އިޓާލިއަން ލީގުގައި އާދީއްތަ ދުވަހުގެ ރޭ އޭސީ މިލާނާއި ރޯމާ ބައްދަލުކުރި މެޗު މިލާނުން ކާމިޔާބުކޮށް އެއްވަނާގައި އޮތް ނަޕޯލީއާއި ޕޮއިންޓްގެ ގޮތުން އަރާ ހަމަކޮށްފިއެވެ. ރޯމާގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗު މިލާނުން ކާމިޔާބު ކޮށްފައިވަނީ 2-1 ގެ ނަތީޖާއަކުންނެވެ.

އެއްވަނާގައި 11 މެޗުން 31 ޕޮއިންޓް ހޯދައިގެން ނަޕޯލީ އޮތްއިރު، މިލާނުން ވެސް ވަނީ 11 މެޗުން 31 ޕޮއިންޓް ހޯދާފައެވެ. ނަޕޯލީއަށް ކުރި ލިބެނީ ފައިދާ ގޯލުގެ ތަފާތުންނެވެ. މިލާން އަތުން ބަލިވި ރޯމާ މިވަގުތު އޮތީ ކުޅުނު 11 މެޗުން ލިބުނު 19 ޕޮއިންޓާއިއެކު ތާވަލުގެ ހަތަރުވަނާގައެވެ.

Ad
rt

މިލާނާއި ރޯމާ ބައްދަލުކުރި މެޗުގައި ހީރޯއަކަށް ވީ ނިމިދިޔަ އޮކްޓޯބަރ މަސްތެރޭ އުމުރުން 40 އަހަރު ފުރުނު ތަޖުރިބާކާރު ފޯވާޑް އިބްރަހިމޮވިޗެވެ. މެޗުގެ 26 ވަނަ މިނެޓުގައި މިލާނުން ލީޑު ނެގިއިރު، މި ލަނޑު އެ ޓީމަށް ލިބުނު ހިލޭ ޖެހުމަކުން ކާމިޔާބު ކޮށްދީފައިވަނީ އިބްރަހިމޮވިޗެވެ. މިއީ ޔޫރަޕްގެ ބޮޑެތި ލީގުތަކުގެ މަޝްހޫރު ގިނަ ޓީމަތަކަށް ކުޅެފައިވާ އިބްރަހިމޮވިޗް ލީގު ފުޓްބޯޅައިގައި ކާމިޔާބު ކުރި 400 ވަނަ ލަނޑެވެ.

މި މެޗުގައި މިލާނަށް ލީޑު ފުޅާކޮށްދީފައި ވަނީ 57 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ފްރޭންކް ކެސިއޭއެވެ. މިލާނަށް މި ޕެނަލްޓީ ލިބިފައި ވަނީ ރޯމާގެ އޭރިއާގެ ތެރެއިން އިބްރަހިމޮވިޗަށް ކުރި ފައުލަކާއި ގުޅިގެންނެވެ.

މި މެޗުގެ 66 ވަނަ މިނެޓުގައި މިލާންގެ ތިއޯ ހެނާންޑޭޒްއަށް ވަނީ ދެވަނަ ރީނދޫކާޑާއި އެކު ރަތްކާޑު ދައްކާފައެވެ. މިލާނުން އެއް ކުޅުންތެރިއަކު މަދުވުމުން ރޯމާއިން ވަނީ އެ ޓީމް ވަރަށް ބޮޑަށް ކުރިއަށް ޖައްސައި މިލާނަށް ބާރު ބޮޑު ކޮށްފައެވެ. މިގޮތުން މެޗުގެ ފުރިހަމަ ވަގުތު ހަމަވެ ދެއްކި އިތުރު ވަގުތުގެ ތެރޭގައި ރޯމާގެ އެލްޝަރާވީ ވަނީ ލަނޑެއްޖަހައި ފަރަގު ކުޑަކޮށްފައެވެ.