ގައުމުގައި އުފެދިފޭ މައްސަލަތައް ހައްލުކުރަން މަޖިލީހަށް ހުށަހެޅުމުން އެ މައްސަލައަށް ބަހުސް ކުރައްވަން ލިބޭ ވަގުތުގައި "ދަތްދޮޅީގެ" ވާހަކަ ދައްކައިގެން މައްސަލަތައް ހައްލު ނުވާނެކަމަށް މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.
އިދިކޮޅު ކޯލިޝަންގެ ޕީޖީ ލީޑަރުކަން ވެސް ކުރައްވާ ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް މިހެން ވިދާޅުވީ ހުޅުމާލޭ ޖަލުގައި ޙުކުމް ތަންފީޒު ކުރަމުން ދިޔަ ގައިދީއެއް ކުއްލި ގޮތަކަށް ރޭ ނިޔާވި މައްސަލަ ތަހުގީގުކުރުމަށް ގޮވާލާ ރައްޔިތުންގެ މަޖިލިސްއަށް އޭނާ މިއަދު ހުށަހަޅުއްވި ކުއްލި މައްސަލައިގެ ބަހުސްގައި ވާހަކަ ދައްކަވަމުންނެވެ.
ކުރީގެ ސަރުކާރުގެ ދުވަސްވަރު އާދަމް ޝަރީފް ޑިފެންސް މިނިސްޓަރު ކަމުގައި ހުންނެވިއިރު އޭރު އޮތް މަޖިލީހުގެ މެޖޯރިޓީ ޕީޕީއެމް ސަރުކާރަށް ގެއްލުމުން ރައްޔިތުން މަޖިލިސްގައި ސިފައިން ތަޅުއަޅުވައި، މެންބަރުން މަޖިލީހަށް ވަންނަށް ތާށިކޮށް ގިނަ ކަންތައް ތަކެއް ހިނގިއެވެ. އޭގެ ތެރޭގައި ބައެއް މެންބަރުންގެ ގޮނޑި ގެއްލުވާލައި، ބައެއް މެންބަރުންނަށް ދައުވާ އުފުލުމަށް ފަހުވެސް މަޖިލީހަށް ވަނަނުދީ ހިފެހެއްޓިއެވެ. މިދުވަސްވަރު އާދަމް ޝަރީފް ސިފައިން ތަކަކާއި ދެއްކެވި ވާހަކައެއްގައި "އަޅުގަނޑު ނަމަ އެ ބޭފުޅުންގެ ދަތްދޮޅި ދުއްވާލާނެ ކަމަށް" މަޖިލީހު މެންބަރުންނަށް ނިސްބަތްކޮށް ވިދާޅުވާ އޯޑިއޯއެއް އާންމުވިއެވެ. އެހެން އެކަން ހިނގާފައިވާތީ މިހާރު އޮތް މަޖިލީހުގައި އާދަމް ޝަރީފްވެސް ހިމެނިވަޑައިގަންނަވާއިރު، ބަހުސްތަކުގައި ސަރުކާރަށް ނިސްބަތްވާ ބައެއް މެންބަރުން ގެންދަވަނީ "ދަތްދޮޅީގެ" ހަނދާން އާކުރައްވަމުންނެވެ.
މިއަދު މަޖިލިސް ތަޅުމުގައި ވާހަކަ ދައްކަވަމުން އާދަމް ޝަރީފް ވިދާޅުވީ، އަދުލު އިންސާފު ހޯދައިދިނުމަށް ވެރިކަމަށް އައި އެމްޑީޕީން ރައްޔިތުންނަށް އިންސާފް ހޯދައިދޭން ތިބިކަމަށް ރައްޔިތުން މިހާރު ގަބޫލު ނުކުރާ ކަމަށެވެ. އަދި ރައްޔިތުންނަށް ގަބޫލު ކުރެވެނީ މަޖިލިސްގެ ރައީސް، އަދި އެމްޑީޕީގެ "ރައީސް މުޙައްމަދު ނަޝީދު ދިޔަފަދައިން" މި ގައުމު ދޫކޮށްލާފައި އިންސާފު ހިންގައްޖެކަމަށް ކަމަށެވެ.
