ރާއްޖޭގައި މިވަގުތު ހުރި އެންމެ ވަރުގަދަ ސިޔާސީ ބޭފުޅަކީ ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާ، އަދި ރާއްޖޭގެ ފޮރިން މިނިސްޓަރު ޢަބުދުﷲ ޝާހިދުކަމަށް މަޑުއްވަރީ ދާއިރާގެ މެންބަރު އަދި އިދިކޮޅު ކޯލިޝަންގެ ޕީޖީ ލީޑަރު އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.

މިއަދު ކުރިއަށް ދިޔަ މަޖިލިސް ޖަލްސާގައި ދިވެހިރާއްޖޭގެ ފޮރިން ސަރވިސްގެ ބިލު، ޚާރިޖީ ގުޅުންތަކުގެ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓަށް ބަހުސް ކުރައްވަމުން މިހާރު އދ. ގެ 76 ވަނަ އާންމު މަޖިލީހުގެ ރައީސްގެ މަގާމުވެސް ފުރުއްވަމުން ގެންދަވާ ޝާހިދާ ގުޅޭގޮތުން، އާދަމް ޝަރީފް ވިދާޅުވީ، ވާދަވެރި ސިޔާސީ ޕާޓީތަކަށް ވިސްނާނަމަ މިވަގުތު ހުރި އެންމެ ވަރުގަދަ ސިޔާސީ ބޭފުޅަކީ އަބުދުﷲ ޝާހިދު ކަމާމެދު ޝައްކެއް ނެތް ކަމަށެވެ.

Ad
rt

"ދިވެހިރާއްޖޭގެ ވަރަށް ގިނަ ވުޒާރާތަކާއި ވަރަށް ގިނަ މުއައްސަސާތައް ހުރި އިރުވެސް، ޚާއްޞަކޮށް 65 މެންބަރުން ތިއްބެވި އެމްޑީޕީ ރާއްޖޭގައި ހަމަ ބޮޑު ޕާޓީއެއްގެ ގޮތުގައި ބެލެވޭ އެމްޑީޕީގައި އެތައް މެންބަރުންނެއް ތިއްބެވިއިރުވެސް ފޮރިން މިނިސްޓަރެއް ގޮތުގައި ކުރިން ހުންނެވި ޢަބުދުﷲ ޝާހިދަށްވުރެ ނުފޫޒުގަދަ ބާރުގަދަ އަދި ކަންކަމުގެ ތެރެއަށް ނުފޫޒު ފޯރުވައިގެންވެސް ބޭނުންވާ ކަންކަން ހާސިލް ކުރައްވަން އެވަރުގެ ބެފުޅެއް ހުރިކަމަކަށް މިއަދަކު ފެންނާކަށް ނެތް،" އާދަމް ޝަރީފް ވިދާޅުވިއެވެ.

އެކަމާ ހައިރާންވެ ވަޑައިގަންނަވާ ކަމަށާއި، އެހެންނަމަވެސް ޝާހިދަށް މަރުޙަބާ ވެސް ދައްނަވާ ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ. ޝާހިދު އެމްޑީޕީއަށް ވަޑައިގެން ގެންދަވަނީ ވަރަށް ބޮޑެތި ކާމިޔާބީތައް ހާސިލް ކުރައްވަމުން ކަމަށާއި، މިއަދު އދ.ގެ އާންމު މަޖިލީހުގެ ރައީސަކަށް އެމަނިކުފާނު ހުންނެވުމަކީ ވެސް އެމަނިކުފާނުގެ ކުޅަދާނަކަމާއި، ޤާބިލްކަން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"އެއީ މިސަރައްދުގެ ޤައުމުތަކާއި ނުވަތަ އެހެން ޤައުމުތަކާއެކުގައި ހެއްދެވި ޑީލެއްގެ ދަށުން ކަމަށް ވިޔަސް، އިބްރާޙީމް މުހައްމަދު ޞާލިޙަށް ކޮންމެ ގޮތަކަށް ކަންކަން ވިސްނައިދީގެން ކަމަށް ވިޔަސް، އެމްޑީޕީގައި މި ތިއްބެވި 65 މެންބަރުންނާއެކު އެ މެންބަރުންނަށް ވެސް އެ ވިސްނަވައިދެއްވާ ގޮތަކަށް ވިސްނަވައި ދެއްވައިގެން ވެސް، ހަމަ ޔަގީނުން ވެސް އަޅުގަނޑަށް ފެންނަން އޮތް މަންޒަރަކީ މިރާއްޖޭގައި މިވަގުހުރި އެންމެ ވަރުގަދަ ސިޔާސީ ބޭފުޅަކީ އަބުދުﷲ ޝާހިދުކަމަށް،" އާދަމް ޝަރީފް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މަންޒަރުތައް ފެންނަމުންދާ ގޮތުންނަމަ 2023 ގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަކީ ވެސް ޝާހިދުކަމަށް ވުމަކީވެސް އެކަށީގެންވާކަމެއް ކަމަށެވެ.

އާދަމް ޝަރީފް ދެއްކެވި ވާހަކާގައި ވަނީ ރާއްޖޭގެ ފޮރިން ޕޮލިސީ ކަނޑައެޅުން ޤާނޫނު އަސާސީން މަތިކޮށްފައި ވަނީ ރައީސުލްޖުމްޙޫރިއްޔާއަށް ކަމަށް ވިދާޅުވެ، މި ބިލް ޤާނޫނަކަށް ވެގެން އައުމަކީ ރައީސް ޞާލިޙް އަމިއްލައަށް ފޭއްސަވާ އިލޮށި ގަނޑެއް ކަމަށް ވިދާޅުވެފައެވެ. އަދި އެ އިލޮށިގަނޑު ރައީސް ޞާލީހްގެ އަމިއްލަ ލޯފުޅަށް "ހެރޭނެ" ކަމަށް ވެސް ވިދާޅުވިއެވެ.