އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން އިސްވެ އޮވެ އާ ސިޔާސީ ހަރަކާތެއް ފަށަން ނިންމައި އެކަން އިއުލާންކުރަން މިރޭ ބާއްވަން ހަމަޖެއްސި ޖަލްސާ ފަސްކޮށްފިއެވެ.

އެ ހަރަކާތް ޕްރޮމޯޓްކުރާ ޓްވީޓާ އެކައުންޓް "ޑިފެންޑް މޯލްޑިވްސް"އިން ކުރި ޓްވީޓެއްގައި ބުނެފައި ވަނީ މޫސުން ތަން ނުދިނުމުގެ ސަބަބުން މިރޭ ބާއްވަން އުޅުނު ޖަލްސާ ފަސްކޮށްފައިވާ ކަމެކެވެ.

Ad
rt

މިރޭ އިދިކޮޅު ކޯލިޝަނުން ބާއްވަން އުޅުނު ޖަލްސާއަކީ އެ ކޯލިޝަނުން އިސްވެ އުފައްދާފައިވާ "މިނިވަންކަމުގެ ދިފާއުގައި ދިވެހިން" ކޮމިޓީން ކުރިއަށްގެންދަން ނިންމާފައިވާ ހަރަކާތެއްކަމަށްވާ "މިނިވަންކަމުގެ ދިފާއުގައި ދިވެހިން" ހަރަކާތް ލޯންޗް ކުރުމަށް ބާއްވަން އުޅުނު ޖަލްސާއެކެވެ.

ފެއްސާއި ރަތާއި ހުދު ރަމްޒުވާ ގޮތަށް ފަށަން ނިންމި މި ކެމްޕެއިނަކީ ގައުމުގެ މިނިވަންކަން ނަގާލަން ކުރަމުންދާ މަސައްކަތާ ދެކޮޅަށް ތެދުވުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ބާއްވާ ހަރަކާތެއް ކަމަށް މިމަހުގެ 19 ވަނަ ދުވަހު "މިނިވަންކަމުގެ ދިފާއުގައި ދިވެހިން" ކޮމިޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބުނެފަވެއެވެ.

މި ހަރަކާތުގައި ބައިވެރިވާން ސިޔާސީ ޕާޓީތަކަށް ދައުވަތު ދީފައިވާއިރު، ނަމަވެސް މިހާތަނަށް މިހަރަކާތުގައި ބައިވެރިވެފައި ވަނީ މި ހަރަކާތް އިންތިޒާމްކުރުމުގައި އިސްނެގި އިދިކޮޅު ކޯލިޝަންގެ ދެ ޕާޓީކަމަށްވާ ޕީޕީއެމްއާއި، ޕީއެންސީ ކަމަށް އެނގިފަވެއެވެ.

އިދިކޮޅުން ވަނީ މި މަހުގެ 3 ވަނަ ދުވަހު ކާނިވަލުގައި "އައްޑަނަ" ނަމުގައި ބޮޑު ޖަލްސާއެއް ބާއްވާފައެވެ. މި ޖަލްސާގައި ގިނަ ބަޔަކު ބައިވެރިވެފައިވެ އެވެ.