ހިޔާ މަޝްރޫއުގެ ދަށުން އެމްޕީއެލުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތްކުރާ ފްލެޓުތައް އަންނަ އަހަރުގެ ކުރީކޮޅު ހަވާލުކުރަން ފަށާނެ ކަމަށް އެ ކުންފުނީގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވެއްޖެއެވެ.
ޝާހިދު މިހެން ވިދާޅުވީ ރޭ ބޭއްވި އެމްޕީއެލްގެ 35ވަނަ އަހަރީ ދުވަހުގެ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ. މި ޖަލްސާގައި ނައިބު ރައީސް ފައިސަލް ނަސީމް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މި ޖަލްސާގައި ޝާހިދު ވިދާޅުވީ، އެ ކުންފުނީގެ ފްލެޓުތަކުގެ ހުރިހާ މަސައްކަތެއް އަންނަ އަހަރުގެ ކުރީކޮޅު ނިންމައިލެވޭނެ ކަމަށެވެ. އޭނާ ވިދާޅުވިގޮތުގައި މި މަސައްކަތް ލަސްވީ ކޯވިޑް-19ގެ ސަބަބުން ދިމާވި ދަތިތަކުގެ ސަބަބުންނެވެ.
"އަޅުގަނޑުމެން އުއްމީދު ކުރަނީ އަންނަ އަހަރުގެ ކުރީކޮޅު ހިޔާ ޕްރޮޖެކްޓުގެ ފްލެޓުތަކުގެ މަސައްކަތް ނިންމައިލެވި، އަޅުގަނޑުމެންގެ މުވައްޒަފުންނާ އެ ފްލެޓުތައް ހަވާލު ކުރެވޭނެ ކަމަށް،" ޝާހިދު ވިދާޅުވިއެވެ.
އޭނާ ވަނީ ކޯވިޑްގެ ހާލަތުގައި އެމްޕީއެލްގެ މުވައްޒަފުން ކޮށްދިން ހިދުމަތަށް ޝުކުރު އަދާކުރައްވައިފައެވެ. މިކަން އަގުވަޒަން ކުރުމަށް ކޯވިޑްގެ ހާލަތުގައި ކަރަންޓީންވެ ތިބެ ހިދުމަތް ކުރި މުވައްޒަފުންނަށް ވަނީ ހަނދާނީ ލިޔުން ހަވާލު ކޮށްފައެވެ.
އެމްޕީއެލްގެ ހިދުމަތްތައް ކުރިމަގުގައި ތަރައްގީ ކުރުމަށް ކުރަމުން އަންނަ މަސައްކަތްތަކުގެ ދަށުން އެ ކުންފުނީގެ މުވައްޒަފުން އިތުރަށް ތަމްރީނުކޮށް އިންސާނީ ވަސީލަތްތައް ހަރުދަނާ ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވެސް ޝާހިދު ވިދާޅުވިއެވެ. އެގޮތުން، އެ ކުންފުނިން ދޭ ހިދުމަތްތަކާ ގުޅޭ ދާއިރާތަކުން މަތީ ތައުލީމު ހާސިލު ކުރުމުގެ ފުރުސަތު ވެސް މިހާރު ވަނީ ހުޅުވާލައިފައެވެ. މި ފުރުސަތުގެ ދަށުން ފަސް މީހަކަށް ވަނީ ސްކޮލާޝިޕް ދީފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!