ކާޑިއޯ ވެސްކިއުލަރ ނުވަތަ ހިތުގެ ބަލިތަކުގައި މުޅި ދުނިޔެއިން އަހަރަކު 17 މިލިއަނަށްވުރެ ގިނަ މީހުން މަރުވާކަމަށް ވޯރލްޑް ހެލްތް އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ)އިން ބުނެފިއެވެ.

އެއިދާރާއިން ހާމަކޮށްފައިވާ ގޮތުގައި ހިތުގެ ބަލިތަކުގައި އަހަރު 17 މިލިއަން މީހުން މަރުވާއިރު، ދުނިޔޭގައި މަރުވާ މީހުންގެ 30 އިންސައްތަ މީހުންނަކީ ހިތުގެ ބަލިތަކުގައި މަރުވާ މީހުންނެވެ. އަދި ފަސް ބައި ކުޅަ ހަތަރުބައި ހިތުގެ މައްސަލަތަކުގައި މަރުވާ މީހުން، މަރުވެފައިވަނީ ހާރޓް އެޓޭކް އާއި ސްޓްރޯކް ޖެހިގެންކަމަށާއި، މީގެ ތެރެއިން ތިން ބައި ކުޅަ އެއްބައި މީހުންނަކީ ކުއްލި ގޮތަކަށް މަރުވާ މީހުންކަމަށާއި އެމީހުންގެ އުމުރަކީ އެވްރެޖްކޮށް 70 އަހަރުން ދަށުގެ މީހުންކަން ހާމަކޮށްފައިވެއެވެ.

Ad
rt

ހާރޓް އެޓޭކް އަދި ސްޓްރޯކް ޖެހުމަށް ދިމާވާ އެންމެ ބޮޑު އެއްކަމަކީ ކެއިން ބުއިން ހުންނަ ގޮތުންކަން ޑޮކްޓަރުން އަންނަނީ ތަކުރާރުކޮށް ބުނަމުންނެވެ. މީގެ އިތުރުން ހަށިގަނޑަށް ބޭނުންވާ މިންވަރަށް ކަސްރަތު ނުކުރެވުމާއި، ދުންފަތުގެ އިސްތިޢުމާލް ކުރުން ހިމެނެއެވެ.

ހަށިގަނޑަށް ދޭންވާ ސަމާލްކަން އެދެވޭ މިންވަރެއްގައި ނުދެވޭ ނަމަ ލޭ މައްޗަށް ދިއުމާއި، ލޭގައި ހުންނަ ގުލްކޯޒް ލެވެލް މަތިވުމުގެ އިތުރުން ބަރުދަން އިތުރުވުމާއި އޮބޭސިޓީ ނުވަތަ ފަލަ ބަލި ޖެހުން ހިމެނެއެވެ. ހަށިގަނަޑަށް ނުބަލައި ކެއިންބުއިމުގައި ހުންނަ އާދަތަކުގެ ސަބަބުން ހިތުގެ ބަލީގެ އިތުރުންވެސް އެހެން ކަހަލަ ނުރައްކާތެރި ބަލިތަކަށް މަގުފަހިކުރުވައެވެ.

ހިތުގެ ބަލިތަކުން ދުރުވުމަށް ބޭނުންވާ ކަންތައްތަކާއި ބެހޭ ގޮތުން އާންމުން ހޭލުންތެރިކުރުވުމަށް ހުރިހާ ޤައުމުތަކުންވެސް ޕްރޮގްރާމްތައް ރާވައި ހިންގުމަށް ޑަބްލިއު.އެޗް.އޯ އިން ގޮވާލާފައިވެއެވެ. މީގެ ތެރޭގައި ދުންފަތުގެ އިސްތިޢުމާލް ކުރުމުން ދުރުހެލިވުމާއި، ދުޅަހެޔޮ ކާނާ ބޭނުން ކުރުމުގެ އިތުރުން ކާއެއްޗެހީގައި ބޭނުންކުރާ ލޮނުގެ އަދަދު މަދު ކުރުމުގެ އިތުރުން ކަސްރަތު ކުރުން ހިމެނެއެވެ. އާންމު ދިރިއުޅުމުގައި ކޮންމެ ދުވަހަކުވެސް ކަސްރަތު ކުރުމަށް ވަގުތެއް ހުސްކޮށްލުން މިއީ ވަރަށް މުހިއްމު ކަމެކެވެ.

ކޮންމެ ތަނެއްގައިވެސް އާންމު ޞިއްޙަތަށް ފަރުވާދެވޭނެ ފަދަ ވަސީލަތްތައް ޤާއިމްކުރުމުގެ މުހިންމު ކަމަށް އަލިއަޅުއްވާލާ އެ އިދާރާއިން ބުނެފައިވަނީ، ޞިއްޙީ ފަރުވާދޭ ތަންތަނުގައި ކޮންމެ ފަރުދަކަށްވެސް ޓެސްޓްތައް ކުރުން ހެއޮ އަގެއްގައި ޞިއްޙީ ނިޒާމުގެ އަގުތައް ދެމެހެއްޓެނިވި ގޮތެއްގައި ކަނޑައަޅަންޖެހޭކަމަށް ބުނެފައިވެއެވެ.

ޓެސްޓްތައް ކުރުމުން ހައި ރިސްކްގައި ތިބި މީހުންގެ ތަފާސްހިސާބުތައް ބެލެހެއްޓޭނެކަމަށާއި، މިކަމުން ހިތުގެ ބަލިތަކުގެ މީހުންނަށް އެކަށީގެންވާ ފަރުވާތައް ދެވޭނެކަމަށް ބުނެފައިވެއެވެ. އަދި މިފަދަ ބަލިމީހުންނަށް ކައުންސެލިންގ ދިނުމަކީ މުހިންމެ ކަމެއްކަމަށާއި އެމީހުންނަން ބޭނުންވާ ފަރުވާ އަކީ ކުޑަ އަގެއްގައި ކުރެވޭނެ ކަމެއްގެ ގޮތުގައި ޞިއްޙީ އިދާރާތަކުން ކަނޑައަޅުމަކީ މުހިއްމުކަމެއްކަމަށް ފާހަގަކޮށްފައިވެއެވެ.