ވައްކަމާއި ފޭރުމަކީ މުޖުތަމަޢުގެ އެއިރެއްގެ ހާލަތާއި އެއްގޮތަށް، އެކަމުގައި ހަރަކާތްތެރިވާ މީހުން ބަދަލު ކުރަމުން އަންނަ ނުބައިކަން ބޮޑު ޢަމަލެކެވެ. ޒަމާނެއްގައި ވަކި ސިފަތަކަކަށް ތިބޭބަޔަކަށް ވައްކަމާއި ފޭރުމުގެ އިނގިލި ދިމާކޮށްލަން ފަސޭހަ ނަމަވެސް މިހާރު އެއީ އެމަގުން ހިނގާކަމެއް ނޫނެވެ.

މިހާރު މީހުންގެ މުދާ ނުހައްގުން ވަގަށް އަތުލަނީ ނުވަތަ ފޭރެނީ ނުކިޔަވާ ތިބޭ ޖާހިލުންނެސް ވެސް ނޫނެނެވެ. ވައްކަމާއި ފޭރުމުގެ ޒަމާނީ އުކުޅުތައް ބޭނުންކޮށް އެކަންކުރަނީ އުނގެނި ދަސްކޮށްގެންނެވެ. ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން މީހުން ވާވައްދައިގެންނެވެ.

Ad
rt

ހާލަތާއި އެއްގޮތަށް ވަގުންގެ ޢަމަލުތައް ބަދަލުވަމުން ނުވަތަ ބަދަލު ކުރަމުން އައިސްފައިވާކަން މި މުޖުތަމަޢަށް ނަޒަރު ހިންގާލުމުން ވެސް ދިމާއަށް އެ ހުރީ ފެންނާށެވެ. ފޯނުކާޑު ގަނެގެން ރިޗާޖުކުރި ދުވަސްވަރު މީހުންނަށް ގުޅައިގެން ވަގުންވަނީ އޭގެ ނާޖައިޒް ފައިދާ ނަގާފައެވެ. ބޭންކުން ދޫކޮށްފައިވާ ވިސާ ކާޑްތައް ފަދަ ކާޑުތަކުގެ މަޢުލޫމާތު ބޭންކްގެ ނަމުގައި ގުޅައިގެން ހޯދައި އެކައުންޓްގައި ހުރި ފައިސާކޮޅު ވެސް ފޭރެނީއެވެ. ފިހާރަތަކުން މުދާގަތުމަށް ފަހު ފައިސާ ޓްރާންސްފާކުރި ކަމަށްބުނެ ފޭކް ސްލިޕް ހަދައިގެން ވެސް ފޭރެނީއެވެ. ސްކޫލުތައް ބަންދުވުމުން ގޭގެ ދޮރުޖަހައި ޗުއްޓީއަށް ފުރައިގެންދާ ވަގުތުބަލައި ގޭގައި ހުންނަ އަގުބޮޑެތި ސާމާނުކޮޅު ވަގަށް ގެންދަނީއެވެ. މި ނޫނަސް މިފަދަ އެތައް ހާލަތަކަށް އަޅުގަނޑުމެން ތައްޔާރު ނުވިނަމަވެސް ވަގުން އެ ތިބެނީ ތައްޔާރަށް ކަން މާޒީން ހެކިދެއެވެ.

ދިވެހިންނަކީ ދީލަތިބައެކެވެ. ތަފާތު ބޮޑެތި ބަލިތަކަށް ފަރުވާ ކުރުމަށް ފައިސާ ހޯދުމަށް ސޯޝަލް މީޑިއާ މެދުވެރިކޮށް ހިންގަމުން އަންނަ ތަފާތު ކެމްޕެއިންތަކުން ފައިސާ ލިބިގެން ބައްޔަށް ފަރުވާކުރި ކިތަންމެ ބަޔަކު މި މުޖުތަމަޢުގައި މިހާރުވެސް ތިބިކަމީ ދިވެހިންގެ ދީލަތިކަމުގެ ހެއްކެކެވެ.

