އިސްލާމްދީނުގެ ޞައްޙަ ޢަޤީދާ، ރަނގަޅު ގޮތުގައި ދަރިންނަށް ފޯރުކޮށް ދިނުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އެދިވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިގޮތަށް އެދިވަޑައިގަތީ ރާއްޖެ އިސްލާމުވި ދުވަހުގެ މުނާޞަބާ ފާހަގަކުރުމުގެ ގޮތުން މިއަދު ފޮނުއްވި ޚިޠާބުގައެވެ.

Ad
rt

މި ޚިޠާބުގައި ރައީސްގެ ޞާލިޙް ވިދާޅުވީ، މިފަދަ މުހިންމު މުނާސަބަތެއް ފާހަގަކުރާއިރު، އިސްލާމީ ދިވެހި މުޖުތަމަޢަށް މިއަދު ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ، އިސްލާމްދީނާ އެއްވެސް ގުޅުމެއް ނެތް ފިކުރުތަކާއި ޢަމަލުތަކެއް، ދީނީ ކަންތަކެއްގެ ގޮތުގައި، ރާއްޖޭގެ މުޖުތަމައުގެ ތެރޭގައި ފެތުރުމަށް ބަޔަކު ކުރަމުންދާ މަސައްކަތް ކަމަށެވެ.

ނަތީޖާއަކަށްވަނީ، އެފަދަ ފިކުރުތައް ޤަބޫލުކުރާ މަދު ބަޔަކު، މީހުންގެ ފުރާނައާއި މުދަލަށް ގެއްލުންދިނުމުގެ ނިރުބަވެރި ޢަމަލުތައް ހިންގަން ފެށުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"މި ސަބަބަށްޓަކައި، އަޅުގަނޑުމެންގެ ޢިލްމުވެރިންނާއި މުދައްރިސުންވެސް، އިސްލާމްދީނުގެ ޞައްޙަ ޢަޤީދާ، ރަނގަޅު ގޮތުގައި ދަރިންނަށް ފޯރުކޮށްދެއްވުމަށް، ޚާއްޞަ ސަމާލުކަން ދެއްވަން ޖެހިވަޑައިގަންނަވައެވެ." ރައީސް ޞާލިޙް ވިދާޅުވެފަވެއެވެ.

ރާއްޖެ އިސްލާމްވި ދުވަސް ފާހަގަކުރާއިރު، އަޅުގަނޑުމެންގެ ވިސްނުން މިއަދު އަމާޒުކުރަންވީ އެންމެ މުހިންމު ކަމަކީ، ލޯތްބާއި ކުލުނާއި އޯގާތެރިކަމުގެ ވަރުގަދަ ގުޅުމުން، މީސްތަކުންގެ ހިތްތައް ގުޅުވައިލަ ދިން، އިސްލާމީ ރިވެތި އަޚްލާޤުގެ މަތީގައި ސާބިތުވެ ތިބުން ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

"އަނެކުންގެ ފުރާނައާއި މުދަލާއި އަބުރަށް ޙުރްމަތްތެރިކޮށް ހިތައި ރައްކާތެރިވުމުގައި، މި އުންމަތުގެ މާތް ނަބިއްޔާ ދެއްކެވި މަތިވެރި ނަމޫނާ، އަޅުގަނޑުމެންގެ ޙަޔާތުގައި ޢަމަލީ ގޮތުން ތަންފީޒު ކުރުމަށެވެ. ޙަސަދަވެރިކަމާއި ޢަދާވާތްތެރިކަމުން އެއްކިބާވެ، މީސްތަކުންނަށް މަޢާފްކުރުމަށާއި ބަދަލު ނުހިފުމަށް، މި އުންމަތުގެ މާތް ނަބިއްޔާ ތަކުރާރުކޮށް ދެއްވި އިރުޝާދުތައް ތާއަބަދު ސިކުނޑީގައި ހަރުލެއްވުމަށެވެ." ރައީސް ޞާލިޙް ވިދާޅުވެފަވެއެވެ.

ރާއްޖެ އިސްލާމުވި ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ޙިޖުރީ ސަނަތުން ކޮންމެ ރަބީޢުލް އާޚިރާ މަހެއްގެ 2 ވަނަ ދުވަހެވެ. މިއަހަރު އެދުވަސް ދިމާވަނީ މާދަމާއާއެވެ.