އެއްސަހަރެއްގައި އުޅުއްވި ރަސްކަލެކެވެ. އެ ރަސްގެފާނުގެ ޚާއްޞަ ހަކީމަކު (ޑޮކްޓަރަކު) ހުރެއެވެ. އާލާސްކަންފުޅެއް ޖެހިއްޖެނަމަ މުޅީން ވެސް ބޭސްފަރުވާ ކުރައްވަނީ މި ދެންނެވި ހަކީމެވެ. އެކަމަށް ވަރަށް ބޮޑު އުޖޫރައެއް ދެއްވައެވެ.

ރަސްގެފާނުގެ އިސްތަށިފުޅުގައި ރިއްސާތީ މި ދެންނެވި ހަކީމު ބޭސްފަރުވާ ކުރާތާ އެތައް ދުވަހެކެވެ. މުޅީން ފަސޭހަފުޅެއް ނުވެއެވެ.

Ad
rt

މިހެން މިކަން ދަނިކޮށް އެއް ދުވަހަކު ރަސްގެފާނުގެ އިސްތަށިފުޅުގެ އާލާސްކަންފުޅު މާބޮޑުވެގެން އަނެއްކާ ވެސް ހަކީމު ބަލައި ފޮނުއްވިއެވެ. އެ ދުވަހު ހަކީމު އޮތީ ވަރަށް ބޮޑަށް ބަލިވެއެވެ. ރަސްކަމުގެ ގަނޑުވަރަށް ދެވޭވަރެއް ނޫނެވެ. އެހެންކަމުން ހަކީމުކައިރިން ބޭސްވެރިކަން ދަސްކުރަމުންފިޔަ ޒުވާން ދަރިފުޅު ގަނޑުވަރަށް ފޮނުވިއެވެ. އެ ޒުވާނާ ދިޔަތާ މާގިނައިރެއް ނުވެ ފައިސާ ބޮނޑިއެއް ހިފައިގެން އެނބުރި އަތުވެއްޖެވެ.

ރަސްގެފާނުގެ އާލާސްކަންފުޅުގެ ޚަބަރު ދަރިފުޅުކުރެން ހަކީމު ސާފުކުރިއެވެ. ދަރިފުޅު ބުންޏެވެ. "ބައްޕާއެވެ. ރަސްގެފާނުގެ އިސްތަށިފުޅުގައި ރިހެނީ އިސްތަށިފުޅުގައި ދައިގަނެގެން އިން ކުޑަކުޑަ ސޫއްޕެއްގެ ސަބަބުންނެވެ. ހޫނުކޮށްފައި ތިނޯހެއް ޖެއްސިތަނުން އެ ސޮރުގެ ކަންތައް ހިގައްޖެއެވެ. ދެނެއް އެ އިސްތަށިފުޅަކު ނުރިހޭނެއެވެ. މިއޮތް ހުރިހާ ދުވަހު ބައްޕައަށް ހަމަ އެ ސޫފި ނުފެނޭ ހެއްޔެވެ؟"

ދެއަތަށް ބޯ ހީރުވާލާފައި ބައްޕަ ބުންޏެވެ. "ތިޔަކުރީ ހާދަހާވާ ދެރަ ކަމެކެވެ. ބައްޕަ ހީކުރީ ކޮންމެ ދުވަހަކު ބައްޕައާއެކު ރަސްގެފާނަށް ބޭސްފަރުވާ ކުރުމަށް ދަރިފުޅު ދާތީ ވާނުވާ އެނގޭނެކަމަށެވެ. ބައްޕައަށް ވެސް މައްސަލަ އެނގެއެވެ. އެކަމަކު މައްސަލަ ހައްލުކޮށްފިނަމަ އަހަރެމެންގެ ބޭނުން ނެތުނީ ނޫންހެއްޔެވެ. އެ ސޫފި މަރާނުލާ ކޮންމެ ވެސް ވަރަކަށް ބަލި ކޮށްލާފައި ކޮންމެ ދުވަހަކު މި އަންނަނީ އެހެންވެއެވެ. ތިޔަވީ ގޮތުން މީން ދުވަހަކު ވެސް އަހަރެމެންގެ ބޭނުމެއް ރަސްގެފާނަކަށް ނުޖެހޭނެއެވެ. އަހަރެމެންގެ ބޭނުން ކެނޑުނީއެވެ. ދަރިފުޅާއެވެ. މައްސަލަ އެނގުނަސް ހައްލުކޮށް ނުވާނެ މައްސަލަ ހުންނާއެވެ. އަހަރެމެންގެ ތެރޭގައި މައްސަލަ ގިނައީ އެހެންވެއެވެ. (ނިމުނީ)

ނޯޓު: މިފަދަ ގިނަ ވާހަކަ ތަކަކީ ވަރަށް ގިނަ ބަސްބަހުން ލިޔެވިފައި ހުންނަ އަދި އެކި މުޖުތަމަޢު ތަކުގައި އެކިގޮތަށް ކިޔެމުން ނަގުލުވަމުން އަންނަ އަދި އެ ވާހަކަތަކުގެ އަސްލު ވެރި ފަރާތް ނޭނގޭ ވާހަކަތަކެކެވެ. މި ވާހަކަ ލިޔެފައި މިވަނީ އަޅުގަނޑު އަޑުއެހި ގޮތަށެވެ. ވާހަކައިގެ ފިކުރީ ޙައްޤުވެރިކަންވަނީ ޙައްޤުވެރި ފަރާތަށެވެ.