާއި އެކުދިންނާއި އެހެނިހެން ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ފުލުހުން އަމަލުކޮށްފައިވަނީ ފުލުހުންގެ ޤާނޫނާއި ގަވައިދުތަކުގެ ތެރެއިންކަން، މިހާތަނަށް މި ޚިދުމަތަށް ލިބިފައިވާ މައުލޫމާތުން ގަބޫލު ކުރެވެއެވެ. ވީމާ، މިދަތުރުގައި ބައިވެރިވި ފުލުހުންގެ މައްޗަށް ގާނޫނު ނަންބަރު 13/2013 (އެންޓި ޓޯޗަރ ޤާނޫނު) ގެ ދަށުން ދައުވާ ކުރަން ނިންމާފައިވާ ނިންމުމަކީ ދިވެހި ފުލުހުންގެ ޚިދުމަތުން ކަންބޮޑުވާ ކަމެކެވެ." ފުލުހުންގެ ޚިދުމަތުން ވިދާޅުވެފަވެއެވެ.
މި މައްސަލައާ ގުޅޭގޮތުން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ ތަހުގީގުން ހޯދިފައިވާ ހޯދުންތަކާއި، މައްސަލައާ ގުޅޭ އިތުރު މައުލޫމާތު ދިވެހި ފުލުހުންގެ ޚިދުމަތާ ހިއްސާކޮށްދިނުމަށް އެ ކޮމިޝަންގައި އެދިފައިވާ ކަމަށް ވެސް ފުލުހުންގެ ޚިދުމަތުން އާންމު ކުރެއްވި ނޫސްބަޔާނުގައި ވިދާޅުވެފަ ވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!