އޭނާ ވިދާޅުވީ މިއަދު އިންސާފު ހޯދާ ދިނުމަށް މަޖިލިސްގައި ތިބީ 9 ވަރަކަށް 10 ވަރަކަށް މެންބަރުން ކަމަށެވެ. އެކަމަށް ސަރުކާރުގެ ވުޒާރާތަކާއި، މިނިވަން މުއައްސަސާތަކުން މަސައްކަތްކުރާ ތަން ނުފެންނަ ކަމަށް އޭނާ ވިދާޅުވިއެވެ.
" މިތަނުގައި ތިއްބެވި މެންބަރުން ކޮޅެއް މި މައްސަލަ ބަލައިގަންނަން ވޯޓު ދެއްވައިފި، އެއިން އެނގެނީ ރައްޔިތުންނަށް ކޮންމެވެސް ވަރެއްގެ އުންމީދެއް ދޭނެ މަދު މެންބަރުންކޮޅެއް މިތަނުގައި އެބަތިބިކަން، އެހެންނަމަވެސް އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މި މައްސަލަތަކާ ދޭތެރޭގައި މިވާހަކަ ދައްކައް ތެދުވަންނަވާފަ ދަތްދޮޅީގެ ވާހަކަ ދެއްކުމަކުން މައްސަލަ ހައްލެއްނުވޭ" އާދަމް ޝަރީފް ވިދާޅުވިއެވެ.
ރައްޔިތުން އެމްޑީޕީއަށް 65 މެންބަރުންނާއެކު ސްޕަރ މެޖޯރިޓީ ދިނީ އަދި ސަރުކާރަށް އެބާރު ދިނީ އެ ރައްޔިތުންނަށް ސުލްހަވެރިކަމާއެކީގައި، އަދުލު އިންސާފް ލިބިގެން ދިރިއުޅެވޭނެ ކަމުގެ ޔަގީންކަން ހޯދަންކަމަށް އޭނާ ވިދާޅުވިއެވެ. މިއަދު އެ ފުރުޞަތު ލިބުނީމަ އެހެން މިސްރާބަކަށް ގައުމުދާއިރު، 450 މިލިއަން ރުފިޔާގެ އަގުހުރި މެންބަރުންނަށް އެ މެންބަރުން ވިޔެއްކަމަކު ރައްޔިތުންނަށް އަދުލުވެރިކަމާއި އިންސާފްވެރިކަމާއެކު ދިރި އުޅުވޭނެކަން ކަށަވަރުނުވާނަމަ ރައްޔިތަކަށް ސަރުކާރެއް އޮތުމުގެ ބޭނުމަކީ ކޮބައިތޯ އޭނާ ވަނީ ސުވާލު ކުރައްވާފައެވެ.
ރައްޔިތުންނަށް ކުރިމަތިވެފައިވާ ހާލަތު ބަދަލުކުރުމަށް މަސައްކަތް ނުކުރާ ހިނދެއްގައި ރައްޔިތުންގެ ހާލަތު ބަދަލެއް ނުވާނެ ކަމަށާއި، މިއަދު ކުރަންޖެހޭ ކަމަކީ ދައުލަތުގެ މުއައްސަސާތަކުގައި ތިބި މީހުން މަޖިލީހަށް ހާޒިރުކޮށް ނަތީޖާ ނުނެރެވޭ މީހުންނަށް ނަތީޖާ ނެރެވޭ ގޮތައް ހެދުން ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ރައްޔިތުންގެ ހައްގުގައި ވަކާލާތު ކުރެވޭ ބަޔަކަށް މެންބަރުން ވެގެން ނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!