ޕާކިސްތާނުގެ "ނިއުކްލިއާ ބޮމުގެ ބައްޕަ" ގޮތުގައި އެ ޤައުމުން ބަލަމުން އަންނަ އަބްދުލް ޤަދީރު ޚާން ކޯވިޑް-19 ބަލީގައި ނިޔާވެއްޖެއެވެ.

އުމުރުފުޅުން 85 އަހަރުގައި އަބްދުލް ޤަދީރު ނިޔާވެފައި މިވަނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށް ކޯވިޑް 19 އަށް ފަރުވާދެމުން ދަނިކޮށްކަމަށް ބައިނައްލަޤްވާމީ ނޫސްތަކުގައި ހާމަކޮށްފައިވެއެވެ.

Ad
rt

އަބްދުލް ޤަދީރު ފާހަގަކޮށްލެވެނީ އިސްލާމީ ޤައުމުތަކުގެ ތެރެއިން އެންމެ ފުރަތަމަ ނުރައްކާތެރި ހަތިޔާރު އުފެއްދި އެކަކުގެ ގޮތުގައެވެ. އަދި އޭނާ ވަނީ ޕާކިސްތާނުގައި ނުރައްކާތެރި ހަތިޔާރު އުފައްދާ އެތަކެތި ދެކުނު ކޮރެއާއާއި އިރާނަށްވެސް ފޯރުކޮށްދިނުމުގެ މަސައްކަތުގައި ހަރަކާތްތެރިވެފައިކަން ނޫސްތަކުގައި ބުނެފައިވެއެވެ.

އަބްދުލް ޤަދީރު ޚާން ނިޔާވުމުން ޕާކިސްތާނުގެ ބޮޑު ވަޒީރު ވިދާޅުވެފައިވާ ގޮތުގައި، ޕާކިސްތާނުން ގެއްލިގެން ދިޔައީ ޤައުމީ ބަތަލެއްކަމަށެވެ. އަދި އަބްދުލް ޤަދީރު ޤައުމަށްކޮށްދެއްވާފައިވާ މަސައްކަތްތައް ފާހަގަކޮށް ޤަދީރުގެ ސަބަބުން އަސްކަރީ ގޮތުން ޕާކިސްތާންއަށް ލިބިފައިވާ ކުރިއެރުންތައް ފާހަގަކޮށްފައިވެއެވެ.

ސައިންސްވެރިޔާ އަދި މަޝްޚޫރު ނަމުންނަމަ އޭ.ކިއު ޚާން އެންމެ ފުރަތަމަ ޕާކިސްތާނުގައި ނިއުކްލިއާ ހަތިޔާރު އުފައްދާ ޓެސްޓްކޮށްފައި ވަނީ 1998 ވަނަ އަހަރު އިސްލާމް އާބާދު ކައިރީގައި އޮންނަ ކަހުތާ ކިޔާ އަވަށެއްގައެވެ.

ޑރ. ޚާންގެ އުފެއްދުންތަކާއި އެކު ނުރައްކާތެރި ހަތިޔާރު އުފައްދާ ޤައުމުތަކުގެ ލިސްޓުން ޕާކިސްތާން ވަނީ މުޅި ދުނިޔޭގެ ހަތް ވަނަ ދަރަޖައިގައި ހިމެނިފައެވެ. ޤަވައިދާ ޚިލާފަށް ނިއުކްލިއަރ ހަތިޔާރު ލީބިޔާއާއި އީރާނުގެ އިތުރުން ދެކުނު ކޮރެއާއަށް ފޯރުކޮށްދިނުމާއި ގުޅިގެން 2004 ވަނަ އަހަރު ޕާކިސްތާނުން ވަނީ ޑރ. ޚާން ހައްޔަރުކޮށްފައެވެ. އަދި އެހެން ޤައުމުތަކަށް ނިއުކްލިއަރ ހަތިޔާރު އުފެއްދުމުގައި އެހީތެރިކަން ފޯރުކޮށްދިނުން ވެގެންގޮސްފައި ވަނީ ޕާކިސްތާނަށް ލިބުން ހައިރާންކަމަކަށެވެ.

ހައްޔަރުކުރުމާއި ގުޅިގެން ޓީވީ ޗެނަލަކަށް ޑރ.ޚާން ދެއްވި އިންޓަވިއުއެއްގައި، އެހެން ޤައުމުތަކަށް ހަތިޔާރު ފޯރުކޮށްދީ ހަތިޔާރު އުފެއްދުމުގައި އެހީތެރިވެދެވުނުކަމަށްޓަކައި ހިތާމަކުރާކަމަށް ވިދާޅުވެފައިވެއެވެ.

ޑރ. ޚާން މާފަށް އެދުމުން އޭރުގެ ޕާކިސްތާނުގެ ބޮޑު ވަޒީރު ޕަރްވޭޒް މުޝައްރަފްވަނީ އޭނާގެ އަދަބު ލުއިކޮށްދެއްވުމުގެ ގޮތުން މަޢާފްދެއްވާ 2009 ވަނަ އަހަރު ގޭ ބަންދަށް ބަދަލުކޮށްފައެވެ.

ހުޅަނގުގެ ޤައުމުތަކުގެ ފާރަވެރިންނަށް ޑރ. ޚާން އަކީ ނުރައްކާތެރި މީހެއްކަމުގައި ދެކެވުނު ނަމަވެސް ޕާކިސްތާނަށް އޭނާ އަކީ ޤައުމީ ބަތަލެއްކަމަށާއި، ޕާކިސްތާނުގެ ޤައުމީ ދިފާއި ބާރުވެރިކަން ޚަރުދަނާކޮށް ވަރުގަދަކޮށްދީފައިވާތީ އޭނާގެ އަގު އަބަދުވެސް އެޤައުމުގައި ވަޒަންކުރާނެކަމަށް ޕާކިސްތާނުގެ ރައީސް އާރިފް އަލްވީ ވަނީ ވިދާޅުވެފައެވެ. އަދި ޑރ. ޚާން އުފައްދާފައިވާ ނުރައްކާތެރި ހަތިޔާރުތަކުގެ ސަބަބުން އިންޑިއާއިން ޕާކިސްތާނަށް ދެމުންގެންދާ ހަމަލާތަކުން ދިފާޢުވުމަށް ބޮޑު އެހީތެރިކަމެއް ލިބިގެން ދިޔަކަންވެސް ޕާކިސްތާނުގެ ރައީސް ވަނީ ފާހަގަކޮށްފައެވެ.