ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒުން އިންތިޒާމުކޮށްގެން ބޭއްވުމަށް ހަމަޖެހިފައިވާ ކީރިތި ޤުރުއާން ކިޔެވުމުގެ 34 ވަނަ ޤައުމީ މުބާރާތުގައި ށ އަތޮޅުން ބައިިވެރިވާ ޓީމެއް ނެގުމަށް އޮޑިޝަން އެއް ބާއްވައިފިއެވެ.

އޮކްޓޯބަރ މަހުގެ 22 ވަނަ ދުވަހުން ފެށިގެން 23 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ދިޔަ މި އޮޑިޝަންގައި އެއަތޮޅުގެ 11 ރަށަކުން ޖުމްލަ 165 ދަރިވަރުން ބައިވެރިވިކަމަށް ށ. އަތޮޅު ކައުންސިލުން ހާމަ ކުރަށްވައެވެ.

Ad
rt

އެއީ 6 އަހަރުން ދަށުގެ އުމުރުފުރާއިން 25 ދަރިވަރުނުންނާއި، 9 އަހަރުން ދަށުގެ 42 ދަރިވަރުންނާއި، 12 އަހަރުން ދަށުގެ 41 ދަރިވަރުންނާއި، 15 އަހަރުންދަށުގެ 35 ދަރިވަރުންގެ އިތުރުން 18 އަހަރުން ދަށުގެ 19 ދަރިވަރުންނާއި އަދި 18 އަހަރުން މަތީގެ ޢުމުރުފުރާއިން 3 ދަރިވަރުންނެވެ.

2 ގޮތްޕަކަށް ބަހާލައިގެން ކުރިޔަށްގެންދެވުނު މި އޮޑިޝަން، ށ.އަތޮޅު ކައުންސިލްގެ ފޭސްބުކް ޕޭޖްގައި ލައިވްކޮށް ކުރިއަށް ގެންގޮސްފާވާއިރު، މި އޮޑިޝަންގައި ށ އަތޮޅުގެ 22 ސްކޫލްއަކުން ވަނީ ބައިވެރިވެފައެވެ.

އޭގެ ތެރޭގައި ހިމެނެނީ ށ. އަތޮޅު މަދަރުސާއިން 22 ދަރިވަރުންނާއި، ގޮއިދޫ ސްކޫލުން 19 ދަރިވަރުންނާއި، ފޭދޫ ސްކޫލުން 15 ދަރިވަރުންނާއި، ފީވަކު ސްކޫލުން 13 ދަރިވަރުންނާއި، ބިލެތްފަހީ އަދި ފޯކައިދޫ ސްކޫލުން ކޮންމެ ރަށަކުން 19 ދަރިވަރުންނާއި، އަލްމަދަރުސަތުލްމުނައްވަރާއިން 8 ދަރިވަރުންނާއި، ޅައިމަގު ސްކޫލުން 5 ދަރިވަރުންގެ އިތުރުން ށ.އަތޮޅު ތަޢުލީމީ މަރުކަޒުން 9 ދަރިވަރުންނާއި، ފުނަދޫ ސްކޫލުން 13 ދަރިވަރުންނާއި އަދި މިލަންދޫ ސްކޫލުން 23 ދަރިވަރުންނެވެ.

ކީރިތި ޤުރުއާން ކިޔެވުމުގެ 3 4ވަނަ ޤައުމީ މުބާރާތުގެ ށ. އަތޮޅު އޮޑިޝަންގައި ފަނޑިޔާރުންގެ ޕެނަލްގައި ހިމެނިވަޑައިގަންނަވަނީ އަލްޤާރީ މުޙައްމަދު ވަޙީދާއި، އަލްޤާރީ މުޙައްމަދު ތަޢުފީޤާއި، އަލްޤާރީ އަލާ ދީދީއެވެ.

ށ. އަތޮޅު ކައުންސިލުން ވިދާޅުވާގޮތުގައި މި އޮޑިޝަން ބޭއްވުމުގެ އެންމެ ބޮޑު މަޤްޞަދަކީ، ކީރިތި ޤުރްއާން ކިޔެވުމުގެ 34 ވަނަ ޤައުމީ މުބާރާތުގައި ށ. އަތޮޅު ތަމްސީލުކުރާނެ ޓީމެއް އެކުލަވާލުމާއި، އަތޮޅުރައްޔިތުންގެ ހިތްތަކުގައި ކީރިތި ޤުރްއާން ކިޔެވުމަށް ލޯބި ޖައްސައި ޤުރްއާން ކިޔެވުމުގެ ފަންނު އާލާކޮށް ދިރުވައި ފެތުރުމަށް މަސައްކަތް ކުރުމާއި، ކީރިތި ޤުރްއާން ހިތުދަސްކުރުމަށާއި އަދި ތަޖުވީދުމަގަށް ޤުރްއާން ކިޔެވުމަށް ހިތްވަރުދިނުމެވެ.

މީގެއިތުރުން ކީރިތި ޤުރްއާން ރައްކާތެރިކުރުމަށް މަސައްކަތްކުރުމާއި، ޤުރްއާން ރީތިކޮށް ކިޔެވުމުގެ މައިދާނުގައި އަތޮޅު ދަރިވަރުންގެ މެދުގައި ވާދަވެރިކަން އުފެއްދުމާއި، ޤާރީންނާއި، ޙާފިޡުން އުފެއްދުމަށް ބާރުއެޅުމާއި، ހިތްވަރުދިނުމާއި، ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ބާރުއެޅުމާއި އަދި ޤައުމީ ފެންވަރުގެ މުބާރާތްތަކުގައި އަތޮޅު ތަމްޘީލުކުރާނެ ޤާބިލު ޖީލެއް ބިނާކުރުން ވެސް މި އޮޑިޝަން ބޭއްވުމުގެ އެންމެ މަޤްޞަދުތަކުގެ ތެރޭގައި ހިމެނެއެވެ.