ތ. އަތޮޅުގެ ގާދިއްފުށްޓާއި ބުރުނީގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފިއެވެ.
ޕްލޭނިން މިނިސްޓްރީގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުންތަކުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމެވެ.
މި މަޝްރޫއުގެ ދަށުން ގާދިއްފުށީގެ ރަށް ގިރުމުގެ މައްސަލަ ހައްލު ކުރުމަށްޓަކައި 500 މީޓަރުގެ ރިވެޓްމަންޓަކާއި 15 މީޓަރުގެ ގްރޮއިން ޖެހުމުގެ މަސައްކަތް ކުރާނެއެވެ.
މިއީ 17.7 މިލިއަން ރުފިޔާގެ މި މަޝްރޫއެކެވެ. މި މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 180 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ.
ބުރުނީގެ ރަށް ގިރުމުގެ މައްސަލަ ހައްލު ކުރުމަށްޓަކައި 369 މީޓަރުގެ ބްރޭކްވޯޓާ ހެދުމާއި 220 މީޓަރުގެ ރިވެޓްމަންޓް ޖެހުމުގެ އިތުރުން ބީޗް ރިޕްލެނިޝްކުރުމުގެ މަސައްކަތް ކުރާނެއެވެ.
28.8 މިލިއަން ރުފިޔާގެ މި މަޝްރޫއުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 240 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!