ހއ. އުތީމު ދޫނިތުނޑި ސަރަހައްދުން މިދިޔަ ބުދަ ދުވަހު ފެނިފައިވާ އާސާރީ ކަމަށް ބެލެވޭ ވަޅާ ގުޅޭ ސާވޭއެއް ފަށައިފިއެވެ.

އުތީމް ކައުންސިލްގެ ރައީސް އަބްދުﷲ ރަޝީދު "ތިލަދުން"އަށް ވިދާޅުވީ މި ވަޅާއި ބެހޭގޮތުން ދިރާސާ ކުރުމަށް މެރިޓައިމް އޭޝިޔާ ހެރިޓޭޖްގެ ޓީމެއް މިހާރު އެރަށުގައި ހަރަކާތްތެރިިވަމުން ދާ ކަމަށެވެ.

Ad
rt

މި ޓީމްގެ މަސައްކަތް އިއްޔެ ފަށާފައިވާއިރު، މިހާތަނަށް ބެލި ބެލުމުން އެވަޅަކީ އާސާރީ ވަޅެއް ކަމަށް އެބޭފުޅުން އިއްތިފާގުވެ ލައްވާފައިވާ ކަމަށްވެސް ރަޝީދު ވިދާޅުވިއެވެ.

ރަޝީދު ވިދާޅުވީ ވަޅުގެ ފުންމިނާއި ސިފަތަކާއި ގުޅިގެން މިވަގުތު އެއްޗެއް ދަންނަވަން ދަތި ކަމާށާއި ސާރވޭ ޓީމްއަށްވެސް އެކަމާއި ގުޅިގެން އެއްވެސް މައުލޫމާތެއް މިހާތަނަށް އަދި ހޯދިފައި ނުވާ ކަމަށެވެ. އަދި މިފަދަ އާސާރީ ތަންތަން އެންމެ ރައްކާތެރިކަމާއިއެކު ހިމާޔާތްކޮށް އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަކީ އެ ކައުންސިލްގެ ވަރަށް ބޮޑު އުއްމީދެއް ކަމަށް ވެސް ރަޝީދު ވިދާޅުވިއެވެ.

މިކަމަށް ޤައުމީ ތަރިކައާއި ބެހޭ މަރުކަޒާއި، ބޮޑުތަކުރުފާނުގެ ހަނދާނީ މަރުކަޒުން ދެއްވި ސަމާލުކަމާއި އެއްބާރުލުން ފާހަގަކޮށް އުތީމު ކައުންސިލުން ވަނީ އެފަރާތްތަކަށް ޝުކުރު އަދާކޮށްފައެވެ.

އެ ވަޅު ފެނުނު ތުނޑިއަކީ ޤައުމީ ބަޠަލު، އުތީމު ބޮޑުތަކުރު ފާނު ދޫނި ހިއްޕަވަން އުޅުއްވިކަމަށް ބުނާ ތުނޑިއެވެ. އެ ތުނޑި ހިމެނޭ ސަރަހައްދު މީން ޒަމާނަކުވެސް ނުގިރާވަރަށް ގިރައިގެން ގޮސްފައިވާ ކަމަށް އުތީމު ކައުންސިލުން ފާހަގަ ކުރަށްވައެވެ. އަދި އެކަމާ ކަންބޮޑުވާ ކަމަށް ވެސް އެ ކައުންސިލުން ވިދާޅުވެއެވެ.

އެސަރަހައްދަކީ މީގެ ކުރިންވެސް ރުނބާ އަދި އެކިކަހަލަ ތަށި ފަދަ ތަކެތި ފެނިފައިވާ ސަރަހައްދެކެވެ. އަދި އެރަށުން ފެނުން އެންމެ ބޮޑު ރުނބާވެސް ފެނިފައިވަނީ އެސަރަހައްދުން ކަމަށެވެ.

އުތީމަކީ ދިވެހި ތާރީޚީ ތަރިކައިގެ މުއްސަނދިކަން އެންމެ ބޮޑަށް ލިބިފައިވާ އެއް ރަށެވެ.