ދިވެހިރާއްޖެއިން ހުރިހާ ސިފައެއްގައި ޓެރަރިޒަމް ކުށްވެރިކުރާކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ އ.ދ. ގެ 76 ވަނަ ޢާންމު މަޖިލީހުގައި އެމަނިކުފާނު ދެއްވި ތަޤުރީރުގައެވެ.
މި ތަޤްރީރުގައި، ދުނިޔެއަށް ކުރިމަތިވެފައިވާ އެންމެ ބޮޑެތި ގޮންޖެހުންތަކުގެ ލިސްޓުގެ އެންމެ ކުރީގައި އޮތީ ޓެރަރިޒަމްކަން ފާހަގަކުރައްވާ ވިދާޅުވީ ބޮޑެތި ގައުމުތަކުން ކުދި ގައުމުތަކަށް ވެސް ފެތުރިގެން އައިސް މި ވަބާއިން ރާއްޖެ ވެސް ސަލާމަތް ނުވި ކަމަށެވެ.
ރައީސް ވިދާޅުވީ ހަރުކަށި ފިކުރުން ދީން މާނަކުރުމުގެ ނުރައްކަލަށް ބަލަހައްޓައިގެން ތިބެވެން ނެތްކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ ރާއްޖެއަކީ ފެށުނީއްސުރެ މެދުމިނުގެ ދީނީ އަޤީދާ ޤަބޫލުކުރާ ޤައުމެއް ކަމަށެވެ. ނަމަވެސް ރާއްޖެއަށްވެސް ހަރުކަށި ފިކުރު ފެތުރިފައިވާކަން ފާހަގަކުރައްވައި، ރައީސުލްޖުމްހޫރިއްޔާ ވަނީ މި އަހަރުގެ މެއި މަހުގެ 6 ވަނަ ދުވަހު، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ދިން ޓެރަރިސްޓް ހަމަލާގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.
އެ ހަމަލާއަށް އިޝާރާތްކުރައްވައި ރައީސުލްޖުމްހުރިއްޔާ ވިދާޅުވީ އެއީ ދިވެހި ބިމުގައި ދެވުނު ބޮޑު، ނުރައްކާތެރި ޓެރަރިސްޓް ހަމަލާއެއް ކަމަށާއި އެފަދަ ހަމަލާތައް ދީ، ޅަކުދިންގެ ސިކުނޑިތަކުގައި ހަރުކަށި ފިކުރު އަށަގަންނުވަން ސަރުކާރުން ފުރުޞަތު ނުދެއްވާނެކަމަށެވެ.
އަދި ރައީސުލްޖުމްހޫރިއްޔާގެ ތަޤްރީރުގައި، ޓެރަރިޒަމްގެ ޢަމަލުތައް ކުށްވެރިކުރުމުގެ އިތުރުން ޓެރަރިޒަމް ހުއްޓުވުމަށް ބައިނަލްއަޤްވާމީ މުޖްތަމަޢަށް އެއްބާރުންދީގެން ރާއްޖެއިން މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަންވެސް ދުނިޔޭގެ ލީޑަރުންނަށް އެމަނިކުފާނު ދެއްވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!