ނަމަވެސް މިކަމުގެ ތެރެއިން ވެސް މިހާރު މިވަނީ ވަގުންނާއި ފޭރޭ މީހުން ޒަމާނީ އުކުޅުތައް ބޭނުން ކޮށްގެން ވަދެ ފައިދާ ހޯދަން ފަށާފައެވެ. ބައެއް ފޭސްބުކް އައިޑީތައް ހެކްކޮށް ބޮޑެތި ބަލިތަކަށް އެހީހޯދުމަށް ޖަހާފައިވާ ޕޯސްޓް ތަކުގައިވާ އެކައުންޓް ނަމްބަރުތައް ބަދަލުކޮށް އެތަކެތި ޝެއާކޮށްގެން މީހުންނަށް މިވަނީ އޮޅުވާލާފައެވެ. މިއީ މިފަދަ އެތައް ޕޯސްޓެއް ބޭނުން ކޮށްގެން މިހާރު ވަގުން ކުރަމުން އަންނަ ޒަމާނީ ވައްކަމެކެވެ. ޒަމާނީ ފޭރުމެކެވެ. ދީލަތިބަޔެއް ހެޔޮ ހިތުން ކުރާ ސަދަގާތަކުން ވައްކަން ކުރުމަށް ކުރަމުން އަންނަ ނުބައި ހަޑިހުތު އަމަލެކެވެ.

މިފަހުން އެހީއަށް އެދިފައިވާ ފަރާތްތަކުގެ ފޮޓޯ ބޭނުން ކޮށްގެން ފައިސާ ހޯދުމަށް އެދިފައިވާ އެކައުންޓް ނަންބަރުގެ ވެެރިފަރާތުގެ ނަމުގައިވަނީ ޒައިނަބު ސަރީފާ އެވެ. އެހީއަށް އެދިފައިވާ ގިނަ ފަރާތްތަކެއްގެ ސަމާލުކަމަށް މިކަން އައިސްގެން އެފަރާތްތަކުގެ ފޭސްބުކް ޕޭޖްތަކުގައި މިކަން ވަނީ ސަމާލުކަމަށް ގެނެސްފަ އެވެ.

ވުމާއެކު މިފަދަ ޕޯސްޓްތަކަށް ހޭދަކުރުމުގެ ކުރިން އެކައުންޓް ނަމްބަރު ވެރިފައިކޮށް ޗެކްކުރުމަކީ އެހީދޭ ފަރާތުގެ ވެސް ޒިންމާއެއްކަން ހަނދާންކުރަން އެބަޖެހެއެވެ. އެ ޒިންމާ ނަގަން އެބަޖެހެއެވެ. ނޫންނަމަ ބޮޑުވާނީ ވަގުންގެ އެކައުންޓް ކަން ދަންނަން އެބަޖެހެއެވެ.

ޒަމާނީ ވައްކަން ތަކުގެ މިފަދަ އެތައް މައްސަލަތަކެއް ތަކުރާރުކޮށް މި މުޖުތަމަޢުން ފެންމަތިވަމުން އަންނައިރު އެކަންކަން ބަލައި އެ ފަރާތްތައް ހޯދައި އިންސާފުގެ ކުރިމައްޗަށް ގެނެސް އަދަބުދެވޭތަން ނުފެންނަކަމީ މިފަދަ ޖަރީމާތައް ނުހުއްޓެން ދިމާވާ މައިގަނޑު އެއްސަބަބެވެ.

ވުމާއެކު މިހާރުން މިހާރަށް ވެސް މިފަދަ ވައްކަންތައް ހުއްޓުވަން ސަރުކާރުން މިހާރަށް ވުރެ ބޮޑަށް މަސައްކަތް ކުރަންޖެހެއެވެ. ކުށްވެރިންނަށް އަދަބު ދޭން ޖެހެއެވެ. އާންމުން ހޭލުންތެރި ކުރަން ޖެހެއެވެ.